ޚަބަރު

މެމްބަރުންގެ ގޮނޑި ގެއްލުވާ ނުލެވޭނެކަމުގެ ވަގުތީ އަމުރަކަށް އެދި ސުޕްރިމް ކޯޓަށް ހުށަހެޅުނު މައްސަލަ ހުއްޓުވަން މުއިއްޒު ފަނޑިޔާރު އަލީ ރަޝީދަށް 6 މިލިއަން ރުފިޔާގެ ރިޝްވަތުގެ ފައިސާ ދިން!

ދިޔަވަރު
މެމްބަރުންގެ ގޮނޑި ގެއްލުވާ ނުލެވޭނެކަމުގެ ވަގުތީ އަމުރަކަށް އެދި ސުޕްރިމް ކޯޓަށް ހުށަހެޅުނު މައްސަލަ ހުއްޓުވަން މުއިއްޒު ފަނޑިޔާރު އަލީ ރަޝީދަށް  6 މިލިއަން ރުފިޔާގެ ރިޝްވަތުގެ ފައިސާ ދިން!

ގާނޫނު އަސާސީއަށް ގެނައި އެންޓި ޑިފެކްޝަންގެ އިސްލާހާއި ގުޅުންހުރި ދުސްތޫރީ މައްސަލަ އެ ކޯޓުގައި ކުރިޔަށް ދަނިކޮށް, މެމްބަރުންގެ ގޮނޑި ގެއްލުވާ ނުލެވޭނެކަމުގެ ކުއްލި އަމުރެއް ނެރެދިނުމަށް, ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ގެންދިއުމުގެ ކުރިން ރައީސް މުއިއްޒު ރިޝްވަތުގެ ކަޅު ފައިސާ ދީގެން, ސުޕްރިމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ގަނެލާފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މެމްބަރުންގެ ގޮނޑި ގެއްލުވާ ނުލެވޭނެކަމުގެ ވަގުތީ އަމުރެއް ނެެދިނުމަށް މައްސަލަ ހުށަހެޅުމަށްފަހު, ޖެހިގެން އައި ދުވަހު ހެނދުނު މައްސަލަ ކުރިޔަށް ގެންދިއުމަށް ތާވަލްކޮށް, މައްސަލައިގެން ބެންޗުގައި ހިމެނޭ ހުރިހާ ފަނޑިޔާރުންވެސް, ބެންޗަށް ވަޑައިގެންނެވުމަށް ތައްޔާރު ވެވަޑައިގަތް އިރުވެސް, ފަނޑިޔާރު އަލީ ރަޝީދު ގައުން ތުރުކުރައްވައިގެން ބެންޗަށް ވަޑައިގެންފައެއް ނުވެއެވެ.

އަދި ތާވަލް ކޮށްފައި އޮތް މައްސަލަ, ފަނޑިޔާރު އަލީ ރަޝީދު ގަޑިއަަށް ވަޑައި ނުގަތުމުގެ ސަބަބުން ފެށޭގޮތް ނުވެ ވަނިކޮށް, ފަނޑިޔާރުންނަށް ލިބުނީ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ސަސްޕެންޑް ކުރިކަމުގެ ނޯޓިސް އެވެ.

އެނގިފައިވާ ގޮތުގައި, އެދުވަހުގެ ޝަރީއަތަށް ބެންޗުގައި ހިމެނޭ އެހެން ފަނޑިޔާރުން ވަޑައިގަތުމަށްފަހު, ފަނޑިޔާރު އަލީ ރަޝީދު ލަސްވެގެން, ގޮނޑިކޮޅުތަކަށް ވަޑައިނުގެން މަޑުކުރައްވަން ޖެހިވަޑައިގަތީ, ފަނޑިޔާރު އަލީ ރަޝީދު މުއިއްޒުއާ "ޑީލް" ހައްދަވައިގެން, ފަނޑިޔާރުން ސަސްޕެންޑްކުރަން ޖޭއެސްސީއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ.

މެމްބަރުންގެ ގޮނޑި ގެއްލުވާ ނުލެވޭނެކަމުގެ ވަގުތީ އަމުރެއް ނެެދިނުމަށް ހުށަހެޅުނު މައްސަލައިގެ ބެންޗަށް ވަޑައި ނުގަތުމަށް ޝަރުތުކޮށް, މުއިއްޒު ފަނޑިޔާރު އަލީ ރަޝީދަށް 6 މިލިއަން ރުފިޔާ ރިޝްވަތުގެ ފައިސާ ދިންކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައި ވެއެވެ.

މުއިއްޒު މައްޗަށް ސުޕްރިމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ތުހުމަތުކޮށް ފަނޑިޔާރު ހުސްނުއްސޫދު މިއަދުވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދީފައެވެ. އަދި މުއިއްޒު މިހާރުވަނީ ފަނޑިޔާރުންގެ ބެންޗު މަދުކުރުމަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ބޭނުން ކޮށްގެން ކޯޓުތަކާބެހޭ ގާނޫނު އިސްލާހުވެސް ކޮށްފައެވެ.

ޝަރުއީ ދާއިރާއަށް ނުފުޒު ނުފޯރުވާނެކަމަށް ވައުދުވެގެން އައި މުއިއްޒު މިހާރު ގެންދަވަނީ, އޭނާގެ ގޮނޑިކޮއްކޮ ސުޕްރިމް ކޯޓެއް ގާއިމް ކުރުމަށް އެކޯޓަށް ނުފޫޒު ފޯރުވަމުންނެވެ.