ޚަބަރު

ފްލެޓްތައް ފޭރިގަނެ, އެތައް ނިކަމެއްޗަކު ވަޒީފާއިން މަހުރޫމް ކޮށް, ދޮގު ހަދާ, ރިޝްވަތުގެ ޙަރާމް އެތައް މުއާމަލާތެއް ކުރުމަށްފަހު މުއިއްޒު އިސްލާމީ މަރުކަޒަށް ތަރާވީހަށް ދަނީ, އެ މިސްކިތުގެ ތަރާވީސް ޕީއެސްއެމްއިން ލައިވް ކުރާތީތަ?

ދިޔަވަރު
ފްލެޓްތައް ފޭރިގަނެ, އެތައް ނިކަމެއްޗަކު ވަޒީފާއިން މަހުރޫމް ކޮށް, ދޮގު ހަދާ, ރިޝްވަތުގެ ޙަރާމް އެތައް މުއާމަލާތެއް ކުރުމަށްފަހު މުއިއްޒު އިސްލާމީ މަރުކަޒަށް ތަރާވީހަށް ދަނީ, އެ މިސްކިތުގެ ތަރާވީސް ޕީއެސްއެމްއިން ލައިވް ކުރާތީތަ?

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުނަށް އެތަކެއް ގިނަ ވައުދުތަކެއް ވަވަޑައިގަތުމަށްފަހުއެވެ. އޭގެ ތެރޭގައި, ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކޮށްދޭނަކަމުގެ ވައުދުތަކާއި, އެއްވެސް ރައްުޔިތެއްގެ ފްލެޓެއް, ބިމެއް އަތު ނުލާނޭކަމުގެ ވައުދުތަކާއި, އަދި މީގެ އިތުރުންވެސް ދިވެހި ރައްޔިތުންގެ އެންމެހާ ހައްގުތަކެއް ރައްކާތެރި ކޮށްދޭނެކަމަށް މާތްالله ގަންދީ ހުވާ ކޮށްގެންނެވެ.

އެހެންނަމަވެސް ވެރިކަމަށް ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ފާއިތުވެގެން ނުދަނީސް މުއިއްޒު ވަނީ ވީވައުދުތަކަށް ޚިޔާނާތްތެރިވެ, އެތައް ރައްޔިތުންނެއްގެ ވަޒީފާތައް ނިގުޅައިގެންފައެވެ. ނިކަމެތި ބައެއް ރައްޔިތުން ލަފުގަ ހިފާ މަގުމަތި ކޮށްލީ, ބަރަކާތްތެރި ރަމަޟާންމަސް ކުރިޔަށް އޮއްވައެވެ.

އެއަށްފަހު, ދައުލަތުގެ ނިޝާން އޮތް އެއްވެސް ލިޔުމަކުން ގޯވައްޗެއް ނުވަތަ ފްލެޓެއް ނަމަވެސް ލިބިފައިވާ އެއްވެސް ފަރާތެއް މަގުމަތި ނުކޮށްލާނެކަމަށް ވައުދުވުމަށްފަހު, ވެރިކަމަށް ދޮޅު އަހަރު ނުވަނީސް މުއިއްޒުވަނީ 2000 އަށްވުރެ ގިނަ ރައްޔިތުން ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްކޮށް, އެތައް އާއިލާއެއް މަގުމަތި ކޮށްފައެވެ.

އަދި މިހާރު މުއިއްޒު ގެންދަވަނީ ރިޝްވަތުގެ ހަރާމް ފައިސާއިން ކޯޓުތަކުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީ, އަދުލު އިންސާފުގެ ތެރެއަށް އަތް ބާނުއްވަމުންނެވެ. އެއްވެސް އިންސާފެއް ހަމައެއް ލަމައެއް ނެތި, މުއިއްޒު ގެންދަވަނީ, ކޯޓުތަކުގެ ފަނޑިޔާރުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވާ, ފަނޑިޔާރުން ޖޭއެސްސީއަށާއި އޭސީސީއަށްވެސް "ދަމަމުން" ނެވެ.

ރައީސް ޔާމިންގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އެމަނިކުފާނު މިނިވަން ކުރާނެކަމަށް ތަކުރާރުކޮށް ވީވައުދުތަކުގެމަތިން މުއިއްޒު ވަނީ ހަނދާން ނައްތާލާ, ވީ ވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ ދިވެހި ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމުވެ. ތަކެތީގެ އަގު ތިރި ކުރުމެވެ. ޑޮލަރުގެ އަގުދަށްކޮށް, ވިޔަފާރިވެރިނަނަށް ލުއި ފަސޭހަކަން ހޯދާ ދިނުމެވެ. ޑޮލަރުގެ ތާށިކަމަށް ހައްލެއް ހޯދާދީ, ވިޔަފާރި ވެރިންނާއި ގައުމުން ބޭރަށް ދަތުރުކުރާ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދާ ދިނުމެވެ. ޚަރަދު ކުޑަކޮށް, ”މަތި ލުއި“ ސަރުކާރެއް ހިންގުމެވެ.

އެހެންނަމަވެސް ވެރިކަމަަށް ދޮޅު އަހަރު ނުވަނީސް, މުއިއްޒު ވަނީ, ދިވެހި ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން އިތުރު ކުރުމަށް ވެވަޑައިގެން ހުރިހާ ވައުދުތަކާ ޚިލާފް ވެވަޑައިގެންފައެވެ.

މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރެމުންދާއިރު, ދިވެހި ރައްޔިތުން މިއިން ދުވަހަކު ނިކަމެތި ނުވާވަރަށް ނިކަމެތި ވެއްޖެއެވެ. ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެއެވެ. އިގްތިސާދީ ފުދުންތެރިކަން ދަށަށް ގޮސް, ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ. ޑޮލަރުގެ އަގި މިއިން ޒަމާނަކު މަތި ނުވާވަރަށް ކަޅު ބާޒާރުގައި އުފުލިގެން ހިގައްޖެއެވެ. އެއާއެކު ޑޮލަރު އެއީ ”ތަދު ބޭހަކަށް“ ވެއްޖެއެވެ.

އެއަށްފަހު, މުއިއްޒު މިހާރު ވަނީ, ރިޔާސީ އިންތިޚާބުގައާއި, މިހާތަނަށް ވައުމުން އައި އެންމެ ބޮޑު ވައުދު ކަމުގައިވާ, މި ސަރުކާރުން ފައިސާ ޗާޕް ނުކުރާނެކަމަށް ވިދާޅުވެ ވީ ވައުދުގެ މަތިން ހަނދާން ނައްތާލާ, ފައިސާ ޗާޕް ކުރުމަށް ނިންމާފައެވެ.

އިސްވެ ދެންނެވުނުހާ ބޮޑެތި ދޮގުތައް ހަދާ މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލުމަށްފަހު, މި ރަމަޟާން މަސް ފެށުމާއެކު މުއިއްޒު ގެންދަވަނީ ކޮންމެ ރެއަކު އިސްލާމީ މަރުކަޒަށް ތަރާވީސް ނަމާދަށް ވަޑައިގަންނަވަމުންނެވެ.

އެހެންނަމަވެސް ފާހަގަކޮށްލާން ޖެހޭ ނުކުތާއަކީ, މުއިއްޒު ދިރިއުޅުއްވާ މުލިއާގެ ކައިރީގައި އެތައް މިސްކިތެއް ހުންނައިރު, ކޮންމެ ރެއަކު މުއިއްޒު އިސްލާމީ މަރުކަޒަށް ތަރާވީސް ނަމާދަށް މި ވަޑައިގަންނަވަނީ ކޮން ސަބަބަކާ ހެދިތޯއެވެ.

ދައުލަތުގެ މީޑިއާ އަދި ރާއްޖޭގެ އެންމެ ގިނަ ބަޔަލު ބަލާ ޕީއެސްއެމްއިން ކޮންމެ ރެއަކު ލައިވް ކުރަމުންދަނީ އިސްލާމީ މަރުކަޒުގައި ކުރާ ތަރާވީސް ނަމާދެވެ. ގެ ކައިރީގައި ރީއްޗަށް ކިޔަވައިގެން ތަރާވީސް ނަމާދު ކުރާ އެތައް މިސްކިތެއް ހުންނައިރު, މުއިއްޒު ކޮންމެ ރެއަކު އިސްލާމީ މަރުކަޒަށް ތަރާވީސް ނަމާދަށް މި ވަޑައިގަންނަވަނީ އެމިސްކިތުގެ ތަރާވީސް ނަމާދު ޕީއެސްއެމްއިން ލައިވް ކުރާތީ, ގިނަ ބަޔަކަށް ދެއްކެން ކަމުގައި ގިނަ ބަޔަކު ބުނަމުން ދެއެވެ.

އެހެންނަމަވެސް, އޮޅުވާލާ, މަކަރާއި ދޮގު ހެދުމަށްފަހު, އަދި ކޮރަޕްޝަންގެ ހަރާމް ފައިސާއިން އެތައް ބަޔަކަށް ރިޝްވަތު ދިނުމަށްފަހު, ކޮންމެ ރެއަކު, ޕީއެސްއެމްއިން ލައިވް ކުރާ މިސްކިތަށް މުއިއްޒު ތަރާވީސް ނަމާދަށް ވަޑައިގެންނެވިއެއްކަމަކު, މުއިއްޒުގެ މުނާފިގު ކަމާއި ނުބައި ނުލަފާކަން ރައްޔިތުންނަށް ވަހަނާ ކުރެވިދާނެތޯއެވެ?