ޚަބަރު

އުޝާމު އާއި މެދު ގިނަ ތުހުމަތު ތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި އޭޖީ އޮފީހުގެ މުވައްޒަފުންނަށް މުއިއްޒު އަތުން އުޝާމު ނެގި ފައިސާތަކުން 90,000ރ ބަހައިފި

ދިޔަވަރު
އުޝާމު އާއި މެދު ގިނަ ތުހުމަތު ތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައި އޭޖީ އޮފީހުގެ މުވައްޒަފުންނަށް މުއިއްޒު އަތުން އުޝާމު ނެގި ފައިސާތަކުން 90,000ރ ބަހައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމާއި ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމްގެ މައްޗަށް އުފުލިފައިވަނިކޮށް، އޭނާ އެޓަރނީ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ހަދިޔާ ބަހައިފިއެވެ.

މި ފައިސާ އަކީ ރައްޔިތުން އަތުން ވައްކަން ކޮށްގެން ސަރުކާރު ކުންފުނިތަކުން މުއިއްޒު ވަގަށް ނަގަމުން ގެންދާ ފައިސާތަކުގެ ތެރެއިން، އުޝާމު ކުރަމުންދާ ޣައިރު ޤާނޫނީ މަސައްކަތްތަކުގެ ބަދަލުގައި މުއިއްޒު އޭނާއަށް ދެމުންދާ އެތައް މިލިއަން ރުފިޔާގެ ތެރެއިން ކުޑަ އެތިކޮޅެކެވެ.

އެޓަރނީ ޖެނެރަލް އޮފީހުގެ ބައެއް މުވައްޒަފުން ހާމަކުރި ގޮތުގައި އުޝާމް ކޮންމެ މުވައްޒަފަކަށް އަމިއްލަ ގޮތުން ދެއްވީ ބީއެމްއެލްގެ 1,000 ރުފިޔާގެ ގިފްޓް ކާޑެކެވެ.

"އެއީ އޭޖީ އަމިއްލަ ގޮތުން ދެއްވި ހަދިޔާއެއް. ކޮންމެ މުވައްޒަފަކަށް 1,000 ރުފިޔާގެ ގިފްޓް ކާޑެއް ދެއްވި،" އެ އޮފީހުގެ މުވައްޒަފެއް ބުންޏެވެ.

އެޓަރނީ ޖެނެރަލް އޮފީހުގައި 90 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ހިނދު، އުޝާމް ބެހި ފައިސާގެ ޖުމްލަ އަދަދަކީ 90،000 ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

އުޝާމްގެ މައްޗަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް އިސްކޮށް މަސައްކަތްކުރަމުން ދާކަމަށް ބެލެވޭތީއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުނު މެންބަރުންގެ ތެރޭގައި އުޝާމް ހިމެނޭއިރު، ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީގައިވެސް އޭނާ ހިމެނުނެވެ. އޭނާ އެ ކޮމިޓީން އިސްތިއުފާދެއްވާފައިވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.