މުއިއްޒު ދޫކޮށްލަން އުޅޭ، 6 ތަނެއްގައި ބޮން ގޮއްވާލަން އުޅުނު މީހާއަށް އެކަން ކާމިޔާބު ކުރެވުނު ނަމަ، އެތައް ހާސް ރައްޔިތުންނެއް އެ ބޮމުގެ ހަމަލާގައި މަރުވެ، ބާކީ އެތައް ބަޔަކު ޒަހަމްވެ، ރާއްޖެއަށް ޓުއަރިސްޓުން އައުން އެއްކޮށް ހުއްޓި އިޤްތިޞާދު އެކީ އެއްކޮށް ހުޓުނީހެވެ.
ކުނޫޒަށް ހަމަލާ ދޭން ރޭވި މި މީހާ މުއިއްޒު ދޫކޮށްލަން އުޅޭ ކަމަށް ބެލެވެނީ ސިޔާސީ ފަރާތްތަކަށާއި، ކުނޫޒުފަދަ، ސިޔާސީ ހަރުގެ ތަކަށާއި، އޮފީސްތަކަށް އޭނާ ލައްވައި ހަމަލާ ދިނުމަށް ތޯ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ސުވާލު އުފައްދަމުންނެވެ.
މުއިއްޒަކީ ދިވެހިންގެ މައްޗަށް އެއްވެސް ރަހުމެއްނެތް، ރައްޔިތުންނަށް ކޮންމެ ފަދަ އަނީޔާއެއް ދިނުމަށްވެސް އެއްވެސް ވަރަކަށް ފަސްޖެހޭނެ މީހެއް ނޫނެވެ. އަމިއްލަ ދޮންމައްމަ އާއި ބައްޕަ އަށް ނެތް ކުލުނެއް އެހެން އިންސާނަކަށް ނުހުންނާނެއެވެ.
މި ޓެރަރިސްޓް މީހާ ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރީ އޭޕްރީލް، 2017، ގައި މ. ކުނޫޒުގައި އޭރު ބޭއްވި ޖަލްސާއަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން ރޭވި ކަމުގެ ދައުވާ ލިބޭ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގަ އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ހުއްޓައި، އޭނާ ދޫކޮށްލަން އެދި އަލުން ކްރިމިނަލް ކޯޓަށް ދިޔައީ ޕްރޮސެކިއުޓާ ޖެެނެރަލްގެ ފަރާތުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދު ކުރުމަށެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމި ނިންމުން ދަމަހައްޓަން ކްރިމިނަލް ކޯޓުން ޖެނުއަރީ 14، ގައި ނިންމި ނަމަވެސް އެ އަމުރު އާންމުކޮށްފައެއް ނުވެ އެވެ. އޭނާ ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރިކަން ހާމަވީ އިއުތިސާމުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުންނެވެ.
މި މައްސަލައިގައި ހައި ކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ބޭއްވީ ފެބްރުއަރީ 18، ގަ އެވެ. އަޑުއެހުމުގައި އިއުތިސާމުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކުރީ، ޝަރުތުތަކަކާއެކު މޮނީޓާ ކުރެވޭނެހެން އޭނާ ދޫކޮށްލުމަށް ކަމަށެވެ. އެހެންކަމުން އިއުތިސާމު ބަންދުގައި ބަހައްޓަން ކޯޓުން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.
އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު ވެސް ވަނީ ދަށު ކޯޓުގައި އިއުތިސާމު ދޫކޮށްލަން ދައުލަތުން ވަކާލާތު ކުރިކަމަށް އިއުތިރާފުވެފަ އެވެ.