މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ދިވެހި ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމުވެ. ތަކެތީގެ އަގު ތިރި ކުރުމެވެ. ޑޮލަރުގެ އަގުދަށްކޮށް, ވިޔަފާރިވެރިނަނަށް ލުއި ފަސޭހަކަން ހޯދާ ދިނުމެވެ. ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދާދީ, ވިޔަފާރި ވެރިންނާއި ގައުމުން ބޭރަށް ދަތުރުކުރާ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދާ ދިނުމެވެ. ޚަރަދު ކުޑަކޮށް, "މަތި ލުއި" ސަރުކާރެއް ހިންގުމެވެ.
އެހެންނަމަވެސް ވެރިކަމަަށް ދޮޅު އަހަރު ނުވަނީސް, މުއިއްޒު ވަނީ, ދިވެހި ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމަށް ވެވަޑައިގެން ހުރިހާ ވައުދުތަކާ ޚިލާފް ވެވަޑައިގެންފައެވެ.
މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރެމުންދާއިރު, ދިވެހި ރައްޔިތުން މިއިން ދުވަހަކު ނިކަމެތި ނުވާވަރަށް ނިކަމެތި ވެއްޖެއެވެ. ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެއެވެ. އިގްތިސާދީ ފުދުންތެރިކަން ދަށަށް ގޮސް, ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ. ޑޮލަރުގެ އަގި މިއިން ޒަމާނަކު މަތި ނުވާވަރަށް ކަޅު ބާޒާރުގައި އުފުލިގެން ހިގައްޖެއެވެ. އެއާއެކު ޑޮލަރު އެއީ "ތަދު ބޭހަކަށް" ވެއްޖެއެވެ.
އެއަށްފަހު, މުއިއްޒު މިހާރު ވަނީ, ރިޔާސީ އިންތިޚާބުގައާއި, މިހާތަނަށް ވައުމުން އައި އެންމެ ބޮޑު ވައުދު ކަމުގައިވާ, މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވެ ވީ ވައުދުގެ މަތިން ހަނދާން ނައްތާލާ, ފައިސާ ޗާޕް ކުރުމަށް ނިންމާފައެވެ.
މި ސަރުކާރުން މިހާރު ނިންމާފައިވަނީ, އެމްއެމްއޭއަށް ހުޅުމާލެއިން ބިން ވިއްކުމުގެ ނަމުގައި, 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން އެޗްޑީސީއަށް ނަގާ, އެފައިސާ ދައުލަތުގެ މާލިއްޔަތުން ހޭދަ ކުރުމަށެވެ. އޭގެ މާނައަކީ, ރާއްޖޭގެ ފައިސާގެ ބާޒާރަށް ނުނެރެ ހުރި ދިވެހި ރުފިޔާގެ ތެރެއިން 15 ބިލިއަން ރުފިޔާ މިސަރުކާރުން ނަގާ, އެފައިސާ ދައުލަތުން ހޭދަކުރާން ފެށުމުން, އަލަށް ފައިސާ ޗާޕް ކޮށްގެން ބާޒާރަށް ނެރުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ސަބަބަކީ އެމްއެމްއޭގައި ހުރި މިފައިސާއަކީ "ސާކިއުލޭޝަނަށް" ނުނެރޭ ހާހިދެއްގައި, ޗާޕް ކުރިއެއްކަމަކު އެއިން އިގްތިސާދަށް އެއްވެސް އަސަރެއް ކުރާ އެއްޗަކަށް ނުވާތީއެވެ.
އަދި އެމްއޭގައި ހުރި ދިވެހި ފައިސާ, ކޮންމެ ސަބަބެއް މަތިކޮށް ނަމަވެސް, ދިވެހި ބޭންތަކުގައި ދައުރުވާން ފެށުމުން, ފައިސާގެ ބާޒާރުގައި އެނބުރެންފަށާ ދިވެހި ފައިސާއަދަދު, ސާކިއުލޭޓް ވަމުންދާ ޑޮލަރުގެ އަދަދަށްވުރެ އިންތިހާއަށް ގިނަވެ, ދިވެހި ފައިސާގެ އަގުވެއްޓި, ޑޮލަރުގެ އަގު މަތިވެގެން ދާނެއެވެ.
މުއިއްޒުގެ ވެރިކަމުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލިގެން ގޮސްފައިވާއިރު, 15 ބިލިއަން ރުފިޔާ ބާޒާރަށް ނެރެ ސާކިއުލޭޓް ވާން ފެށުމުން, ޑޮލަރުގެ އަގު 25 ރުފިޔާއަށް އުފުލިގެން ދާނެއެވެ. އޭގެ މާނައަކީ އެ ނިސްތަބުން ތަކެތީގެ އަގުތަށް އުފުލި, އިންފްލޭޝަން އަތް ނުފޯރާ ފަށަށް މަތިވެގެން ދިއުމެެވެ.
އާދޭހެވެ! ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ އާންމު ހާލަތަކަށް އެއްވެސް ބެލުމެއް ނެތި, މުއިއްޒުގެ އަމިއްލަ ސިޔާސީ އެޖެންޑާއެއް ހާސިލްކުރުމަށް, ތިމާ ވީހާ ވައުދުތަކެއް އުވާލުމަށްފަހު އެންމެ ފަހުން މުއިއްޒު, މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފައިސާ ޗާޕްކޮށްފައި ނުވާ މިންވަރަށް ފައިސާ ޗާޕް ކުރަން ނިންމީއެވެ.
ގައުމަށް އެއްވެސް ކުލުނެއް ލޯތްބެއް ނެތި, އާންމު ރައްޔިތުންގެ ހާލަތާ މެދު ވިސްނުމެއް ނުބަހައްޓާ, ވިޔަފާރިވެރިންގެ އާދޭހުގެ އަޑުތަކަށް ބީރުކަންފަތެއް ދީ, މުއިއްޒު މި ފުނޑާލަނީ ރާއްޖޭގެ އިގްތިސާދެވެ. މިއީ މުއިއްޒު, ދޮގާއި މަކަރާއި އޮޅުވާލުމުން ވެރިކަމަށް ވަޑައިގެން, ގައުމަށް ވަމުންދާ އެންމެ ބޮޑު ޚިޔާނާތެވެ.