ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހިމް އަބްދުﷲ ރޭ ބޭއްވި ތަރާވީހު ނަމާދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވެފައިވާކަން ސުޕްރީމް ކޯތަށް ދައްކުވައިދިނުމަށް ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރަކު ދިޔަވަރު ނޫހަށް ކިޔައި ދިނެވެ. ސުޕްރީމް ކޯޓު މަޖިލީހާއި އެއްކޮޅަށް މުއިއްޒު އާއި ދެކޮޅަށް ނިންމަފާނެ ކަމަށް މަޖިލީހުގެ މެމްބަރުން ގާތް ކޮށްގެން އުޅޭ ކަމަށާއި، ސުޕްރީމް ކޯޓުގެ ބާރުތައް ލިބޭ އިރަށް މަޖިލީސް މެމްބަރުން ނުދަންނަ ބަޔަކަށް މުއިއްޒު ހައްދަވާނެ ކަމަށް އޭނާ ހާމަ ކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ތަރާވީހުގައި ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖެނުއަރީ 28 ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކިކުރެއްވުމާ ގުޅިގެން އެ ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމުގެ ހުޅުފަޅައިގެން ދިޔައެވެ. އޭރު އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެމަނިކުފާނާއި ރައީސް މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާނަމަ ފައިސަލް މަގާމުން ވަކިނުކުރީސް ކަމަށެވެ.
ނަމަވެސް ގިނަ މަސްދަރުތަކުގެ މަޢުލޫމާތުން އެނގޭގޮތުގައި، ރައީސް މުއިއްޒު ތަރާވީހުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ދެ ބޭފުޅުންގެ ގުޅުން އަދިވެސް ވަރަށް ގޯހެވެ. ފައިސަލް މަގާމުން ވަކިކުރެއްވުމަށްފަހު ރައީސް މުއިއްޒުއާއި އަބްދުއްރަހީމް ވަކިން ބައްދަލުކުރައްވާފައެއް ނުވެއެވެ.
ތަރާވީހުގައި ބައިވެރިވެވަޑައިގަތުމަކީ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން އާރާސްތުކޮށް، ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ފިޔަވަޅެއް ކަމަށް ސިޔާސީ ދާއިރާގެ ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް މި ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ކުރިން އޮތް ހަރުދަނާ ހާލަތަށް އައިސްފައިނުވާކަން ފާހަގަކުރެވެއެވެ.