ޚަބަރު

އޮރިޔާން ފޮޓޯ ގޭންގުތަކުގެ މެމްބަރުންގެ އަތްމައްޗަށް އަރައި، ކޮމްޕްރޮމައިޒް ވެފައިވާ މީހަކަށް ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމެއް ކަށަވަރެއް ނުކުރެވޭނެ

ދިޔަވަރު
އޮރިޔާން ފޮޓޯ ގޭންގުތަކުގެ މެމްބަރުންގެ އަތްމައްޗަށް އަރައި، ކޮމްޕްރޮމައިޒް ވެފައިވާ މީހަކަށް ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމެއް ކަށަވަރެއް ނުކުރެވޭނެ

އޮރިޔާން ފޮޓޯ ގޭންގުތަކުގެ މެމްބަރުންގެ އަތްމައްޗަށް އަރައި، ކޮމްޕްރޮމައިޒް ވެފައިވާ މީހަކަށް ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމެއް ކަށަވަރެއް ނުކުރެވޭނެއެވެ.

ރާއްޖޭގެ ހޯމް މިނިސްޓަރގެ ފޮޓޯތަކާއި ވީޑިޔޯތައް ދައުރުވެ، ބޮޑެތި ގޭންގު ތަކުން ކޮންމެ ފަދަ ކުށެއް ކުރިއަސް އެކަމެއް ބަލައި ފިޔަވަޅު ނޭޅި، އަދި ބައެއް ގޭންގުތަކާއި ދެކޮޅު އެ ކޭންގް ތަކުގެ ބާރު ނައްތާލައިގެން ހޯމް މިނިސްޓަރ އިހްސާނުގެ ފޮޓޯ ފުޅުތައް ހުރި ގޭންގް ބާރު ގަދަ ކުރުންފަދަ ކަންކަން ހިނގަމުންދާ ކަމަށް ހަސަން ކުރުސީގެ އިތުރުން މުޅި ރާއްޖޭގައި އެވާހަކަތައް އެ މޭރެމުން ދައްކަމުންދާއިރު، މިކަމުގައި ކުޑަވެސް ހަގީގަތެއް ވާނަމަ، ޤައުމީ ސަލާމަތުން މިކަމަށް ވަނީ އިންތިހާއަށް ނުރައްކާ ވެފައެވެ.

ރޭގައި، ހަސަން ކުރުސީ އާންމު ކުރި ވީޑިޔޯއިން މީހަކު ހިފައި ހައްޔަރުކޮށް އަނިޔާ ކުރާ މަންޒަރު ފެނިގެން ދެއެވެ. ދިވެހި އާންމު ރައްޔިތުން ޓެރަރައިޒްވެ، ކިޑްނެޕް ކުރެވި، އެމީހުންގެ ފަރުދީ އާއިލީ މިނިވަންކަން ނަގާލައި، މުޅި އާއިލާ ބިރުވެރިކަމަކަށް ވައްޓާލައި، އެމީހުންގެ ގެދޮރު އަތުލައި، 80 އަހަރުގެ މުސްކުޅި މައިން ބިރުން ފިއްކަޑައިގެން ދާވަރުވެ، ނަފްސާނީ ބިރުވެރިކަމެއްގައި ތިބެން މި މައްސަލާގައި ޖެހިފައި ވަނީވެސް، އިހްސާން ބްލެކް މެއިލް ކުރެވެމުން ދާތީ ކަމަށް ކުރުސީ ވަނީ ރިޕޯޓް ކޮށްފައެވެ.

ތަނަކުން އަންހެނަކު ފެންނަ އިރަށް، ސްނެޕުން އޮރިޔާން ފޮނުވައި، މީހުންގެ އަނބިންނަށް ޖެއްސުންކޮށް ފުލުހުން ފޮނުވައިގެން އެމީހާގެ ފިރިމީހާއާއި އެކު ދާހަތަނަކަށް ގޮސް ފޮޓޯ ނަގުވައި ކުރަމުންދާ މުޑުދާރު ކަންތައްތަކުގެ ވާހަކަ، މާލެ ތެރޭގައި ދެކެވޭތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

އަދިވެސް މިވާހަކަ އޮތީ ސޯޝަލް މީޑިޔާގައި އެކަންޏެވެ. ޓީވީއާއި، ރޭޑިޔޯ ތަކުންނާއި، ނޫސްތަކުން މިވާހަކަ ތައް ނުގެނެސް ދެއެވެ. އެއީ ސަރުކާރުންވެސް މިކަމާއި މެދު ބަހެއް ބުނުމަށް އިންކާރު ކުރަމުން ދާތީއެވެ. ސަރުކާރުން މިކަން ދޮގު ނުކުރާތީއެވެ. އެހެންކަމުން، މިކަމުގައި ކުޑަ މިންވަރެއްގެ ހަޤީގަތެއް އޮތް ނަމަވެސް، ހޯމް މިނިސްޓަރ އަދިވެސް އެހުންނެވީ ކޮމްޕްރޮމައިޒް ވެފައެވެ. މިކަމަކީ ހަޤީގަތެއް ކަމަށް ބަލައި މިވާހަކަ ކުރިއަށް ގެންދާނަމަ، އެކި މީހުންގެ އަތްމަތީ އުޅެނީ ކިހާ ފޮޓޯ ކަމެއް، ކިތައް ވީޑިޔޯއެއް ކަމެއްވެސް ނުވެސް އެނގެއެވެ. އެހެންކަމުން މީހުން އަތުގައި ހުރި މިތަކެތި ހިމާޔަތްކޮށް، އަމިއްލަ ދިރުއުޅުމުގެ މަސްލަހަތާއި، މީހާގެ އަބުރުވެރިކަން ހިމާޔަތް ކުރުން، ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ، ބޮޑަށް މުހިންމުވާ ހިސާބަށް ހާލަތު ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއް ކުރިމަތި ވެދާނެ ވަރަށް ކޮމްޕްރޮމައިޒް ވެފައިވާ ހޯމް މިނިސްޓަރަކު ހުރުމަކީ، މިހާރު އިހްސާނަށް ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށްގެން، މުއިއްޒު ވެރިކަމުން ވައްޓާލާ ހިސާބަށް ގޮސްފާނެ ކަމެކެވެ. އަދި މިއީ އިހްސާނު ނުކުރާނެ ކަމެއް ކަމަށް ދެކުމަކީ ވަރަށް ބޮޑު ގޯހެކެވެ.

ކޮމްޕްރޮމައިޒް ވެފައިވާ މީހެއްގެ އަތްމަތީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެ ޤައުމެއްގެ ބޮޑުވަޒީރެއްގެ ސެކިޔުރިޓީ އާއި ނުވަތަ މޫވްމެންޓްތަކާއި ގުޅޭ މައުލޫމާތު ހުރެ، އެ މައުލޫމާތު އޭނާގެ ފަރާތަކުން ދައުލަތާއި، ޤައުމުގެ އަދުއްވަކަށް ލިބިގެން ދިޔުމަކީ އެ ޤައުމެއްގެ ވެރިމީހާގެ ސަލާމަތާއި، އަދި މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއިން އަސަރު ކޮށްފާނެ ކަމެކެވެ.

ކޮމްޕްރޮމައިޒް ވެފައިވާ މިނިސްޓަރެއްގެ އަތްމައްޗަށް ޤައުމުގެ ޖާސޫސީ މައުލޫމާތު އަރާއިރު، އެ މައުލޫމާތު ލިބެން ނުޖެހޭ ފަރާތަކަށް ދިޔުމަކީ ޤައުމީ ސަލާމަތަށް އަދި އެ ޤައުމެއްގެ ވެރިއަކަށްވެސް އޮތް ބޮޑު ނުރައްކަލެކެވެ.

ޤައުމެއްގެ އެފަދަ ވެރިއަކު ބްލެކްމެއިލް ކުރެވޭފަދަ ހާލަތެއްގައި އެޤައުމު އޮވެއްޖެނަމަ، އެކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އެޤައުމެއްގެ ވެރިކަމަށެވެ.

ޤައުމީ ސަލާމަތާއި، ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ކުރުމަށް، ހޯމް މިނިސްޓަރ ކޮމްޕްރޮމައިޒްވެ، މިހާރު ކުރިމަތިވެފައިވާކަމަށް ހަސަން ކުރުސީ އެބަޔާން ކުރާ ހާލަތުގައި ރާއްޖެ އޮތްނަމަ، ރައީސުލްޖުމްހޫރިއްޔާ ޕްރޮފެޝަނަލް އެޑްވައިޒް، ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކުރެން ހޯއްދަވައިގެން، މިކަމުގައި އެމަނިކުފާނުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިސްކޮށްގެން، ޤައުމީ ސަލާމަތަށް ބައްލަވައިގެން ފިޔަވަޅު އެޅުއްވުމަކީ، މި ނާޒުކު ވަގުތުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

އަޅުގަނޑުމެން މި ސަރުކާރާއި ކިތަންމެ ދެކޮޅުވިއަސް، ވޯޓުން ނޫން ގޮތަކަށް ވެރިކަން ނިންމުމަކަށް ތާޢީދެއް ނުކުރާނަމެވެ. އަދި އެފަދަ ކަމެއް ހިނގުމަކަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ކޮންމެ މީހަކު ހުއްޓަސް ނޭދެމެވެ. ވެރިކަމަށް މީހަކު ގެނައުމާއި، ވެރިކަމުން މީހަކު ބޭލުމުގެ ހުރިހާ ބާރެއް އޮންނަން ޖެހޭނީ ސީދާ ރައްޔިތުންގެ އަތްމަތީގައެވެ. މިލިޓަރީ އާއި ފުލުހުންގެ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ފަދަ ކޮންމެ ހާލަތެއްގައި އަޅުގަނޑުމެން ތިބޭނީ އެކަމަކާއި ދެކޮޅަށެވެ. މިލިޓަރީ ވެރިކަމެއް ރާއްޖެއަށް އެންމެ ސިކުންތު ކޮޅަކަށް އައުމަކީވެސް އޭގެ ގެއްލުން އަޅުގަނޑުމެންގެ ދަރީންގެ ދަރީން ތަޖުރިބާ ކުރާނެ ކަމެކެވެ.