ޚަބަރު

މުއިއްޒު ގާނޫނުއަސާސީއާ ހިލާފު ވެއްޖެކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި

ދިޔަވަރު
މުއިއްޒު ގާނޫނުއަސާސީއާ ހިލާފު ވެއްޖެކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސުއޫދުގެ އިސްތިއުފާ މި އައީ އޭނާގެ މައްސަލައެއް ޖޭއެސްސީ އާއި އޭސީސީން ބަލާކަމަށް ބުނެ ސަސްޕެންޑްކޮށްފައި އޮއްވަ އެވެ. އެކަމަކު ސަރުކާރަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެއީ ސުޕްރީމް ކޯޓުން ބަލަން ނިންމި މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ހުއްޓުވަން ސަރުކާރުގެ ނުފޫޒުގައި އެޅި ފިޔަވަޅެކެވެ.

ސުއޫދުގެ ސިޓީގައި ބަޔާންކުރައްވާފައި ވަނީ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާ އެކު އެކަން ހުއްޓުވަން ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ ގާނޫނުއަސާސީއާ ހިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބަރަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.

އެ ތުހުމަތުގެ އިތުރުން ސުއޫދު ވިދާޅުވި ގޮތުގައި އެ މައްސަލަ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ނިންމަން ގާނޫނުއަސާސީގެ 144ގެ ނ. އާއި ރ. އާ ހިލާފަށް ސުޕްރީމް ކޯޓަށް އެމަނިކުފާނު ގެންދަވަނީ ނުފޫޒު ފޯރުވަމުންނެވެ.

"އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" މިއަދުގެ ތާރީހު،4 މާޗު 2025ގައި ފޮނުއްވި ސިޓީގައި ފަނޑިޔާރު ސުއޫދު ލިއުއްވި އެވެ.