ފަނޑިޔާރު ޝުޖޫން ބްލެކްމެއިލް ކުރުމަށް ބޭނުންވާ މައުލޫމާތު އުއްތަމަ ފަނޑިޔާރު މުއުތަޒިމް އަދުނާނު، ރައީސް މުއިއްޒަށް ޖަންގިޔާ ނާޒިމް މެދުވެރިކޮށް ފޯރުކޮށްދިން ވާހަކަ ދިޔަވަރު ނޫހުން ވަނީ މިއަދު ގެނެސްދީފައެވެ. މިގޮތުން ޝުޖޫން ސުޕްރީމް ކޯޓުގެ ކާރު، އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލާގައި، ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރި ކުރުމުގެ ހެއްކާއި އެކު އުއްތަމަ ފަނޑިޔާރު ވަނީ އެ މައުލޫމާތު ޖަންގިޔާނާޒިމަށް އަރުވާފައެވެ. އެކަމާއި ގުޅޭ ލިޔުން ތިރީގައި މިވަނީއެވެ.
މީގެ އިތުރުން ފަނޑިޔާރު ޝުޖޫން ކޮމްޕްރޮމައިޒް ކުރުމަށް، އުއްތަމަ ފަނޑިޔާރު ވަނީ، މީރާ ވ. ޓޫރިސްޓް ސަބްމެރިން މައްސަލާގައި ޝުޖޫނު ދޮގު ހަދައިގެން ހުކުމް އިއްވި ކަމަށް ބުނެ މުއިއްޒަށް މައުލޫމާތު ދީފައިކަމަށް ދިޔަވަރު ނޫހަށް ވަނީ ވަރަށް މުއުތަބަރު ފަރާތަކުން ހާމަކޮށްފައެވެ.
މީރާ ވ. ޓޫރިސްޓް ސަބްމެރިން މައްސަލަ (2022 ވަނަ އަހަރުގެ 68 ވަނަ ގަޒިއްޔާ)ގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކެއް ހުށަނޭޅޭ ކަމުގައި ބަޔާންކޮށް ޝުޖޫން ވަނީ އެ މައްސަލާގައި ދައުލަތަށް ލިބެން ނުވާ މާލީ މަންފާއެއް ނަގައިދީ، އާންމު ފަރުދަކަށް ގެއްލުންވާހެން ހުކުމް ކޮށްފައި ކަމަށް އުއްތަމަ ފަނޑިޔާރު މުއިއްޒަށް މައުލޫމާތު ދިންކަމަށް ވެއެވެ.
އެ މައްސަލައިގެ ޤަޒިއްޔާގެ 26 ވަނަ ޕެރެގްރާފުގައި ޝުޖޫން ލިޔެފައިވާ ހުކުމުގައި ވަނީ:
... އަދި (ޓްރިބިއުނަލް އަދި ހައިކޯޓުގައި) މައްސަލަ ހިނގިއިރު، ހިސާބުޖެހުމުގައި ހެދިފައިވާ ކުށުގެ ވާހަކަ ދެކެވިފައިވާ ނަމަވެސް، އެފަދައިން ފާހަގަކުރުމުގެ އިތުރުން، އެކަން އޮތީ ހަމަ ހަގީގަތުގައިވެސް އެފަދައިންކަން ދައްކުވައިދިނުމުގެ ގޮތުން އެއްވެސް ލިޔެކިޔުމެއް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ހުށައަޅާފައި ނުވެއެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރު މައުލޫމާތު ދީފައިވަނީ އެކަމާއި ގުޅޭ ލިޔެކިޔުން ހަށައަޅާފައިކަމަށެވެ.
މީގެ އިތުރުންވެސް، ޝުޖޫން އާއި ބެހޭ އިންޓެލް ރިޕޯޓެއްވެސް މުއިއްޒު ވަނީ އުފައްދާފައެވެ. މީގައިވެސް ޝުޖޫނު ފަނޑިޔާރެއްގެ ސުލޫކީ މިންގަނޑުން ބޭރުވާ އެތައްކަމެއް ހިމަނައިގެން، އެކަންކަން ތަހުގީގު ކުރުމަށް ފަހު، ޖޭއެސްސީ މެދުވެރިކޮށް ޝުޖޫން އަށް ފިޔަވަޅު އެޅުމަށް މުއިއްޒު އޮތީ ނިންމާފައެވެ.
ޝުޖޫނު މުއިއްޒުގެ ފިއްތުންތަކަށް ލެނބިގެން ރައްޔިތުންނާއި ދެކޮޅަށް ކިތަންމެ މަސައްކަތެއް ކުރެއްވިއަސް، ޝުޖޫން ސުޕްރީމް ކޯޓުގައި ބަހައްޓާކަން މުއިއްޒު ބޭނުންނުވެއެވެ. ސަލަފާއި، މުއިއްޒު އާއި ގުޅުން އޮތް ވައްހާބީންގެ އެކި ފިރުގަ ތަކުން ދަނީ އަންހެން ފަނޑިޔާރުން ވަކި ކުރުމަށް މުއިއްޒަށް ބާރު އަޅަމުންނެވެ. އަދި މުއިއްޒު ދަނީ އަންހެން ފަނޑިޔާރުން ވަކި ކުރާނެ ކަމުގެ ޔަގީން ކަން ސަލަފަށް ދީފައެވެ.