ޗައިނާ-ރާއްޖެ ވިޔަފާރި އެއްބަސްވުމަށް އަމަލު ކުރަން ފެށީ އޭގެ ސަބަބުން ރާއްޖެއާއި ދިވެހިންނަށް ލިބޭނެ ގެއްލުމުގެ އެއްވެސް ދިރާސާއެއް ނަހަދާ ކަން ހާމަ ވެއްޖެއެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށް އަމަލު ކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތަށް އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީން މަދުވާނީ ކިހައި މިންވަރެއްކަން ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވުމުންނެވެ.
ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، އަދި ރާއްޖޭގައިވެސް، މީގެ ކުރިން ބޭރު ޤައުމުތަކާއި އެކު ހަދާ އިޤްތިޞާދީ އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އެއިން ޤައުމަށް ކުރާ އަސަރު ދިރާސާ ކުރެއެވެ. ނަމަވެސް ރާއްޖެއިން އެ އެއްބަސްވުމަށް އަމަލު ކުރަން ނިންމީ އެއްވެސް ވަރަކަށް ދިރާސާ ކޮށްފައެއް ނޫނެވެ.
ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބެއްގައި ސައީދު ވިދާޅުވީ ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެތެރެ ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަގަށް ކަމަށެވެ.
"ޗައިނާއިން ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެ ގައުމުން ދިވެހިރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ އަގަށް. އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައި ވަނީ މުސްތަގުބަލުގައި ހިނގާނެ މުއާމަލާތްތަކެއް ކަމުގައި ވާތީ އެކަމުގެ ސީދާ އަދަދުތަކެއް އެނގޭނީ އެ މުއާމަލާތްތައް ހިނގާ ނިމުމުން،" ސައީދުގެ ޖަވާބުގައި ލިޔުއްވާފައިވެ އެވެ.
މުހިންމު ސުވާލަކަށް ސައިދު ޖަވާބު ދީފައިވަނީ ޖެއްސުމަށް ކަމަށް ބެލެވެއެވެ. މިފަދަ ޖަވާބެއް ޤައުމުގެ އެކޮނޮމިކް މިނިސްޓަރ ދެއްވުމަކީ އޭނާގެ ނާޤާބިލު ކަމާއި ނުކުޅެދުން ތެރިކަން ހާމަވާ ކަމެކެވެ. އަދި އެއްބަސްވުން ތަންފީޒު ކުރަން ފަށާފައި މިވަނީ ކޮރަޕްޝަނުގެ ތެރެއިން މުއިއްޒު އާއި ސައިދުއަށް ލިބޭ މަންފާއަކަށް ކަން ޔަގީން ކުރެވެއެވެ.
ދައުލަތާއި ރައްޔިތުންނަށް ލިބޭ ގެއްލުން އަންދާޒާ ނުކޮށް މިފަދަ ކަމެއް ކުރުމަކީ ޚައިރާންވާވަރުގެ ކަމެކެވެ. އަދި ލިބޭ ވަގުތީ ފައިދާއަކަށް ވުރެ، ލިބޭ ގެއްލުން ބޮޑުނަމަ، މިފަދަ އެއްބަސްވުން ތަންފީޒު ކުރުން ލަސްކޮށްލައެވެ.