ޚަބަރު

މުއިއްޒު އާއި ޖަންގިޔާ ނާޒިމް އުފަން ކޮށްގެން އުޅޭ، ފޭކު މައްސަލާގައި މަހާޒް އާއި، އަޒްމިރާލްދާ ޖޭއެސްސީ އަށް ހާޒިރުވުމަށް އަންގައިފި

ދިޔަވަރު
މުއިއްޒު އާއި ޖަންގިޔާ ނާޒިމް އުފަން ކޮށްގެން އުޅޭ، ފޭކު މައްސަލާގައި މަހާޒް އާއި، އަޒްމިރާލްދާ ޖޭއެސްސީ އަށް ހާޒިރުވުމަށް  އަންގައިފި

މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ހުއްޓުވުމަށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމަށްފަހު، ދެ ފަނޑިޔާރަކު އަންނަ އާދީއްތަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވުމަށް އެންގިއްޖެއެވެ.

މި މައްސަލަ އަކީ މުއިއްޒު އާއި ޖަންގިޔާ ނާޒިމް އުފައްދައިގެން އުޅޭ ފޭކު މައްސަލައެކެވެ. ބޭނުމަކީ މުއިއްޒަށް ބޯނުލަނބާ ފަނޑިޔާރުން ސުޕްރީމް ކޯޓުން ވަކި ކުރުމެވެ.

ކޮމިޝަނަށް ހާޒިރުވުމަށް އަންގާފައިވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށެވެ. ޖޭއެސްސީން މި ދެ ފަނޑިޔާރުންނާ މެދު ކުރާ ތުހުމަތަކީ، އަޒްމިރާލްދާގެ ފިރިމީހާ މައްސަލައެއްގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމެވެ.

ޖޭއެސްސީން އަންގާފައިވާ ގޮތުގައި، ފަނޑިޔާރު އަޒްމިރާލްދާ ހެނދުނު 11:00 އަށް އަދި ފަނޑިޔާރު މަހާޒް މެންދުރުފަހު 1:00 އަށް ކޮމިޝަނަށް ހާޒިރުވާންޖެހެއެވެ.

މި ދެ ފަނޑިޔާރުންގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދުގެ މައްސަލައެއްވެސް ކޮމިޝަނުން ބަލަން ފަށާފައިވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ އިސްވެރިން ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ބުނެ، ސުޢޫދު ވަނީ މިދިޔަ އަންގާރަ ދުވަހު އިސްތިޢުފާ ދީފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައެއް ނޫނެވެ. ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަނޑިޔާރުންގެ މައްސަލަތަކެއް ތަޙްޤީޤުކުރަމުންދާކަމަށް ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ހާމަކުރުމަށް އޭސީސީން ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރާލްދާގެ ޤާނޫނީ ވަކީލުން ވަނީ ބުރާސްފަތި ދުވަހު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށާއި، ދައުލަތުގެ އިސްވެރިން ޤާނޫނުގެ ވެރިކަމަށް ރުޖޫޢަވުމަށް ގޮވާލާފައިވެއެވެ.

"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއްކޮށް، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތްތަކެއް ހިންގަމުންދާއިރު، އެކަމާ ގުޅިގެން މުއައްސަސާތަކަށް ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ޤާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސްއެޅިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރު އަޒްމިރާލްދާއާއި މަހާޒް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނުކަމަށް ބުނާ މައްސަލައިގައި، ކްރިމިނަލް ކޯޓުގެ ދެ ޤާޟީއެއްގެ ބަޔާން ޖޭއެސްސީން ވަނީ މިހާރު ނަގާފައެވެ. އެއީ ޤާޟީ އިބްރާހިމް ޒިހުނީ އަދި ސޮފްއަތު ޙަބީބެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ފާޅުކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާޠިލްކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތަށް ޖޭއެސްސީން ހުރަސްއަޅަމުންދާއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން މަޖުބޫރުވާނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބުރުވަރީ 26 ވަނަ ދުވަހު ޣައިރު ޤާނޫނީ ބިލެއް ފާސްކޮށްފައެވެ.

އެ ބިލު ތަޞްދީޤު ނުކުރުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ގޮވާލާފައެވެ. ތަޞްދީޤުކުރި ނަމަވެސް އެއީ ޢަމަލުކުރެވޭނެ ބިލެއް ނޫންކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ. އެ ބިލަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ފާސްކުރި ބިލެއްކަމަށް ރާއްޖޭގެ ފުންނާބު އުސް ގިނަ ވަކީލުން ވިދާޅުވެފައިވެއެވެ.