ކުރިޔަށް މިދާ މާތްވެގެންވާ ރަމަޟާންމަހުގެ ރޭތައް އިހުޔާ ކުރުމުގެ ނަމުގައި, ވެރިކަންކުރާ ޕީއެންސީގެ "ގަރުދިޔަ ޖަގަހާގައި" އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޚާއްސަ ދަރުސެއް ދެއްވައިފިއެވެ.
މި ދަރުސް ދިނުމަށްޓަކާ "ގަރުދިޔަ ޖަގަހާގައި" ރޭ ބޭއްވުނު ޖަލްސާއަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ ހާޒިރުވެފައެވެ. އެގޮތުން ޑރ. ޝަހީމް މި ދަރުސް ދެއްވަމުން ގެންދެވިއިރު, "ގަރުދިޔަ ޖަގަހާގެ" އެންމެ ކުރީ ސަފުން ފެނިފައިވާ ބޭފުޅުންގެ ތެރޭގައި, ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމްއާއި, ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހުއާއި, އަދި އޭގެ އިތުރުންވެސް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ.
އޭގެ ތެރޭގައި, ރާއްޖޭގައި ހިގައިދިޔަ ކޮރަޕްޝަންގެ އެންމެ ބޮޑު މުއާމަލާތްކަމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ގޯނި ގޯންޏަށް އަޅައިގެން އުފުލިކަމަށް ރައްޔިތުންގެ މަޖިލިގައި އަމިއްލައަށް އިއުތިރާފްވެފައިވާ, މިހާރުގެ ވިލިމާލެ ދާއިރާގެ މެމްބަރުން މުހައްމަދު އިސްމާއިލް (މާފެލޭ)ވެސް ހިމެނެއެވެ. މާފެލޭ ދަނީ މިސަރުކާރުގައިވެސް, ކުންފުނިތަކުގެ އެމްޑީން މެދުވެރިކޮށް, ކުންފުނިތަކުން ވައްކަން ކުރަމުންނެވެ.
އޭގެ އިތުރުން, ކުރީ ސަފުން ފެނުނު, ރައްޔިތުންގެ މަޖިލިގެ ރައީސް އަބުދުއްރަހީމް އަބުދުاللهއަކީވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ޚިޔާނާތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތެކެވެ. އޭނާއަކީ މިސަރުކާރުގެ ކުންފުނިތަކަށް އޭނާގެ އަރިސް ފަރާތްތައް އައްޔަންކޮށްގެން މި ސަރުކާރުގައިވެސް ކުންފުނިޔަތަކުން ރިޝްވަތުގެ ފައިސާ ނަގަމުންދާ ފަރާތެކެވެ.
ހަމަ އެއާއެކު, މި ޖަލްސާގެ ކުރީ ސަފުގައި އިންނެވި, ޕީއެންސީގެ މިހާރުގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހައަކީވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ޚިޔާނާތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތެކެވެ. އަދި އޭނާވަނީ މި ސަރުކާރުގައި, ފަޒުލް އެޗްޑީސީގެ އެމްޑީކަމުގައި ހުންނެވިއިރި, ނުހައްގުން ހުޅުމާލެއިން ގޮވައްޗެއްވެސް ގަނެފައެވެ.
އޭގެ އިތުރުން މިޖަލްސާގެ ކުރީ ސަފުން ފެނުނު އަނެއް މަޖިލިސް މެމްބަރު ކަމުގައިވާ, ހުޅުމީދޫ ދާއިރާގެ މެމްބަރު ޝާޑުއަކީވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ޚިޔާނާތުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތެކެވެ. އަދި އޭނާއަކީ, ރައީސް ޔާމިންއާއި އެއްކޮޅަށް "ދޮގު ހެކި" ދީފައިވާ ފަރާތްތެއްކަން ފާހަގަ ކޮށްލެވެއެވެ.
މި ނޫނަސް މި ޖަލްސާގައި ހާޒިރުވެތި ސިޔާސީ ގިނަ ފަރާތްތަކަކީ އެމީހުންގެމައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކެވެ. އަދި މިޖަލްސާގައި ދީނީ ދަރުސްދިން ޑރ. ޝަހީމްއަކީވެސް އޭނާގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައިވާ ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެމީ, ސްކޫލެއް ހިންގުމަށް ބިމެއް ހޯދުމަށް ޝަހީމް މިސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މުއާމަލާތެވެ.
އެހެންނަމަވެސް, ދީނީ ދަރުސް ސިޔާސީކޮށް, ޑރ. ޝަހީމް ދީނީ ވާހަކަތައް ޒީނަތްތެރިކޮށް މިބޭބެފުޅުންގެ ކުރިމަތީގައި ހުށަހަޅާދިންއިރު, ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައިކަމުގެ ވާހަކަތައް އެއްވެސް ވަރަކަށް ދައްކާފައެއް ނުވެއެވެ. ޝަހީމް މި ދަރުސްގައި ދައްކާފައިވަނީ, ދުޢާކުރުމުގެ މާތްކަމުގެ ވާހަކަތަކެވެ.
ހަގީގަތުގައިވެސް, ދީން ސިޔާސީ ހަތިޔާރަކަށް ހަދާ, ރިޝްވަތާއި ކޮރަޕްޝަންގެ ނުބައި އަމަލު މިހާރުވެސް ކޮންމެ ދުވަހަކުވެސް ހިންގަމުންދާ ބަޔަކު ކުރިމަތީ ބައިތިއްބައިގެން, ސިޔާސީ ޖަގަހައެއްގައި ޝަހީމް މިދިން ދީނީ ދަރުސުން ހާމަވެގެންދިޔައީ, ދީނީ ދަރުސް ދިން ފަރާތާއި އަދި މިދަރުސް އަޑުއަހަން ކުރީ ސަފުގައި ތިބި ބޮޑުންގެ މުނާފިގު ކަމެވެ. ހާމަވެގެން ދިޔައީ, ދީން ސިޔާސީ ހަތިޔާރަކަށް ހަދާ, މި ފަރާތްތަކުގެ އަމިއްލަ އެޖެންޑާ ހާސިލްކުރުމަށް ދީނާވެސް ގުޅުވައިގެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމެވެ.