ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި ރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ވެވުނު އެއްބަސްވުން ރާއްޖޭގެ ސަލާމަތަށް ކުރިމަތިކޮށްފައިވަނީ ބޮޑު ނުރައްކަލެކެވެ. މި އެއްބަސްވުމުގެ ދަށުން، ޗައިނާއިން ރާއްޖޭގެ ކަނޑުތަކުގައި ހަރުކުރާ ޑިވައިސްތަކުން ސަބްމެރިންތަކާއި، އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތަކާއި އަދި ވަކި އުސްމިނެއްގައި ދަތުރުކުރާ މަތިންދާބޯޓުތައް ވެސް ދެނެގަނެވޭނެކަމަށް މާހިރުން ވިދާޅުވެއެވެ. އެހެންކަމުން، މިއީ ހަމައެކަނި ތިމާވެށީގެ ދިރާސާތަކަށްވުރެ ފުޅާ ބޭނުމެއް އޮތް ކަމެއްކަން ފާހަގަކުރެވެއެވެ.
ޗައިނާއިން ކަނޑުއަޑީގައި މިލިޓަރީ ޑިވައިސްތައް ހަރުކުރުމާއި، ރާއްޖޭގައި އަސްކަރީ ބޭހެއް ގާއިމުކުރުމާ ދެމެދު ހުރީ ކޮން ތަފާތެއްތޯއެވެ؟ ޙަޤީޤަތުގައި މާބޮޑު ތަފާތެއް ނެތެވެ. ދެ ކަމުންވެސް ޙާޞިލްވަނީ އެއް ނަތީޖާއެކެވެ: ޗައިނާ އަށް ދިވެހިރާއްޖޭގެ ސިޔާދަތީ އިޙްތިޞާޞްތެރޭގައި އިސްތިރާޖީ ހަރަކާތްތައް ހިންގުމުގެ ބާރު ލިބިދިނުމެވެ. މިއަދުގެ ޓެކްނޮލޮޖީގެ ޒަމާނުގައި ކަނޑުއަޑީގައި ހަރުކުރާ ސްމާޓް ސެންސަރތަކަކީ ހަނގުރާމައިގެ ވަގުތުތަކުގައި ސީދާ ބޭނުންކުރެވޭ ސްޓްރެޓީޖިކް އާލާތްތަކެވެ.
މި ޑިވައިސްތައް ބޭނުންކޮށްގެން:
- ރާއްޖޭ ކައިރީގައި ހުންނަ ޑިއޭގޯ ގާސިއާގެ އެމެރިކާގެ ބޭސްގެ ހަރަކާތްތައް މޮނިޓަރކުރެވޭނެއެވެ
- އެމެރިކާއާއި އިންޑިޔާގެ ކަނޑުގެ ހަރަކާތްތަކުގެ ސިއްރު މަޢުލޫމާތު ހޯދޭނެއެވެ
- މުވާސަލާތީ ނިޒާމްތަކަށް އިންޓަރސެޕްޓް ކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެއެވެ
- ހަނގުރާމައިގެ ވަގުތެއްގައި މި ޑިވައިސްތައް ޓްރިގަރކޮށްގެން އެހެން ސިސްޓަމްތަކަށް ބުރޫއެރުވިދާނެއެވެ
ހަމައެއާއެކު، މި ނިޒާމް ހިންގުމަށް ރާއްޖޭގައި ޗައިނާއިން އަންނަނިވި ކަންކަން ޤާއިމްކުރަން ޖެހޭނެއެވެ:
- ޑޭޓާ ޕްރޮސެސިންގ ސެންޓަރތައް
- ކޮމިއުނިކޭޝަން ރިލޭތައް
- ޓެކްނިކަލް ސްޕެޝަލިސްޓުން އަދި ސްޓާފުން
މިއީ ސީދާ އަސްކަރީ ބޭހެއްގެ ސިފަތަކެވެ. ނަމަވެސް "ތިމާވެށީގެ ރިސާރޗް" ގެ ނަމުގައި ހިންގާ ކަމެއްގެ ގޮތުގައި ހުށަހެޅިފައިވާތީ އިތުރު ސުވާލުތައް ނުކުރެވެނީއެވެ.
ރައީސް މުއިއްޒު 2023 ވަނަ އަހަރު ވިދާޅުވެފައިވާ ފަދައިން "ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫނެވެ". ނަމަވެސް މިހާރު ސޮއިކުރެވިފައިވާ މި އެއްބަސްވުމަކީ ހަމަ އެކަމަށް މަގުފަހިކޮށްދޭ އެއްބަސްވުމެކެވެ.
ޚުލާޞާކޮށް ބަލާއިރު، ޗައިނާ އިން ކަނޑުއަޑީގައި މިލިޓަރީ ޑިވައިޒް ހަރުކުރުމާއި، ޗައިނާއިން ރާއްޖޭގައި މިލިޓަރީ ބޭހެއް އެޅުމާއި ދެމެދު މާބޮޑު ތަފާތެއް ނެތެވެ. ދެ ކަމަކުންވެސް ޗައިނާގެ އަސްކަރީ ނުފޫޒު ރާއްޖޭގައި އިތުރުވެގެންދާނެއެވެ. އަދި ރާއްޖެއަކީ އިންޑިޔާއާއި އެމެރިކާގެ ޚާއްސަ ސަމާލުކަމެއް ލިބޭ ސަރަޙައްދަކަށްވާއިރު، ރާއްޖެއަކީ ޗައިނާގެ މިލިޓަރީ ޖަޒީރާއަކަށްވުމުން، ދުނިޔޭގެ ލޯ ކުރިމަތީގައި ރާއްޖެ އެއް ނުފެންނާނެއެވެ. ފެންނާނީ ޗައިނާގެ ކުޑަ އަވަށެއް ގޮތުގައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އެހީތައް ހުއްޓި، ޖެ ދުނިޔޭގެ ބާރުވެރި ޤައުމުތަކުން ރާއްޖެއާއި މެދު ހިތްހަމަ ނުޖެހެން އިތުރުވެ، ރާއްޖޭގެ ސަލާމަތަށް ނުރައްކާވެގެން ދާނެއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ރައީސް މުއިއްޒުއެވެ. ނަމަވެސް މިކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށެވެ.