ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅައިފިއެވެ. މިއީ ފަނޑިޔާރު އަޒްމިރާލްދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރުމާ ގުޅިގެން ހުށަހެޅުއްވި މައްސަލައެކެވެ.
ޝާމިލް ސޮއިކޮށް ޖޭއެސްސީ އަށް ފޮނުވި ސިޓީއެއްގައި، ފަނޑިޔާރު އަޒްމިރާލްދާއާ ދެކޮޅަށް "ޖިނާއީ ތަޙުޤީޤެއް" ހިންގަމުންދާކަމަށް ބުނެފައިވާކަމަށް ފަނޑިޔާރު ފާހަގަކުރައްވައެވެ. ނަމަވެސް، ޙަޤީޤަތުގައި އެފަދަ ތަޙުޤީޤެއް ހިންގުމަށް އޭސީސީން ނިންމާފައި ނުވާކަމަށާއި، މައްސަލަ އޮތީ ޕްރީ-އިންވެސްޓިގޭޝަން މަރުޙަލާގައި ކަމަށް ފަނޑިޔާރު ބުނުއްވައެވެ.
ޑރ. އަޒްމިރާލްދާގެ މައްސަލާގައި ތުހުމަތުކުރައްވަނީ ޝާމިލް ޖޭއެސްސީއަށް މި ދޮގު މަޢުލޫމާތު ދެއްވީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލައެއްގެ ޝަރީޢަތް ހުއްޓުވާލުމަށް ކަމަށެވެ. މި ސިޓީގައި ތަފާތު އެކި މައްސަލަތައް ހުރިކަން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ސިޓީގައި ނަންބަރެއް ނެތުމާއި، އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުން ޢަމަލުކޮށްފައިވާކަން ހިމެނެއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ މައްސަލާގައި އިތުރަށް ބަޔާންކޮށްފައިވަނީ ޝާމިލް މިފަދަ ޢަމަލަކަށް އަރުވާލެވުނީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމަށާއި، އަދި އޭނާގެ އަމިއްލަ މަޤާމު ދިފާޢުކުރުމުގެ މަސްލަޙަތުގައި ކަމަށެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެޓަރނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެކަން ހާސިލުކޮށްދިނުމަށް ކަމަށްވެސް ތުހުމަތުކުރެވެއެވެ.
އަދަދު ނޫހުން ޔަޤީންކުރެވިފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ. ފަނޑިޔާރު އެދިވަޑައިގެންފައިވަނީ ތަޙްޤީޤުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށެވެ. ނަމަވެސް، ޖޭއެސްސީން ނިންމާފައިވަނީ އަޑުއެހުންތައް ސިއްރުކޮށް ބޭއްވުމަށެވެ.