މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހެޑްކުއާޓާޒް އަދި މިޝަންތަކުގައި ތިބީ ޖުމްލަ 132 ސިޔާސީ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވަމުންނެވެ.
މެމްބަރު ވަނީ ރާއްޖޭގެ ފޮރިން ސަރވިސަސް ޤާނޫނުގެ ދަށުން މުވައްޒަފުން އައްޔަން ކުރައްވާނީ ފޮރިން ސަރވިސަސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތައަށްވުރެ ގިނަ ނުވާނެ ގޮތަށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ހާމަވެފައިވާ މަދު މައުލޫމާތުތަކުން އެނގޭގޮތުގައި މި އަދަދު މާބޮޑަށް ގިނަވެފައިވާ ކަމަށާއި އަސްލު އަދަދަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ ޖެނުއަރީ 2025 ގެ ނިޔަލަށް ފޮރިން ސާވިސް އަދި ސިޔާސީ މުވައްޒަފުން އަދަދުތައް ހަމާކުރައްވާފައެވެ. އެގޮތުން ހެޑްކުއާޓާޒްގައި ތިބި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދަަކީ 93 ކަމަށާއި މިޝަންތަކުގައި ތިބި ފޮރިން ސާވިސް މުވައްޒަފުންގެ އަދަދަކީ 46 ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހެޑްކުއާޓާޒްގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 28 ކަމަށްވާއިރު މިޝަންތަކުގައި ތިބި މުވައްޒަފުންގެ އަދަދަކީ 104 ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ އޮކްޓޫބަރު 2023 ގެ ނިޔަލަށް ފޮރިން ސާވިސް އަދި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ހާމަކުރައްވާފައެވެ.
މިއަދަދަށް ކުރީގެ އެއްވެސް ސަރުކާރެއްގައި ޚާރިޖީ ވުޒާރާއަށް ސިޔާސީ މުވައްޒަފުން އައްޔަން ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.