ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ހުސްނުއްސުއޫދު ދެއްކި 4 މީހުންނަކީ ދިވެހިންގެ ލެއަށް ދަހިވެތި ވެފައި ތިބި ބައެކެވެ. ދިވެހި ރައްޔިތުންނަށް ތަންމިނަށް އަނިޔާވެރިވެ، ދިވެހިންގެ ލޭ ހަލާލު ކޮށްގެން އެތައް ބައެއް ޖަލުގެ ކުޑަ ގޮޅިތަކަށް ލުމަށް ތައްޔާރު ވަމުންދާ ދިވެހި ޤައުމުގެ އަދާވާތްތެރިންތަކެކެވެ. ދިވެހިންގެ ލެއަށް ފެންބޮވައި ގަނެފައިވާ ޖައްލާދުންތަކެކެވެ.
މި މީހުން ޖައްލާދުންނަށް ވާ ގޮތަކީ މި އަނިޔާވެރިކަމަށް ރައްޔިތުން ގެންގޮސް ލަވާތީއެވެ. މި މީހުން ޖައްލާދުންނަށް ވާ ގޮތަކީ މިކަމުގެ ސަބަބުން ޤައުމުގައި ލޭ އޮހޮރުވުން އުފެދި އެތައް ބަޔަކު މަރުވެގެން ގޮސްފާނެތީއެވެ. މި މީހުން ޖައްލާދުންނަށް ވާ ގޮތަކީ އެތައް ބަޔަކު ހެޔޮ ވެރިކަމަށް ގެނައުމަށް ފުރާނައިން ވި ޤުރުބާނީއާއި، ފިދާވެ ކުރި ޖިހާދުން ހޯދި ނިޒާމު އެކޮށް ފުނޑުފުނޑު ކޮށްލާތީއެވެ. މި މީހުން ޖައްލާދުންނަށް ވަނީ ބާރަށްޓަކައި އަނެކާއަށް ކޮންމެ ފަދަ އަނިޔާއެއް ކުރަން ނުކުމެ ތިބީތީއެވެ.
ޑިމޮކްރަސީ އާއި، ފަރުދީ މިނިވަން ކަމާއި، ހެޔޮ ވެރިކަމުގެ ނިޒާމެއް ގެނައުމަށް އެތައް ބައެއްގެ ޖަލުގޮޅީގައި ވަނީ ހައްޔަރު ވެފައެވެ. އެތައް ނޫސްވެރިންނެއް ވަނީ ގެއްލި މަރުވެ ގޮސްފައެވެ. މި ތުރާލާއި އުނދަގުލުން ގެނައި ޑިމޮކްރެސީގެ ތެރެއިން ވެރިކަން މި ފަހަރު ލިބުނީ ޑިމޮކްރަސީ އޮތަތީވެ މުއިއްޒަށެވެ.
ނަމަވެސް އެ ހުރިހާ ޤުރުބާނީއެއް ވެގެން ގެނައި ފަރުދީ މިނިވަން ކަމާއި، މިނިވަން މުއައްސަސާތަކާއި، މިނިވަން މަޖިލީހާއި، މިނިވަން ކޯޓުތައް، ޑިމޮކްރަސީއާއި، ލިބަރަލިޒަމްގެ ރީތި އުސޫލުތަކުން މުއައްސަސާތަކާއި ވެރިކަމުގެ ނިޒާމު އިތުރަށް އިސްލާހު ކުރަމުން އައި ވެށްޓެއް، ދުނިޔޭގެ އެއްވެސް އުސޫލެއް ހަމައެއް ލަމައެއް އިންސާނީ ކަރާމާތެއް ޤަބޫލު ނުކުރާ ބަޔަކު އައިސް ޗިސްޗިސް ކޮށްލުމަކީ މުޅި ދިވެހި ޤައުމު އެކަމަކާއި ކަރުނައަޅާ ރޯނެ ކަމެކެވެ. އަދި އެކަމުގެ ހިތި އެތައް ޒަމާނަކަށް ދެމިގެންދާނެ ކަމެކެވެ.
އަނިޔާވެރިކަމާއި، ފިއްތުމާއި، ބާރުތައް މުށުތެރެއަށް ޖަމާކޮށްގެން ވެރިކަން ކުރާ ކޮންމެ މީހަކަށް ދުނިޔެ އޮތީ ބަލާށެވެ. މި އަނިޔާވެރި ކަމުގެ ތެރެއިން ކާމިޔާބުވެވޭނެ ފަރާތެއް ނެތެވެ. އެތައް ބަޔަކަށް އަނިޔާވެރި ވެގެން ވެރިކަން ކުރެވޭ ނަމަ، ޝޭޚު ހަސީނާއަށް ބަންގްލަދޭޝްގައި ވެރިކަން ކުރީހެވެ.
ރައްޔިތުންގެ ބާރުތައް ފިއްތާވަރަކަށް، ނިމޭލެއް މުއިއްޒަށް ހިތިވާނެއެވެ.
ސްޕްރީމް ކޯޓުގެ ދޮރުގައި މުއިއްޒު ޖައްލާދު ހެދިގެން ޓަކި ޖަހާނެ ކަމަށް ދިޔަވަރު ނޫހުން މީގެ އެތައް މަހެއް ކުރިން ހާމަ ކުރިއެވެ. ދެން އޮތީ މީހުން ހައްޔަރު ކުރުވުމާއި ގެއްލުވުމެވެ. އެކަންވެސް މުއިއްޒު ކުރާނެއެވެ. އެ ހުރިހާކަމަކަށް އެހީވަމުން ދަނީ މި ހަތަރު މީހުންނާއި، ހޯމް މިނިސްޓަރަކަށް ހުރި އިޙްސާންއެވެ.