2025 ވަނަ އަހަރު ޖެނުއަރީ މަހު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ގޮވައިގެން، ބ. ފޮޅަދޫ އަށް ވަޑައިގަތީ، ކުރީގެ ރައީސް ސޯލިހުގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި، މުޙައްމަދު ޝިހާބެވެ. ޝިހާބަކީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ގާތް ފަރާތެކެވެ. އާއިލީ ގުޅުންތަކެއްވެސް އޮންނަ ބޭފުޅެކެވެ.
މުހައްމަދު ޝިހާބުގެ ދައުރަކަށްވީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި، ޖަންގިޔާ ނާޒިމު އާއި ގުޅުވައި ދިނުމެވެ. ބ. ފޮޅަދޫ އިން އުއްތަމަ ފަނޑިޔާރު އާއި، މުހައްމަދު ޝިހާބު ދެން ދިޔައީ ރޯޔަލް އައިލެންޑް ރިސޯޓަށެވެ. މާލެއިން ރޯޔަލް އައިލެންޑަށް ޖަންގިޔާ ނާޒިމް އައިސް ޤާސިމް އިބްރާހިމް އާއި، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ބައްދަލު ކުރިއެވެ. ސިއްރު ބައްދަލުވުން ފަހުން ބާއްވާފައިވަނީ ޤާސިމް ނުހިމަނައެވެ.
މުއިއްޒު އާއި އެކު، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ޑީލް ހަދާފައިވަނީ މި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ހުސްނުއްސުއޫދުއާއި ދެކޮޅަށް ސޯޝަލް މީޑިޔާ ކެމްޕެއިނެއް ޖެއްސުމަށްވެސް ނިންމިއެވެ. އަދި މުއިއްޒު އާއި އެއްކޮޅަށް އެރުމަށް ދެކޮޅު ހަދާފައިވާ ފަނޑިޔާރުން، ހާއްސަކޮށް، ހުސްނުއްސުއޫދުއާއި، މާހާޒު އާއި، އަޒްމިރަލްޑާ އާއި ދެކޮޅަށް ކުރެވެން ހުރި ކަންކަމާއި މެދު މަޝްވަރާ ކުރެވުނެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުއިއްޒު ދޭ އަނިޔާގެ މުގުލުގައި ހުރެ، ރާއްޖޭގެ ޖުޑިޝިއަރީ ފުނޑާލައި، އެކުގައި މަސައްކަތްކުރި ފަނޑިޔާރުންނަށް އަނިޔާވެރި ވުމުގައި، އެންމެ ބޮޑެތި ގޯސްތައް މުއިއްޒުއާއި އެކު ހަދަމުންދާ ފަރާތެވެ. މިކަން މުއިއްޒަށް ކޮށްދިނުމަށް މުއުތަސިމް އަދުނާނު މުއިއްޒާއި އެކު ޑީލް ހަދާފައިވަނީ ކިތައް މިލިއަނަށް ރުފިޔާއަށް ކަމެއް އަދި ސާފެއް ނުވެއެވެ.