އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އެކުލަވާލި ސަރުކާރުތަކުގެ ވަޒީރުންގެ އަދަދުތައް ހުރީ ގާތްގަނޑަކަށް 16 އާއި 19އާ ދެތެރޭ އެވެ. އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ބަންޑާރަނައިބާ އެކު ޖުމްލަ 21 ބޭފުޅަކު އާ ރައީސް މުއިއްޒުގެ ކެބިނެޓުގައި ތިއްބަވާނެ އެވެ.
އާ މިނިސްޓްރީތަކަށް އޮފީސް އިމާރާތުގެ އިތުރުން، މިނިސްޓަރުންގެ މުސާރައާއި، އިތުރު މުސާރަތަކާއި، އެލަވަންސްތަކާއި، ހިންގުމުގެ ޚަރަދާއި، މިނިސްތަރުންގެ ދަތުރުފުޅުގެ ޚަރަދުތައް ހިމަނާލުމުން ދައުލަތުގެ ޚަރަދު އިތުރުވި މިނިސްޓްރީ ތަކުގެ ސަބަބުން އެކަނިވެސް 48 ޕަސެންޓް ބޮޑުވެގެން ދާނޭ ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.
މީގެ އިތުރުން އާ ސަރުކާރުން ރައީސް އޮފީހަށް ގިނަ މިނިސްޓަރުންތަކެއް ވަނީ އައްޔަން ކޮށްފައެވެ. ރައީސް އޮފީހުގެ މިނިސްޓަރުގެ ގޮތުގައި ނުވަ ބޭފުޅަކު އައްޔަންކުރައްވާނެކަން ވަނީ އެނގިފަ އެވެ. މީގެ ކުރީގައި ރައީސް އޮފީހުގައި ތިއްބެވީ މިނިސްޓަރުންގެ ގޮތުގައި 4 ބޭފުޅުންނެވެ.
މީޑިޔާ އަދި ސޯޝަލް މީޑިޔާގައި ވަނީ މިނިސްޓަރު ކަމަށް އަންނާނެ ކަމަށް ލަފާ ކުރެވޭ މީހުންތަކުގެ ނަންތައް ހާމަ ކޮށްފައެވެ. ދިޔަވަރަށް މައުލޫމާތު ލިބޭގޮތުގައި މި ލިސްޓުތަކުގައި ހުރި ގިނަ ނަންތަކަކީ ސައްހަ ނަންތަކެކެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ވެރިކަން ކޮށްފައިވަނީ ކޯލިޝަން 4 ޕާޓީ ގުޅިގެންނެވެ. ރައީސް އޮފީހުގެ ސިޔާސީ މަޤާމުތައް ފިޔަވައި އެ ހަތަރު ޕާޓީގެ ފަރާތުން ހުށައެޅި ސިޔާސީ މަޤާމުތަކުގައި މީހުން ތިބީ 700 ވަރަކަށް މަގާމުގައެވެ. މުއިއްޒު ޕީޕީއެމް ޕީއެންސީ ސަރުކާރުގައި، ޕީޕީއެމް މީހުންނަށް މަޤާމު ނުދީ ސީދާ މުއިއްޒަށް ވަފާދާރު 700 މީހުންނަށް ސިޔާސީ މަޤާމު ދިނުމަށް މުއިއްޒު ވަނީ ނިންމާފައެވެ. މީގެ އިތުރުން ރައީސް އޮފީހުގައި އިތުރު ސިޔާސީ މަގާމުތައް އުފައްދާނެއެވެ.