ޚަބަރު

މުއިއްޒު ރަސްމީ ދަތުރުތަކުގައި ބޭނުންކުރައްވާނެ, ލަގްޒަރީ ޖެޓެއް ގަތުމަށް ސަރުކާރުން މަޝްވަރާ ކުރަނީ! ޖެޓް ގަތުމަށް ބޭނުންވާ ފައިސާ 2027 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ދަނީ މަޝްވަރާ ކުރަމުން!

ދިޔަވަރު
މުއިއްޒު ރަސްމީ ދަތުރުތަކުގައި ބޭނުންކުރައްވާނެ, ލަގްޒަރީ ޖެޓެއް ގަތުމަށް ސަރުކާރުން މަޝްވަރާ ކުރަނީ! ޖެޓް ގަތުމަށް ބޭނުންވާ ފައިސާ 2027 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ދަނީ މަޝްވަރާ ކުރަމުން!

ރައީސް މުއިއްޒު ގައުމުން ބޭރަށް ދަތުރުކުރާއިރު, ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ބޭނުން ކުރާނެ ލަގްޒަރީ ޖެޓެއް ގަތުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން, ގައުމުން ބޭރަށް ދަތުރުކުރާއިރު, ރައީސުލްޖުމުހުރިއްޔާ ދަތުރު ކުރައްވާނެ ޚާއްސަ ވައިގެ އުޅަނދެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި މުއިއްޒުގެ އިތުރުން ކެބިނެޓްގެ ބައެއް ވަޒީރުންވެސް ދެކެވަޑައިގަންނަވާ ކަމުގައެވެ.

އޭގެ ސަބަބަކީ, ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް, ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމުހޫރިއްޔާ ދަތުރު ކުރައްވާނެ ޚާއްސަ ވައިގެ އުޅަނދެއް އޮންނާތީއާއި, އެފަދަ ޖެޓެއް އޮތުމަކީ ގައުމުގެ "ހައިބަތު" ދައްކުވައިދޭނެ ކަމެއްކަމުގައިވެސް މުއިއްޒުގެ އިތުރުން ބައެއް ވަޒީރުންވެސް ދެކެވަޑައިގަންނަވާތީ ކަމުގައިވެސް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި, މިއީ ރައީސުލްޖުމުހޫރިއްޔާ ދަތުރު ކުޔައްވާނެ ޚާއްސަ ވައިގެން އުޅަނދެއް ހޯދުމަށް ސަރުކާރުން މަޝްވަރާ ކުރި ފުރަތަމަ ފަހަރު ނޫން ކަމުގައެވެ. އެގޮތުން ރައީސް ޔާމިންގެ ވެރިކަމުގައިވެސް, އެމަނިކުފާނުގެ ދަތުރުތަކުގައި ބޭނުންކުރާނެ ޚާއްސަ ޖެޓެއް ދައުލަތަށް ގަތުމަށް މަޝްވަރާ ކުރެވިފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ, މުއިއްޒު ރަސްމީ ދަތުރުތަކުގައި ބޭނުން ކުރައްވަން ލަގްޒަރީ ޖެޓެއް ދައުލަތަށް ގަތުމަށް މަޝްވަރާ ކުރެވެމުން ދަނީ, ދައުރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅު ވާނެކަމަށް ބަލާ, ދައުރުގެ ފަހުކޮޅު ކަމަށެވެ. އަދި އެފަދަ ޖެޓެއް ގަތުމަށް ދިގު މުއްދަތެއް ހޭދަވާނެތީ މިހާރުއްސުރެ އެކަމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށްފަހު 2027 ވަނަ އަހަރުގެ ބެޖެޓްގައި ޖެޓް ގަތުމަށް ބޭނުންވާ ފައިސާ ހިމެނުމަށް މަޝްވަރާ ކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ދުނިޔޭގެ ގައުމުތަކުގެ ވެރިން ދަތުރުކުރެއްވުމަށް ލަގްޒަރީ ޖެޓްތައް ހަމަޖައްސާފައި ވިނަމަވެސް, ރައީސުންނަށް ޕްރައިވެޓް ޖެޓްތައް ހަމަޖައްސާފައިވަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނެވެ. އެގޮތުން ޕްރައިވެޓް ލަގްޒަރީ ޖެޓްތަކަކީ އަގުބޮޑު ވައިގެ އުޅަނދުތަކަށް ވާތީ, ރާއްޖެ ފަދަ އިގްތިސާދީ ހާލަތު ދަށް ގައުމަކަށް އެފަދަ ޖެޓެއް ގަތުމާއި މެނޭޖް ކުރުމަކީވެސް އެކަށީގެންވާކަމެއް ނޫންކަމަށް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެންމެ އަގު ހެޔޮކޮށްވެސް ދުނިޔޭގެ ބާޒާރުގައި ލަގްޒަރީ ޕްރައިވެޓް ޖެޓްތަކުގެ އަގު އުޅެނީ 50 މިލިއަން ޑޮލަރަށްވުރެ މަތީގައެވެ. އަދި ލަގްޒަރީ ޖެޓެއް މެނޭޖު ކުރުމަށް (މެއިންޓަނަންސް ޚަރަދާއި އެހެން ޚަރަދުތައްވެސް ހިމަނައިގެން) މަހަކަށް މަދުވެގެން 350,000 އެމެރިކާ ޑޮލަރު ހޭދަވާނެއެވެ.

ޚަރަދު ކުޑަ ސަރުކާރެއް ހިންގުމަށް ވައުދުވެގެން ނަމަވެސް, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު މިހާރުވަނީ 2000 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަން ކޮށްފައެވެ. އަދި ރިޝްވަތު ދީގެން މަޖިލިސް މެމްބަރުން ގަނެ, އެންޓި ޑިފެކްޝަން އިސްލާހު ގާނޫނު އަސާސީއަށް ގެނެސް, ރިޝްވަތުގެ ކަޅު ފައިސާ ބޭނުން ކޮށްގެން މިހާރު މުއިއްޒު ގެންދަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުންނެވެ.

މުއިއްޒު ފާހަގަ ވެފައިވަނީ, ރައީސް ޔާމިންގެ ފޮޓޯ ވިއްކައިގެން ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައެވެ.