ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް! އެހެން ނިންމި އިރު މަޖިލީހުގައި ލައިވްކޮށް 74 ސިފައިން ތިބިކަމަށް ސަރުކާރުން އޮތީ ބުނެފައި!

ދިޔަވަރު
އިންޑިއާ ސިފައިންގެ އަދަދު ނުދޭން ނިންމީ ގޯސްކޮށް! އެހެން ނިންމި އިރު މަޖިލީހުގައި ލައިވްކޮށް 74 ސިފައިން ތިބިކަމަށް ސަރުކާރުން އޮތީ ބުނެފައި!

ނޫސްވެރިޔާ އަހުމަދު އަޒާން އިންފޮމޭޝަން ކޮމިޝަނުން އެދިފައިވަނީ ކުރީގެ ސަރުކާރުތަކުން އިންޑިޔާގައި އެދިގެން އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ އުޅަނދުތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ހިމެނޭހެން ރާއްޖޭގައި ހަރަކާތްތެރިވާ ސިފައިންގެ ޖުމުލަ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފްސީލް ދިނުމަށެވެ.

އޭރު ކޮމިޝަނުން ނިންމީ އެ މައުލޫމާތުތައް ނުދިނުމަށެވެ. ހައިކޯޓުން މައްސަލަ ބެލީ އަޒާނުގެ ފަރާތުން ނިންމުން އިސްތިއުނާފު ކުރުމުންނެވެ.

ނަމަވެސް، އޭގެ މާކުރިން މަޖިލީހުން ލައިވް ކުރި ސެޝަނެއްގައި ސަރުކާރުން އެމައުލޫމާތު މަޖިލީހުގައި ދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި މި މައުލޫމާތަކީ އެއްވެސް މިންގަނޑަކުން ފޮރުވަންޖެހޭ މައުލޫމާތަކަށް ވާންވީ ސަބަބެއްވެސް ނެތެވެ. ރާއްޖެއަށް އިންޑިޔާ ސިފައިން ގެނެސްފައިވަނީ ނަޝީދު އާއި ޔާމީނުގެ އެދުމުގެ މަތިންނެވެ. އެހެންކަން އޮއްވާ އެ މައުލޫމާތު ސިއްރުކުރަން އުޅުމުން މީހުންގެ ހިތުގައި އަސްލެއްނެތް ޝައްކުތަކެއް އުފެދި ސަރުކާރުގެ މަގުބޫލުކަމަށް އޭގެ އަސަރު ކުރިއެވެ.

ހައި ކޯޓުގައި މި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތަކީ ގައުމީ ސާލަމަތަށް ނުރައްކާވާ މައުލޫމާތެއް ކަމަށް ކަނޑައެޅީ ހަމައެކަނި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފުން ދިން މައުލޫމާތެއް މައްޗަށް ބިނާކޮށް އެކަނި ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ކަން ކަނޑައެޅުމުގެ ކުރިން ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކެއް ހިމެނޭ ކަމާއި، އެ އިޖުރާއަތްތައް ކުރިއަށް ގެންދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫން ލިބިދޭ ބާރުތަކެއް ވެސް ހިމެނޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބިދޭ ބާރުތަކުގެ ތެރޭގައި މައުލޫމާތު ހުރި އިދާރާގެ ކަމާ ބެހޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުކުރުމާއި، ވަކި މައުލޫމާތެއް ފޮނުވުމަށް އެންގުމާއި، އެ މައުލޫމާތެއް މުތާލިއާ ކުރުމާއި، ވަކި ލިޔެކިޔުންތަކެއް ހުރި ކަން ބެލުމަށް ދައުލަތުގެ އިދާރާއަށް ވަދެ ބެލުމުގެ ބާރު ހިމެނެ އެވެ.