އިންޑިޔާ އާއި އެމެރިކާ އާއި ދެކޮޅަށް، ރާއްޖޭގެ ކަނޑުތަކުގައި ޖާސޫސު ކުރުމަށް ޗައިނާއަށް ކަނޑުތައް ދިނުމަކީ ރާއްޖޭގެ ސަލާމަތަށް މުއިއްޒު ކުރިމަތި ކުރުވި ބޮޑު ނުރައްކަލެކެވެ. މިކަން ކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަތުހުގައި (މަތީ ފަށަލުގައި) އަދި ކަނޑު އަޑީގައި ޗައިނާއިން ބޭނުންވާ އެކި ޑިވައިސްތައް ހަރުކުރުމަށް ސަރުކާރުން ޗައިނާއާއި އެކު ސޮއެ ކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
ޗައިނާއިން ރާއްޖޭގެ ކަނޑުގެ ހޫނު މިން ބެލުމަށް ޝައުގުވެރިވެގެން ދިވެހިންނަށް ކަމެއް ކޮށްދޭން އުޅޭނީކީއެއް ނޫނެވެ. ދުނިޔޭގައި އޮތް އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ކަނޑު "ސައުތު އަދި އީސްޓް ޗައިނާ ސީ،" އޮތީ ޗައިނާގެ މުށުތެރޭގައެވެ. ކަނޑެއްގެ ފިނި ހޫނުމިން ބަލާއި ދިރާސާއެއް ކުރާކަން ޗައިނާއަކުން ރާއްޖޭއެއް ބޭނުމެއް ނުވެއެވެ. ޗައިނާއަކީ މިއަދު ދުނިޔޭގައި އެމީހުންގެ ބާރުގެ ދަށުގައި ދުނިޔޭގެ އެންމެ ބޮޑަށް ކަނޑު އޮތް ޤައުމެވެ.
ކުރަން އުޅެނީ އެންމެ ކަމެކެވެ. ރާއްޖޭގެ ކަނޑުތަކުގައި ޔޫއެސްއޭއާއި، އިންޑިޔާއަށް ޖާސޫސު ކުރުމަށް އެކި ކަހަލަ ޑިވައިސްތައް ހަރުކުމެވެ.
ޗައިނާއިން ރާއްޖޭގެ ކަނޑުތަކުގައި ހަރުކުރާ އާލާތްތަކުން ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާގެ ސިފައިންގެ ބޭސްއަށާއި އިންޑިޔާގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް ބައިވަރެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހިމަނާލާނަމެވެ.
- ޑިއޭގޯ ގާސިއާގެ އަސްކަރީ ހަރަކާތްތައް ދެނެގަތުން:
- ޑިއޭގޯ ގާސިއާއަކީ ރާއްޖެއާ ގާތުގައި ހުރި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒެއް
- ކަނޑު އަޑީގައި ހަރުކުރެވޭ ސޯނާ ޓެކްނޮލޮޖީއިން ޑިއޭގޯ ގާސިއާއަށް އަންނަ-ދާ ސަބްމެރިންތަކާއި އުޅަނދުފަހަރުގެ ހަރަކާތްތައް ދެނެގަނެވޭނެ
- އަސްކަރީ މަނާވަރުތަކުގެ ހަރަކާތްތައް މޮނިޓަރ ކުރެވޭނެ
- ދުރާލާ އިންޒާރު ދިނުމުގެ ނިޒާމަށް ބުރޫއެރުން:
- އެމެރިކާގެ ސަބްމެރިންތައް ސަރަޙައްދުގައި އުޅޭތޯ ބެލުމަށް ޗައިނާއަށް ޤާބިލިއްޔަތު ލިބޭނެ
- އެމެރިކާ އަދި އިންޑިޔާގެ އަސްކަރީ ދަތުރުފަތުރާ ބެހޭ ސިއްރު މަޢުލޫމާތު ހާމަވުން
- މުވާސަލާތީ ނިޒާމްތަކަށް ތަންދިނުން:
- ކަނޑުގެ އަޑީގައި ޤާއިމްކުރެވޭ އާލާތްތަކަށް އަސްކަރީ މުވާސަލާތުގެ ނިޒާމްތައް އަޑުއެހުމުގެ ފުރުޞަތު އޮތުން
- އެމެރިކާގެ ސްޓްރެޓެޖިކް މުވާސަލާތްތައް އިންޓަރސެޕްޓް ކުރުމުގެ ރިސްކް އޮތުން
- ރީޖަނަލް ސެކިއުރިޓީގެ ބެލެންސަށް ބަދަލު އައުން:
- ރާއްޖެއަކީ އިންޑިޔާގެ ސެކިއުރިޓީ ސަރަޙައްދުގެ މުހިންމު ބައެއް
- ޗައިނާއަށް މި ފުރުޞަތު ދިނުމުން އިންޑިޔާއާއި ރާއްޖެއާ ދެމެދު ހުރި ގުޅުން ގެއްލި، ސަރަޙައްދީ ގޮތުން ބޮޑެތި މައްސަލަތަކެއް ނުކުމެދާނެ
- އިންޑިޔާ ކަނޑުގައި މާދުރުގައި އޮތް ޗައިނާގެ ނުފޫޒު އިތުރުވެގެން ދިޔުން
- ތަފާތު ބާވަތުގެ މަޢުލޫމާތު އެއްކުރުން:
- ކަނޑުގެ އޮއިވަރާއި، ފިނިހޫނުމިނާއި، ލޮނުގަދަމިނުގެ މަޢުލޫމާތުތަކަކީ ހަމައެކަނި ތިމާވެށީގެ ގޮތުން ބޭނުންކުރާ މަޢުލޫމާތުތަކެއް ނޫން، އެ މަޢުލޫމާތުތަކަކީ ސަބްމެރިން ހަރަކާތްތަކަށް އަސަރުކުރާ ކަންކަން ކަމަށްވުން އެ މައުލޫމާތު ތައް އެއްކުރުން
- ރާއްޖޭގެ ކަނޑުތައް ސްކޭންކޮށް މެޕްކޮށް، ޗައިނާގެ ސަބްމެރިން ހަނގުރާމައަށް ރާއްޖޭގެ ކަނޑު ތައްޔާރުވެގެން ދިޔުން
- މި މަޢުލޫމާތުތައް ޗައިނާއިން އަސްކަރީ ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުޞަތު އޮތުން
- ޑޭޓާ ހިއްސާކުރުމުގެ ޤާނޫނީ ހަނިކަން:
- އެއްބަސްވުމުގެ ދަށުން، އެއްކުރެވޭ ޑޭޓާ ތިންވަނަ ފަރާތަކާ ހިއްސާކުރެވޭނީ ދެފަރާތުގެ ހުއްދައާއެކު އެކަނި
- މިކަމުން ރާއްޖެއަށް ޖެހޭ މައްސަލައެއް ނުވަތަ ނުރައްކަލެއް ދިމާވިޔަސް، އިންޑިޔާ ނުވަތަ އެމެރިކާއާ އެ މައުލޫމާތު ޙިއްޞާކުރުމަށް ހުރަސްއެޅުން
އާޚިރުގައި، ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތާ ޚިލާފަށް ("ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން" އަދި "ސަރުކާރުގެ ސިޔާސަތަކީ ބާރުގަދަ ޤައުމުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ނުވަނުން")، މި އެއްބަސްވުމަކީ ރާއްޖެ އެ ވާދަވެރިކަމުގެ ތެރެއަށް ވައްދާ، ސަރަޙައްދީ ގޮތުން މުހިންމު ސްޓްރެޓީޖިކް ސަލާމަތީ މައްސަލަތަކަކަށް މަގުފަހިކުރާ އެއްބަސްވުމަކަށް ވަނީ ވެފައެވެ.
އެމެރިކާއާއި، އިންޑިޔާ ރުޅި އަރުވައިގެން ޗައިނާއަށް ރާއްޖެ ވިއްކާލައިގެން، މުއިއްޒު އެތައް މިލިއަނަކުން ފައިސާ ނެގުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ބޭނުންވާ ކަމެއް ނޫނެވެ. މިއީ ސީދާ ޕީއެންސީ ޕީޕީއެމްގެ ފިކުރާއި، އަދި ޕާޓީގެ ގްރާސްރޫޓް އާއި ވެސް ދެކޮޅަށް ޗައިނާއިން ދޭ މަދު ފައިސާއަކަށް ދިވެހިންގެ މިނިވަންކަމާއި، އިސްތިޤްލާލު ގެއްލޭހެން މުއިއްޒު ހިންގާފައިވާ ޤައުމަށް ޚާއިނު އަމަލެކެވެ.