ޚަބަރު

ފަނޑިޔާރު ޝުޖޫން އާއި ގުޅޭ މައުލޫމާތު ތަކެއް، އުއްތަމަ ފަނޑިޔާރު ޖަންގިޔާ ނާޒިމަށް ދީ، ޝުޖޫނު ވަނީ ބްލެކްމެއިލް ކޮށްގެން މުއިއްޒުގެ ފަޅިއަށް އަރުވާފައި

ދިޔަވަރު
ފަނޑިޔާރު ޝުޖޫން އާއި ގުޅޭ މައުލޫމާތު ތަކެއް، އުއްތަމަ ފަނޑިޔާރު ޖަންގިޔާ ނާޒިމަށް ދީ، ޝުޖޫނު ވަނީ ބްލެކްމެއިލް ކޮށްގެން މުއިއްޒުގެ ފަޅިއަށް އަރުވާފައި

ފަނޑިޔާރު ޝުޖޫން އާއި ގުޅޭ މައުލޫމާތު ތަކެއް، އުއްތަމަ ފަނޑިޔާރު ޖަންގިޔާ ނާޒިމަށް ދީ، ޝުޖޫނު ވަނީ ބްލެކްމެއިލް ކޮށްގެން މުއިއްޒުގެ ފަޅިއަށް އަރުވާފައި ކަމަށް ވަރަށް މުއުތަބަރު ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ޝުޖޫން ކޮމްޕްރޮމައިޒް ވެފައިވަނީ، 3 އަހަރު ދުވަސް ވަންދެން ސުޕްރީމް ކޯޓުން ޑްރައިވަރެއްގެ މުސާރައާއި، ޕެޓްރޯމް އެލަވަންސް ނެގުމަށްފަހު، ޝުޖޫންގެ އަމިއްލަ ބޭނުމަށް، ސުޕްރީމް ކޯޓުގައި އޮންނަ ކާރު، ސުޕްރީމް ކޯޓުގައި ހުރި މުއައްޒަފަކު ލައްވައި ދުއްވައި، ބޭނުން ކުރި މައްސަލައިގައެވެ. ދައުލަތުގެ މުދަލެއް، އަމިއްލަ ބޭނުމަށް ޝުޖޫން ބޭނުންކުރި ކަމުގެ މި މައުލޫމާތު ހެއްކާއި އެކު، ޖަންގިޔާ ނާޒިމަށް ދީފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަޒިމް އަދުނާނުއެވެ. މީގެ އިތުރުން މިވާހަކަ އުއްތަމަ ފަނޑިޔާރު ވަނީ ބާކީ ތިބި ފަނޑިޔާރުންނާއި ހަމައަށް ގޮސް ވަކި ވަކިން ޝުޖޫނު އާއި މެދު ނަފްރަތު އުފެއްދުމަށް އެހެން ފަނޑިޔާރުން އަރިހުގައިވެސް ދައްކާފައެވެ.

ޝުޖޫން އާއި ހަމައަށް ޖަންގިޔާ ނާޒިމް ވާސިލްވެފައިވަނީ، ކުރީގެ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މެދުވެރިކޮށެވެ. ނިހާޔަތު އާއި، ޝުޖޫންއަކީ ގާތް އެކުވެރިންނެވެ. ނިޔާހަތު ވަނީ ޝުޖޫން ރަނގަޅަށް ހިފަހައްޓައި، މުއިއްޒުގެ ފަޅިއަށް އަރުވާފައެވެ.

އުއްތަމަ ފަނޑިޔާރު ވަނީ، ޝުޖޫން އާއި ގުޅޭ އިތުރު މައުލޫމާތު ތަކެއްވެސް ދީފައެވެ. އެހެން ކަމުން، މިވަގުތު ޝުޖޫން އަށް އޮތް ގޮތަކީ މުއިއްޒު ބުނިހާ ގޮތެއް ހަދައިގެން ރައްޔިތުންނާއި، ދައުލަތާއި، ޤާނޫނުއަސާސީ (ކޮންސްޓިޓިއުޝަން) އާއި ދެކޮޅަށް ހުކުން ކޮށް ރައްޔިތުންނަށް ތަންމިނަށް އަނިޔާވެރި ވުމެވެ. ނޫނީ ޖޭސީސީއަށް މުއިއްޒުގެ ފަރާތުން މި މައްސަލަ ހުށައަޅައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ގޮތުގައި މި މައްސަލަ ބަލައި، ފަނޑިޔާރުކަން ގެއްލުމެވެ. ޝުޖޫން ނިންމީ މުއިއްޒު ބުނިހާ ގޮތެއް ހަދައިގެން ފަނޑިޔާރު ކަމުގައި އަޅެއްހެން ކޮމްޕްރޮމައިޒްވެގެން ހުރުމެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރުތައް ރައީސް މުއިއްޒުގެ އަތްމައްޗަށް އަރުވައި، ފަނޑިޔާރުން ބްލެކްމެއިލް ކުރުމަށް ބޭނުންވާ މައުލޫމާތުތައް މުއިއްޒަށް ހޯދަދީ، ތިންބާރު ވަކިވެފައިވާ ވެރިކަން ކުރުމުގެ ނިޒާމު ފުނޑު ފުނޑުކޮށް، ރައްޔިތުންގެ ބާރުތައް ކަނޑުވައި، ރައްޔިތުންނަށް އަނިޔާވެރިވެ، މުޅި ޤައުމު ބިރުވެރިކަމާއި ނާމާން ކަމަށް ވައްޓާލުމަށް އުއްތަމަ ފަނޑިޔާރު ދަނީ، އަނިޔާވެރިންނާއި އެކު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.