ޚަބަރު

މިލިޓަރީގެ އެހީ އާއި އެކު މުއިއްޒުގެ ވެރިކަން ވައްޓާލެވޭ ވަރަށް، އިހްސާންއަށް ބާރުތައް ދެވިއްޖެ؟

ދިޔަވަރު
މިލިޓަރީގެ އެހީ އާއި އެކު މުއިއްޒުގެ ވެރިކަން ވައްޓާލެވޭ ވަރަށް، އިހްސާންއަށް ބާރުތައް ދެވިއްޖެ؟

ފުލުހުންނާއި ސިފައިންގެ ރިޓަޔާޑް ވެރިންނަކީ، މިހާރުވެސް އެ މުއައްސަސާތަކުގެ ޖޫނިޔަރ އަދި ވެރިންގެވެސް އިޚްތިރާމާއި ގަދަރު އޮތް ފަރާތްތަކެވެ. މުއިއްޒަށް އެނގި ނުލެއްވިއަސް، ފެނަކައިން ފެށިގެން، މިފްކޯ އާއި ހަމަ އަށް ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މިހާރު އެތިބީ އިހްސާނުގެ ގާތް ފަރާތްތަކެވެ. އިހްސާނަށް ލޯޔަލް އިހްސާނުގެ ކޮމާންޑަށް ތަބާވާނެ ފަރާތްތަކެވެ.

ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސަރުކާރުގެ އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބި އިހްސާނުގެ ކޮމާޑަށް ތަބާވާނެ މީހުންގެ އަދަދު މިހާރު ޚުދު މުއިއްޒަށްވެސް އެނގި ނުލައްވައެވެ. އެ އެންމެންނާއި ގުޅިފައިވާ އާއިލީ ފަރާތްތަކާއި، ގާތް އެކުވެރިން މިވަގުތުވެސް ހަރަކާތްތެރި ވަމުން ދަނީ ސަލާމަތީ މުއައްސަސާތަކުގައެވެ. އެ މުއައްސަސާތަކުގެ ވެރިންގެ ކޮންޓްރޯލް ގެއްލި އިހްސާނުގެ މައްޗަށް ބާރުތައް އަނބުރާލަން ބޭނުން ވަނީ އިހްސާން އިސްކޮށްފައިތިބި ކުރީގެ މިލިޓަރީ ފަރާތްތަކުގެ ކުޑަ މަސައްކަތެކެވެ.

އަބަދުވެސް ބާގާވާތް އަންނަނީ ތިރިން މައްޗަށެވެ.

މިހާރުވެސް ރައްޔިތުންނަށް ދައްކަމުންދާ ސާފު މަންޒަރަކީ، އަދި މާލެ ތެރޭ ދެކެވެމުންދާ ވާހަކަ އަކީ މުއިއްޒަށް ކުންފުނިތައް ނުހިންގުނު ކަމުގެ ވާހަކައެވެ. މުއިއްޒުގެ ނާގާބިލު ކަމުގެ ވާހަކައެވެ. އެސްއޯއީތަކަށް މުއިއްޒު އައްޔަން ކުރި މީހުން ކުރީ ވައްކަމުގެ ވާހަކަތަކެވެ. އެކަމަށް ހައްލު ގެނެސް ދިނީ އިހްސާން ކަމުގެ ވާހަކައެވެ. ކުންފުނިތައް ހިންގާލާނެ ގޮތެއް މުއިއްޒަށް ނޭނގުމުން، އެކަން އިހްސާން ކުރަން ފެށި ވާހަކައެވެ. ހުރިހާ ކްރެޑިޓެއް އިހްސާނަށް މިކަމުގައި ލިބެމުން ދަނީ ބަޔަކު އެގޮތަށް ނެރޭޝަން ސެޓް ކުރާތީ ވެސް މެއެވެ. އެބަޔަކީ އިހްސާނުގެ ކޮމާންޑުގެ ދަށުގައި ތިބި އޭނާއަށް ލޯޔަލް "ސިޔާސީ އާރމީ" އެވެ. އިހްސާނުގެ ސިޔާސީ އާރމީ މުއިއްޒަކަށް އިޚްތިރާމެއް ނުކުރެއެވެ. މުއިއްޒަކީ ވެރިއެއް ކަމުގައިވެސް ޤަބޫލެއް ނުކުރެއެވެ. އަދި މުއިއްޒުގެ ނަން ކިލަނބުކޮށްގެން އިހްސާނަށް މިކަމުގައި ކްރެޑިޓް ދެމުންދަނީ އިހްސާނަކީ މުއިއްޒަށް ވުރެ ވެރިކަމަށް ގާބިލު ފަރާތްކަން ދެއްކުމަށްޓަކައެވެ.

ކަން މިހެން އޮއްވާ އިހްސާނުގެ ފޮޓޯއެއް ލީކުވުމާއި، އަދި އެ ފޮޓޯ ލީކުވުމުގައި މުއިއްޒުގެ ދައުރެއް އޮތްކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ އިހްސާނު އޭގެ ތެދުދޮގު ބަލާނެ ވާހަކައެކެވެ. އިހްސާނު ވެރިކަމަށް އޮތް އެމްބިޝަން ދުއްވާލުމަށް އެފަދަ ފޮޓޯއެއް ސޯޝަލް މީޑިޔާގެ ކާކުކަން ނޭނގޭ އެކައުންޓަކުން އާންމު ކުރި ކުރުމަކީ އިހްސާނަށް ބަލައިގަނެވޭނެ ކަމެއްް ނޫނެވެ.

އިހްސާން ވައްކަމެއް ނުކުރާނެ ކަމަށާއި، ފުދިގެން ހުރި މުއްސަނދި އާއިލާއަކާއި ގުޅިފައިވާ ފަރާތެއް ކަމާއި، މުއިއްޒު ހެނެއް ނުވާނެ ކަމަށް ބުނެ ރައްޔިތުންނަށް އުންމީދުތައް ދެމުންދަނީ 2028 ނޫން ކޮންކަމަކަށް ތޯއެވެ؟ އަދި މުއިއްޒުގެ ވެރިކަން މުއިއްޒުގެ އަމިއްލަ އަތުން ބަގާވާތަކާއި ދިމާލަށް މިސްރާބު ކޮށްފައިވާ ސަބަބާއި މެދު ސިޔާސީ މުފައްކިރުން ތިބީ ހަމަ އަޖައިބު ވެފައެވެ. ދުނިޔޭގެ ތާރީޚުގައި މިލިޓަރީ މީހުން ކުރިއަށް ނެރެގެން ވެރިކަމަށް އެންމެ ފަހުން ހަމަ އަންނަނީ މިލިޓަރީ ލީޑަރެކެވެ. މިލިޓަރީ ސްޓައިލްގެ އެކަކަށްވެސް މުއިއްޒު ފަދަ މީހަކު ވެރިކަން ކުރާ އުސްލޫބެއް ކަމަކު ނުދާނެއެވެ.