ޚަބަރު

ފަނޑިޔާރުންނަށް ބިރު ދައްކައި، ފަނޑިޔާރުން ފްރޭމްކޮށް ޖަލަށް ލުމަށް މުއިއްޒު ހިންގާފައިވާ ޤާނޫނީ ބޮޑެތި ބައެއް ކުށްތައް

ދިޔަވަރު
ފަނޑިޔާރުންނަށް ބިރު ދައްކައި، ފަނޑިޔާރުން ފްރޭމްކޮށް ޖަލަށް ލުމަށް މުއިއްޒު ހިންގާފައިވާ ޤާނޫނީ ބޮޑެތި ބައެއް ކުށްތައް

ރައީސް މުއިއްޒު އާއި އެޓާރނީ ޖެނަރަލް އުޝާމް އާއި، ހޯމް މިނިސްޓަރ އިހްސާނު އިސްވެ ހުންނަވައިގެން ފަނޑިޔާރުންނަށް ބިރު ދައްކައި، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށްޓަކައި ގޭންގެއްގެ ސިފާގައި ދަނީ އެކި އެކި ބޮޑެތި ކުށްތަކަށް އަރައިގަންނަމުންނެވެ.

މި ގޮތުން ސީދާ މުއިއްޒުގެ އެންގުމަށް ޕަބްލިކް ޕްރޮސިކިއުޓަރ ގެ މަގާމުގައި ހުންނެވި ޙުސައިން ސާމީ ކިޔާ މީހެއް މެދުވެރި ކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އުފައްދައިގެން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގައި ފަނޑިޔާރުންނާ ދެކޮޅަށް ބަޔާން ދިނުމަށް ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ދަނީ ބިރު ދައްކަމުންނެވެ.

މި ބިރު ދެއްކުމުގެ ތަފުސީލުތަކަށް ބަލާއިރު އަންނަނިވި ކަންކަން ހިމެނޭ.

1- ރޭވުމެއްގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން މަސާޖު ކުރި މައްސަލާގައި ހައްޔަރުކޮށް ފައި ވަނިކޮށް، އެ މައްސަލައަށް ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނުފޫޒު ފޯރުވިކަމަށް ދޮގު ހަދައި، އެ ދެ ފަނޑިޔާރުން މަޤާމުން ދުރުކުރުމުގެ މަސައްކަތް ހޯމް މިނިސްޓަރ އިޙްސާންއާއި، އެޓަރނީ ޖެނެރަލް އުޝާމް މެދުވެރިކޮށް ދުރާލައި ރޭވިގެން، އެކަމަށް ބޭނުންވާ ހެކި އުފެއްދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

2- މި ރޭވުމުގެ ތެރެއިން އުފަންކުރުވި މައްސަލައިގައި އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް ހެއްކެއް ނުލިބުމުން، ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފުގެ އެހީތެރިކަމަށް އެ ދެ ވަޒީރުން އެދުނެވެ. ޢައްބާސް ޝަރީފް އަކީ މުއިއްޒު އަންގައިގެން ޕީޖީގައި ހުރެ، އެތައް މައްސަލަތަކެއް އިންސާފުން ބޭރުން ބޮޑެތި ކުށްވެރިންނަށް މަންފާވާހެން، މުއިއްޒު ބޭނުންވާ ގޮތަށް ދައުވާ ކުރުމާއި ނުކުރުން ނިންމަމުންދާ ޚާއިނެކެވެ. ޢައްބާސް ޝަރީފް ހުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައުމަށްޓަކައި މުއިއްޒު ބުނި ކަމެއް ބުނި ގޮތަކަށް ކުރަން މުއިއްޒަށް ސަޖިދަ ޖަހާ ހިސާބުގައެވެ. އުޝާމު އާއި، އިޙްސާނުއާއި ޢައްބާސްގެ ނުބައިކަން ހުރި މިންވަރަކީ އިންސާނަކަށް އެކަން އިޙްސާސްކޮށްލަން ކުޅަދާނަ މިންވަރެއް ނޫނެވެ.

3- މުއިއްޒުގެ އިރުޝާދުގެ ދަށުން، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ މަސައްކަތް ޙުސައިން ސާމީ އާއި ހަވާލު ކޮށްފައި ވަނީ ޢައްބާސް ޝަރީފްގެ ބެލުމުގެ ދަށުންނެވެ. އައްބާސް ޝަރީފް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައުމަށް ސުޕްރީމް ކޯޓުން 3 ފަނޑިޔާރަކު ބޭރު ކުރަން މުއިއްޒު ވަނީ އޭނާ އަށް އަންގާފައެވެ. އެހެން ކަމުން ފަނޑިޔާރުންނާއި ގުޅުވައިގެން އުފަން ކޮށްފައިވާ މައްސަލަތަކަށް ހެކިން އުފައްދައި، ވަކި ގޮތަކަށް ހެކިވެރިން ލައްވާ ބަޔާންދީ ފަނޑިޔާރުންގެ ދުވަސް ދުއްވާލަން މުއިއްޒު އާއި އައްބާސް ޝަރީފް މަސައްކަތް ހަވާލު ކުރީ ޙުސައިން ސާމީ އާއި އެވެ. މި މަސައްކަތް ހަވާލު ކުރުމުގައި، އުޝާމު އާއި، އިޙްސާނުއަށް މިކަން ނުވި ކަމަށް ބުނެ އެމީހުންނަށް ފާޑު ކިޔައި މަލާމާތްކޮށް، ޙުސައިން ސާމީއާއި، ޕީޖީ އައްބާސް ޝަރީފް ވާހަކަ ދައްކައި، މި އަނިޔާވެރި ޝައިތާނީ ރޭވުން މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް ސާމީގެ ކިބައިން އައްބާސް އެދިފައިވެއެވެ.

4- ޙުސައިން ސާމީ ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޒިހުނީއާ މިދިޔަ ހޯމަ ދުވަހުގެ ރޭ ގިނަ އިރުތަކެއް ވަންދެއް ބައްދަލު ކުރުމަށްފަހު، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަޙާޒު ޢަލީ ޒާހިރު، ޑރ. އިސްމާޢީލް ލަޠީފް ބަންދުން ދޫކޮށްލުމަށް އެދުނުކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބަޔާން ދިނުމަށް މަޖުބޫރު ކުރުވިއެވެ. މި ފަދައިން މަޖުބޫރު ކޮށްފައިވަނީ، އިންޓެލިޖެންސް ރިޕޯޓުތައް ޒިހުނީއާ ދެކޮޅަށް ހުރިކަމަށް ބުނެ ދޮގު ހަދައިގެންނެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޒިހުނީއާ ދެކޮޅަށް ސުލޫކީ މައްސަލަތައް ކުރިއަށް ގެންދާނެ ކަމުގައިބުނެ ބިރު ދައްކައިގެންނެވެ. އަދި ރިޔާސީ ދައުރުގެ ފަހުބައިގައި ހިތިވާނެ ކަމުގައި ބުނެ ވަނީ ރައީސް މުއިއްޒު އެންގި ގޮތަށް ކުރިމިނަލް ކޯޓުގެ ގާޒީ ޒިހުނީ އަށް ބިރު ދައްކާފައެވެ. ޒިހުނީ އަކީ ހަމައާއި އުސޫލުގައި ހިފަހައްޓާ ފަރާތެއް ކަމުން، ޙުސައިން ސާމީގެ ބިރު ދެއްކުމަށް ދީލާލާފައިވަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނޫނެވެ.

5- އަންގާރަ ދުވަހުގެ ރޭ ޙުސައިން ސާމީ، ކްރިމިނަލް ކޯޓުގެ ޤާޟީ ސަފްވަތު ޙަބީބުއާ ބައްދަލުކޮށްފައިވެއެވެ. އަދި ޒިހުނީއަށް ބިރު ދެއްކި ފަދައިން ހުސައިން ސާމީ ވަނީ ސަފްވަތު ހަބީބަށް ވެސް ބިރު ދައްކާފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ދާނެ މީހަކު ސަރުކާރުގައި ނެތް ކަމަށާއި، ފިނޑިކަމުން ސަރުކާރަށް ކަމެއް ނުވާކަމުގައި ބުނެފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް އަޒްމިރާލްދާއާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ތަހުގީގުގައި ބުނުމަށް ތަކުރާރުކޮށް ސަފްވަތު ކައިރީ އެދިފައިވެއެވެ. މި ފަދައިން އެދިފައިވަނީ ޒިހުނީ ވެސް ފަނިހަދާފައިވާތީ ކަމަށާއި، ކަމެއް ވާން އޮތީ، އަޒްމިރާލްދާ އާއި މަހާޒު ސުޕްރީމް ކޯޓުން ބޭރުކޮށްގެން ކަމަށް ހުސައިން ސާމީ ބުނެފައިވެއެވެ.

މިއީ މަޤާމުގެ ދަހިވެތި ކަމުގައި އޭޖީ އުޝާމުއާއި، ހޯމް މިނިސްޓަރ އިހްސާން އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ބޭނުންވެގެން މަރުދަންޖެހޭ ޕީޖީ ޢައްބާސް ޝަރީފްގެ މަސައްކަތެވެ. މިއީ ޝައިތާނާ ނުކުމެ އޭނާ އަމިއްލަ އަށް ވެސް ނުކުރާ ވަރުގެ ބޮޑެތި ނުބައި ކަންކަމެވެ. މަގާމުގެ ބޭނުމުގައި މި މީހުން މި ފަދަ ނުބައި ދަރަޖައަކަށް ވެއްޓި ރައްޔިތުންނަށް އަނިޔާވެރިވުމުގައި މި ދަރަޖައަށް ދާން ޖެހިފައިވަނީ ކުޑައިރު މި ތިން މީހުންގެ މައިން ބަފައިން ކޮން އިހުމާލެއް މިމީހުންނަށް ވެގެން ތޯއެވެ؟ މިއީ ކުޑަ ކުޑަ ގައުމެކެވެ. ބާރުވެރިކަން އިހްސާސް ކޮށްލުމަން ބަޔަކު ނިކަމެތި ކޮށްލަން މިވަރުގެ ނުބައި ކަންކަމަށް އަރައި ގަންނާނީ ނަފްސާނީ ގޮތުން ބަލިމަޑުކަމެއް ހުރި ބަޔަކު ނޫންތޯއެވެ؟ ރާއްޖޭގެ ތާރީޚު އުޝާމު އާއި، އިޙްސާން އާއި މެދު ލިޔެވިގެން ދާނީ މުޅި ޤައުމުގެ ބާރުތައް މުއިއްޒަށް ޖަމާކޮށްދީގެން، ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމާއި، އިންސާނީ ކަރާމާތާއި މިނިވަންކަން ނަގާލައި، ރާއްޖެ މަދަނީ ލޭ އޮހޮރުވުމަކާއި ދިމާލަށް ގެންދިޔުމުގައި މުއިއްޒަށް އެއްވެސް އިންސާނަކު ނުކޮށްދޭނެ ފަދަ ނުބައި ކަންކަން ކޮށްދިނުމުގައި ތިބި ރައްޔިތުންނަށް އަނިޔާވެރިވި ޖައްލާދުންގެ ގޮތުގައި ނޫންތޯއެވެ؟