ޚަބަރު

ފަނޑިޔާރުން ސަސްޕެންޑް ކުރީ، މުއިއްޒު އެންގި ގޮތަށް ހަދަހަދައިގެން ވުޖޫދުގައި ނެތް މައްސަލައެއް ފަނޑިޔާރުންނާއި ދެކޮޅަށް އޭސީސީއިން އުފަންކޮށްގެންކަން ފަޅާ އެރުމުން، އާންމު ރައްޔިތުންނާއި، ބައިނަލްއަޤްވާމީ މުޖުތަމަޢު ވެސް ބޮޑު ސިހުމަކަށް!

ދިޔަވަރު
ފަނޑިޔާރުން ސަސްޕެންޑް ކުރީ، މުއިއްޒު އެންގި ގޮތަށް ހަދަހަދައިގެން ވުޖޫދުގައި ނެތް މައްސަލައެއް ފަނޑިޔާރުންނާއި ދެކޮޅަށް އޭސީސީއިން އުފަންކޮށްގެންކަން ފަޅާ އެރުމުން، އާންމު ރައްޔިތުންނާއި، ބައިނަލްއަޤްވާމީ މުޖުތަމަޢު ވެސް ބޮޑު ސިހުމަކަށް!

ފަނޑިޔާރުން ސަސްޕެންޑް ކުރީ، މުއިއްޒު އެންގި ގޮތަށް ހަދަހަދައިގެން ވުޖޫދުގައި ނެތް މައްސަލައެއް ފަނޑިޔާރުންނާއި ދެކޮޅަށް އޭސީސީއިން އުފަންކޮށްގެންކަން ފަޅާ އެރުމުން، މުއިއްޒުގެ އަނިޔާވެރިކަން ފެނި، އާންމު ރައްޔިތުންނާއި، ރާއްޖޭގައި ހުރި އެމްބަސީތަކާއި، ބައިނަލްއަޤްވާމީ މުޖުތަމަޢު ބޮޑު ސިހުމަކަށް ހިނގައްޖެއެވެ. މިކަރާއި ހީލަތުން ބަޔަކަށް އަނިޔާވެރި ވުމުގައި މިފަދަ ދަރަޖައަކަށް ޤައުމެއްގެ ވެރިއަކު ގޮސްފާނެ ކަމަށް އެއްވެސް ބަޔަކު ޤަބޫލެއް ނުކުރެއެވެ.

ފަނޑިޔާރުންނާއި ދެކޮޅަށް އުފަން ކޮށްފައި ވަނީ ފޭކް މައްސަލައެކެވެ. މިކަން ފަޅާ އަރުވާލާފައި ވަނީ އަދަދު ނޫހުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފަންކުރި ފޭކު މައްސަލަ ބަލަމުންދާ ކަމަށް ބުނެ ފޮނުވި ސިޓީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްދު ކުރީ އާންމު އުސޫލުތަކާ ހިލާފަށް އަތުން އަތަށެވެ. ދައުލަތުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ބޭނުންކުރަނީ ގަވަމެންޓު އީ ލެޓާ މެނޭޖުމަންޓު ސިސްޓަމް (ޖެމްސް) އެވެ. ހުރިހާ ދައުލަތުގެ އިދާރާއެއް މި ސިސްޓަމުން ގުޅިފައިވާއިރު އެ ފަރުމާކޮށްފައި ވަނީ ސިއްރު ލިޔެކިޔުންތައް ވެސް ފޮނުވޭ ގޮތަށެވެ.

މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އޭސީސީން އުފަންކުރި އެ މައްސަލައިގެ ސިޓީ ހިފައިގެން ޖޭއެސްސީއަށް ދިޔުމަށް އޭސީސީގެ މުވައްޒަފަކު އެ އޮފީހުން ނުކުތީ 09:45 ހާއިރު ކަމަށާއި އޭނާއަށް ސިޓީ ހިފައިގެން ޖޭއެސްސީއަށް ވަދެވުނު އިރު ގަޑިން 10:00 ޖަހަނީ ކަމަށް މި ނޫހަށް ވަނީ އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފަ އެވެ. އެ ސިޓީ އަތުން އަތަށް ރައްދު ކުރުމަށް އޭސީސީން ޖޭއެސްސީއަށް ފޮނުވީ ޖޭއެސްސީގެ ބައްދަލުވުމެއް އާންމު އުސޫލާ ހިލާފަށް އެ ދުވަހު ބާއްވާކަން އެނގިފައި އޮތުމުން ކަމަށް ބެލެވެ އެވެ.

އާންމު އުސޫލާއި ޚިލާފަށް ޖޭއެސްސީގެ ބައްދަލުވުން ބޭއްވީ 10:30 ގައެވެ. އެކަން އެގޮތަށް ކުރުމަށް އަންގާފައިވަނީ މުއިއްޒު އެވެ. އާންމުކޮށް މި މީޓީންގ ބާއްވަނީ ކޮންމެ ބުދަ ދުވަހެއްގެ މެންދުރު 2:00 ޖަހާއިރެވެ. ބޭއްވީ ކުއްލި ޖަލްސާއެކެވެ. ކުއްލި ޖަލްސާއެއް ބާއްވަން ބޭނުންވަނީ ތިން މެންބަރެއްގެ ސޮޔެވެ. އެ ޖަލްސާއަށް ފޮނުވީ އެންމެ 13 މިނެޓުގެ ނޯޓިހެކެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލަން ކުޑަތަންވެފައި އޮއްވައި ތެޅި ފޮޅިގަނެގެންނެވެ.

އެ ދުވަހުގެ 11:00 އަށް ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ވެސް ތާވަލުކުރި އެވެ. ފަނޑިޔާރުން ސަސްޕެންޑު ކުރުމުން އެ އަޑުއެހުން ކެންސަލް ވީއެވެ. މިއީ މުއިއްޒު އެ ދުވަހު ފޭކު މައްސަލައެއް ވައްދައިގެން އެ މައްސަލައިގެ ސަބަބުން ކަމަށް ބުނެ، ފަނޑިޔާރުން ސަސްޕެންޑް ކުރި ސަބެބެވެ.

މުއިއްޒު އަންގާ ގޮތައް މައްސަަލަ އެއް އުފަން ކުރަމުން ދާތީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތެއް މިހާތަނަށް ބުނެދޭކަށް އޭސީސީއަށް ނޭނގެއެވެ.

މިއީ މުޅި ދުނިޔޭގެ ލެވެލްގައިވެސް ޤައުމަކުން ކޮށްފާނެ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ވަރުގެ ނުބައި، ހައްދުފަހަނައެޅި އަނިޔާވެރި އަމަލެކެވެ. މިކަމުގައި ބޭއިންސާފާއި އަނިޔާ ލިބިގެންދާނީ ރައްޔިތުންނަށެވެ.