އަލީ ހުސެއިން ވ. ދައުލަތް މައްސަލާގައި ނުވަތަ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު، ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލަ ބަލައި ގަތުމާއި މެދު ގޮތެއް ނިންމުމަށް ތާވަލު ކޮށްފައިވާ އަޑުއެހުމުގައި މައްސަލަ ބަލައި ނުގަންނާނެ ކަމުގެ ޔަގީންކަން، ދައުލަތުގެ ބަންޑާރަ ނައިބު އުޝާމަށާއި، ޖަންގިޔާ ނާޒިމަށް މާކުރިން އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނު ވަނީ ދީފައެވެ.
އެހެންކަމުން އަޑުއެހުން ފަށައިގެން ކުރިއަށް ދަންދެން، ސުޕްރީމް ކޯޓުގެގައި މައްސަލަ ބަލައިގަތުމާއި މެދު ޝެޑިއުލް ކުރި އަޑުއެހުމާއި މެދު މުއިއްޒުގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އުއްތަމަ ފަނޑިޔާރު މުއިއްޒު އާއި އެކީ ހުރުމާއި، އަދި ސުޕްރީމް ކޯޓުގެ ބައެއް އެހެން ފަނޑިޔާރުންނާއިއެކީ ޑީލްތައް ހަދާފައިވުމުން، ފަނޑިޔާރުގެ ތެރެއިން ގިނަ ބަޔަކު މުއިއްޒުގެ ކޮޅަށް ތިބިކަމުގެ ޔަގީން ކަން، އޮތުމުން މުއިއްޒު ހުރީ މައްސަލައިގެ އަޑުއެހުން ފެށިގެން ކުރިއަށް ދަންދެން ވަރަށް ހަމަޖެހިފައެވެ.
މައްސަލަ ބަލައި ނުގަންނާނެ ކަމުގެ ޔަގީން ކަން އޭޖީ ދީފައި ވުމުން، ދައުލަތުގެ ވަކީލުންވެސް ކޯޓަށް ހާޒިރުވީ މައްސަލަ އަށް މާ ބޮޑަކަށް ތައްޔާރު ވެގެން ނޫނެވެ. މިކަން މައްސަލާގެ އަޑުއެހުމުން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.
މައްސަލަ ފެށުމުން މުއިއްޒަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުދާނު ދިން ޔަގީން ކަމާއި ޚިލާފަށް، 3 ފަނޑިޔާރަކު ސުޕްރީމް ކޯޓުގައި ނެންގެވީ މުހިންމު އަދި، ބާރުގަދަ ނުކުތާ ތަކެކެވެ. އަދި ދައުލަތުގެ ވަކީލުންނާއި ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ނުދެވި، މުއިއްޒު އާއި މުއިއްޒުގެ ސަރުކާރުގެ ޚުދުމުހުތާރުކަން ކޯޓުތެރެއިން އިތުރަށް ފަޟީހަތްވެގެން ދިޔަ ދިޔުމަކީ މުއިއްޒު ވަގުތުން "ޕޭނިކް" ވި މައްސަލައަކަށްވިއެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ނެގި ނުކުތާތަކުގެ ބާރު ގަދަވެ، މައްސަލަ އަކީ ލައިވްކޮށް ގެނެސްދިން މައްސަލައަކަށްވުމުން، ބާކީ ތިބި މުއިއްޒުގެ ފަނޑިޔާރުންނަށްވެސް ޖެހުނީ މައްސަލަ ބަލައިގަތުމަށެވެ. އެހެން ނޫނީ، އެފަރާތްތައް ފާޅުގައި ވަރަށް ސާފު މައްސަލައެއްގައި ރައްޔިތުންނާއި ދެކޮޅަށް އެ މައްސަލަ ނިންމާތަން ފެންނާނެއެވެ.
މިކަމުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ މުއިއްޒަށް ޔަގީން ކަން، ދިން އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުދާނަށެވެ.
ސުޕްރީމް ކޯޓުގައި އޮތް މައްސަލާގެ، އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު، ދައުލަތުގެ ވަކީލާ އާއި ސުވާލު ކޮށްކޮށް ހުއްޓާ، އުއްތަމަ ފަނޑިޔާރު ޝަރިޢަތުގެ މަޖިލީހުގެ އަޑުއެހުން ވަގުތީ ގޮތުން މެދު ކަނޑާލިއެވެ.
އެއަށްފަހު، އުއްތަމަ ފަނޑިޔާރު ވަޑައިގެން ގުޅުއްވީ ބަންޑާރަ ނައިބު އުޝާމް އަށާއި، ޖަންގިޔާ ނާޒިމް އަށާއި، މުއިއްޒަށެވެ. އަދި ރޭވި ގޮތަށް މިކަން ކުރިޔަށް ނުދާ ކަމަށް ބުނެ ވަގުތުން ސަލާމަތް ވެގަތުމަށް، އަދި އޭނާ އަދިވެސް ހުރީ މުއިއްޒުގެ ކޮޅަށް ކަން ދެއްކުމަށް ތެޅިފޮޅި ގަތެވެ.
މުއިއްޒު އިތުރަށް ޕޭނިކް ވެގެން، ސިއްރު ކުއްލި ބައްދަލުވުމެއް ކެބިނެޓްގެ ބައެއް ވަޒީރުންނާއި އެކު ބޭއްވިއެވެ. މުޢުތަސިމް ޢަދުދާނު ގުޅި ކަމުގެ ވާހަކަ އައީ މި ސިއްރު ކެބިނެޓް ބައްދަލުވުމުގައެވެ.
ސައިޑަކަށް ބޮލު ފުނާ އަޅައިގެން މާ ރަނގަޅު އިންސާފުވެރި މީހަކަށް ހެދިގެން ހުރެ، މާ ރީތި ބަހުން ވާހަކަ ދައްކައިގެން ރައްޔިތުންނަށް ޙަޤީގީ ސޫރަ އޮޅުވާލައިގެން ހުރެ، މުއިއްޒު އާއި އެކު ޑީލް ހަދައިގެން، މުޅި ޤައުމުގެ އަދުލުގެ ނިޒާމާއި، މުޅި ޤައުމުގައި އެތައް ބައެއްގެ ލެޔާއި ދަލުން ގެނައި ހެޔޮވެރިކަމުގެ ތިންބާރު ވަކިވެފައިވާ ނިޒާމު ދުއްވާލާއިރު، ތާރީޚުގައި އަޙްމަދު މުޢުތަސިމް ޢަދުނާނު ލިޔެވިގެން ދާނީ އަނިޔާވެރިންނާއިއެކު ޤައުމު ލޭ އޮހޮރުވުމަކާއި ދިމާލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ގޮތުގައެވެ. ތިން ބާރުގެ މައްޗަށް ވެރިވެ، ރައްޔިތުން އިންތިހާއަށް ނިކަމެތި ކޮށްލުމުން، މާދަމާ އިންސާފު ހޯދުމަށް މަގުމައްޗަށް ނުކުންނަށް، ޤައުމުގެ ދަރިން ޖަލު ގޮޅިއަށް ލައި، އެމީހުންގެ ލެ ޤައުމުގެ މަގުތަކަށް އޮހި، އުފެދޭ ހަމަ ނުޖެހުމުގައި ޤައުމުތަކަށް ވަމުންދާގޮތް، އަޙްމަދު މުޢުތަސިމް ޢަދުނާނަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އެހެން ވީއިރު، މި ޤައުމުގެ ޙާލަތު އެމަގަށް ގެންދިޔުމަކީ އަނިޔާވެރިކަން ނޫން އިތުރު ކޮންކަމެއްތޯއެވެ.