ޚަބަރު

އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކުރި ރިޝްވާންގެ ކޮރަޕްޝަންގެ މައްސަލަތައް އަދިވެސް ހުރީ އޭސީސީގައި, ޕީސީބީން ރިޝްވާން އެމްޑީކަމަށް އައްޔަން ކުރީ ކުށުގެ ރެކޯޑް ސާފު ނުވަނީސް, މުއިއްޒުގެ އަމުރަށް!

ދިޔަވަރު
އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކުރި ރިޝްވާންގެ ކޮރަޕްޝަންގެ މައްސަލަތައް އަދިވެސް ހުރީ އޭސީސީގައި, ޕީސީބީން ރިޝްވާން އެމްޑީކަމަށް އައްޔަން ކުރީ ކުށުގެ ރެކޯޑް ސާފު ނުވަނީސް, މުއިއްޒުގެ އަމުރަށް!

ފާއިތުވި ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައިވާ, އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމް ކުރިން އަދާކުރި މުޙައްމަދު ރިޝްވާނު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން ބޮޑެތި ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތައް އޭސީސީގައި ވަނިކޮށް, އޭނާގެ ކުށުގެ ރެކޯޑް ސާފު ނުކޮށްކަމަަށް "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ކުރެވިއްޖެއެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޝްވާންގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ކޮރަޕްޝަންގެ ތުހުމަތަކީ ރައީސް ޔާމިންގެ ދައުރުގައި އެޅި އައިޖީއެމްއެޗްގެ 25 ފަންގިފިލާގެ އިމާރާތް އެޅުމުގައި އޭނާ ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތުތަކެވެ. އެ އިމާރާތް ރައީސް ޔާމިން ދައުރުގައި އެޅިއިރު ރިޝްވާން ހުރީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމްގައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީސީބީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ރިޝްވާން އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަން ކުރުމަށް މުއިއްޒު ބޭނުން ވުމުން އޭނާ އެމަގާމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ނުރަސްމީކޮށް, ޕީސީބީން މުއިއްޒުއަށް އެންގިއެވެ. އޭގެ ސަބަބަކީ, ދައުލަތުގެ ކުންފުނިތަކަށް ބޭފުޅުން އައްޔަން ކުރާއިރު, ކުށުގެ ރެކޯޑު ސާފުކުރުން ލާޒިމް ވާތީއެވެ. އެގޮތުން އޭސީސީގައި އެމީހެއްގެ ކޮރަޕްޝަންގެ މައްސަލައެއް ނުނިމި އޮތްނަމަ, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީގެ މަގާމަށް އެބޭފުޅެއްގެ ޝަރުތު ފުރިހަމަ ނުވާނެކަމަށްވެސް, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީސީބީގެ އިސް އޮފިޝަލު ވިދާޅުވިއެވެ.

އެހެންނަމަވެސް, ރިޝްވާން އެމްޕީއެލްގެ އެމްޑީގެ މަގާމަށް ޝަރުތު ފުރިހަމަ ނުވި ނަމަވެސް, މުއިއްޒުގެ އެންގުމަށް އޭނާ މަގާމަށް އައްޔަން ކުރުމަށް ޕީސީބީން ވަގުތީ ހުއްދައެއް ދީފައިވަނީ, އޭނާގެ ކުށުގެ ރެކޯޑު ފަހުން ސާފު ކުރުމަށްފަހު ޕީސީބީއަށް ފޮނުވާގޮތަށް ކަމަށްވެސް, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީސީބީގެ އިސް އޮފިޝަލު ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އޭނާގެ ކުށުގެ ރެކޯޑު ސާފު ކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި, މުއިއްޒު އޭސީސީއަށް ބަދަލުގެނެސް, އެ މުވައްސަސާއަށް މުއިއްޒުގެ ގޮނޑިކޮއްކޮ މެމްބަރުން މިހާރު އައްޔަން ކޮށްފައިވާތީ, ރިޝްވާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ސާބިތު ނުވާކަމަށް އެ ކޮމިޝަނުން ނިންމާނެއެވެ.

މުއިއްޒު ދައުލަތުގެ ކުންފުނިޔަކަށް އައްޔަން ކުރަމުންދަނީ, ރިޝްވަތުގެ ބޮޑެތި ތުހުމަތު އޮތް, ފަސްބައި ކިލަނބު ވެފައިވާ ފަރާތްތަކެވެ. އޭގެ ބޭނުމަކީ ދައުލަތުގެ ކުންފުނިތަކުން, މުއިއްޒު ބޭނުންވާ މިންވަަރަށް ރިޝްވަތުގެ ފައިސާ ސީދާ މުއިއްޒުއަށް ލިބޭނެކަން ޔަގީން ކުރުމަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އަދި މުއިއްޒު, ދައުލަތުގެ ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިން މެދުވެރިކޮށް ރިޝްވަތުގެ ފައިސާ ނަގަމުންދާ ކަމުގެ ގިނަގުނަ ހެކިތަކެއް ފާއިތުވި މުއްދަތުގައި ވަނީ ސާބިތުވެގެންވެސް ގޮސްފައެވެ.