ޚަބަރު

ޗައިނާއިން ކަނޑުގައި ޑިވައިސްތަކެއް ހަރުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ފަޅުތެރޭ މިލިޓަރީ ބޭހެއް އެޅުމަށް އެއްވެސް ހުރަހެއް ނެތް 

ދިޔަވަރު
ޗައިނާއިން ކަނޑުގައި ޑިވައިސްތަކެއް ހަރުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ފަޅުތެރޭ މިލިޓަރީ ބޭހެއް އެޅުމަށް އެއްވެސް ހުރަހެއް ނެތް 

ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމަށް ފުންކޮށް ބަލާލާއިރު، ޗައިނާއަށް ރާއްޖޭގެ ފަޅުތެރޭގައި ފުރިހަމަ މިލިޓަރީ ފެސިލިޓީއެއް ޤާއިމުކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ. އެއްބަސްވުމުގެ ޓެކްނިކަލް އަދި ޤާނޫނީ ލޫޕްހޯލްތަކުގެ ސަބަބުން، ޗައިނާއަށް ސީދާ އަސްކަރީ ބޭހެއް ކަމަށް ނުބުނެ، "ޑޭޓާ ކަލެކްޝަން ފެސިލިޓީ" އެއްގެ ނަމުގައި ފުރިހަމަ މިލިޓަރީ ބްރިޖްހެޑްއެއް ޤާއިމުކުރުމުގެ ފުރުޞަތު އޮތްކަން މި އެގްރިމެންޓް ފެނިފައިވާ ފަރާތަކުން ކަންބޮޑުވުން ފާޅުކޮށް ކިޔާދީފައި ވެއެވެ.

އެއްބަސްވުމުގެ މާނަކުރުން

މި އެއްބަސްވުމުގައި ޗައިނާއަށް "ކަނޑުގެ ސަތަހުގައި އަދި ކަނޑުއަޑީގައި އެކި ބާވަތުގެ ޑިވައިސްތަކެއް ބެހެއްޓުމުގެ" ހުއްދަ ދެވިފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، "ޑިވައިސް" މި ލަފުޒުގެ މާނަކުރުމުގައި ވަކި ސައިޒެއް، ބާވަތެއް ނުވަތަ ބޭނުމެއް ކަނޑައަޅައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ޗައިނާއަށް ބޭނުންވެއްޖެ ހިނދެއްގައި "ވޯޓަރ މޮނިޓަރިންގ ޑިވައިސް" ގެ ނަމުގައި ފްލޯޓިންގ ޕްލެޓްފޯމެއް ނުވަތަ ބޮޑު ސްޓްރަކްޗަރއެއް ފަޅުތެރޭގައި ބެހެއްޓިދާނެއެވެ.

ސަލާމަތީ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވާ ގޮތުގައި، "އެއްބަސްވުމުގައި 'ޑިވައިސް' ގެ ގޮތުގައި ބެހެއްޓޭނީ ކިހާ ބޮޑު އެއްޗެއްކަން ބަޔާންކޮށްފައި ނުވާތީ، ވަރަށް ފަސޭހައިން ޗައިނާއަށް ބޮޑެތި ފްލޯޓިންގ ސްޓްރަކްޗަރތައް ޤާއިމުކުރެވިދާނެ. މިއީ ސައިންޓިފިކް ރިސާރޗް ސްޓޭޝަނެއްގެ ނަމުގައި ހަދާ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް ވެގެންދިޔުމުގެ މަގު ފަހިވުމެއް."

ޓެކްނިކަލް އަދި ސައިންޓިފިކް ނިވާފަތްގަނޑު

ޗައިނާއަށް ޓެކްނިކަލް އަދި ސައިންޓިފިކް ނިވާފަތްގަނޑެއްގެ ދަށުން ފަޅުތެރޭގައި ބޭސްއެއް ޤާއިމުކުރެވިދާނެ ގޮތައް އެގްރިމެންޓް ބައްޓަން ކޮށްފައިވަނީ މުއިއްޒު ފައިސާ ނަގައިގެންނެވެ.

  1. ފްލޯޓިންގ "ރިސާރޗް ޕްލެޓްފޯމް": ދިވެހިރާއްޖޭގެ ފަޅުތެރޭގައި ފްލޯޓިންގ ސްޓްރަކްޗަރއެއް ޤާއިމުކޮށް، އޭގައި "އޯޝަނޮގްރަފިކް ޑޭޓާ ސެންޓަރ" ގެ ނަމުގައި ވަރަށް ފުޅާ އޮޕަރޭޝަނެއް ހިންގޭނެއެވެ. މިފަދަ ޕްލެޓްފޯމެއްގައި ބޮޑެތި ރާޑާރ، ކޮމިއުނިކޭޝަން އެންޓެނާތައް އަދި ސަރވެއިލަންސް ސިސްޓަމްތައް ޗައިނާއިން ހިމެނުމުގައި އެއްބަސްވުން ހުރަހައް ނާޅައެވެ. މި އެއްބަސް ވުމުގެ ދަށުން މިކަންކަމަށް މަގުފަހި ކޮށްދެއެވެ.
  2. "އެންވަޔަރަންމަންޓަލް ޑޭޓާ ސްޓޭޝަން": ފަޅުތެރޭގައި ދާއިމީ ސްޓްރަކްޗަރތަކެއް ބިނާކޮށް މިތަނުގައި ފުރިހަމަ ލޮޖިސްޓިކަލް ސަޕޯޓް ފެސިލިޓީތަކާއެކު ޓެކްނީޝަނުން އަދި "ސައިންޓިސްޓުން" ބަހެއްޓުމަކީ ހިނގާނެ ކަމެކެވެ. މިތަނުން "ކަނޑުގެ ސާފުތާހިރުކަން މޮނިޓަރކުރުމުގެ" ނަމުގައި ބޮޑެތި ވެސެލްތައް ފަޅަށް އައިސް ދިއުމުގެ ފުރުޞަތު ވެސް މި އެއްބަސް ވުމުން ލިބެއެވެ.
  3. އަންޑަވޯޓަރ ސެންސަރތަކާ ގުޅިފައިވާ "ކޮންޓްރޯލް ޔުނިޓް": ކަނޑުއަޑީގައި ބެހެއްޓޭ ސެންސަރތަކުގެ ޑޭޓާ ބަލައި، ކޮންޓްރޯލްކޮށް މޮނިޓަރކުރުމަށް ބޮޑެތި ފެސިލިޓީތަކެއް މި އެއްބަސް ވުމާއި އެކު ޤާއިމުކުރެވިގެންދާނެއެވެ. މިފަދަ އިންފްރާސްޓްރަކްޗަރ ޔުނިޓަކަށް ހަތިޔާރާއި ޑިފެންސިވް ކޮމްޕޯނަންޓްތައް ހިމެނައި ފުރިހަމަ މިލިޓަރީ ބޭސް އަކަށް އެހެން ކަމެއްގައި މިތަން ހެދުމަށް ޗައިނާއިން ނިންމާނެއެވެ.

ނޭވަލް ޔުނިޓްތަކުގެ ހަރަކާތްތައް

މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ނޭވަލް ވެސެލްތަކަށް "ޑޭޓާ ކަލެކްޝަން އިކުއިޕްމަންޓް" ބެލެހެއްޓުމަށް ރާއްޖޭގެ ފަޅުތަކަށް ޤަވާއިދުން އައުމުގެ ހުއްދަ ލިބިދެވެއެވެ. މިކަމުގެ ނަތީޖާއަކީ:

  • ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި ރާއްޖޭގެ ކަނޑުތަކުގައި އަމަލީގޮތުން ޕެޓްރޯލްކުރުމުގެ ހުއްދަ ލިބުން
  • "ޑޭޓާ ކަލެކްޝަން ޑިވައިސްތައް" ބެލެހެއްޓުމަށް ރާއްޖޭގެ ބަނދަރުތަކުގައި ހުއްޓުމާއި ޓެކްނީޝަނުން އައުމުގެ ހައްޤު ލިބުން! މި ހައްޤުގެ ތެރެއިން އަންނާނީ ޗައިނާގެ މިލިޓަރީ ފަރާތްތައް.
  • ޗައިނާއަށް ލިބިދޭ އިމްތިޔާޒުތަކުގެ ދަށުން ރިސާރޗުގެ ނަމުގައި، ކުރިއަށްގެންދާ ހަރަކާތްތަކުގައި ރާއްޖޭގައި ދާއިމީ ނޭވަލް ޕްރެޒެންސްއެއް ޤާއިމުކުރެވިގެން

ކޮމާންޑް އެންޑް ކޮންޓްރޯލް ސްޕެޝަލިސްޓެއް ވިދާޅުވާ ގޮތުގައި، މިފަދަ ނުރައްކާތެރި އެއްބަސްވުންތަކުން "ކަނޑުއަޑީގައި އިންސްޓޯލްކުރާ ސެންސަރތައް ބޭނުންކުރާ މިންވަރު މޮނިޓަރކުރުމުގެ ނަމުގައި ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ފެސިލިޓީއެއް ތަރައްޤީކުރުމަށް އެއްވެސް ޓެކްނިކަލް ހުރަހެއް ނެތެވެ."

ޤާނޫނީ މާއްދާތަކުގެ ދޯދިޔާކަން

މި އެއްބަސްވުމުގައި ފާހަގަކުރެވޭ ޤާނޫނީ ދޯދިޔާކަމުގެ ތެރޭގައި:

  • "ޑިވައިސްތައް" މި ލަފުޒުގެ މާނަކުރުން ވަރަށް ފުޅާކޮށް ލިޔެވިފައިވުން
  • އިންސްޓޯލްކުރެވޭ "ޑިވައިސްތައް" ވަކި ސައިޒަކަށް ނުވަތަ ޓައިޕަކަށް ހަނިކޮށްފައި ނުވުން
  • "ޓެކްނިކަލް ސަޕޯޓް" ގެ މާނައިގައި ކޮންކަހަލަ ވަސީލަތްތަކެއް ޤާއިމުކުރެވިދާނެކަން ސީދާ ބަޔާންކޮށްފައި ނުވުން
  • "ރިސާރޗްގެ ބޭނުންތަކަށް" މި ޢިބާރާތުގެ ތަފްސީލު ނުހިމެނުން އަދި ރިސާރޗްގެ ކެޓަގަރީއަށް ވަންނާނެ ހަރަކާތްތައް ބަޔާންކޮށްފައި ނުވުން

"މި އެއްބަސްވުމުގައި ވަރަށް ބޮޑެތި އެމްބިގިއުޓީތަކެއް ހިމެނިފައިވޭ. އޭގެ ފައިދާ ޗައިނާއަށް ބޭނުން ކޮންމެ ގޮތަކަށް ނެގިދާނެ." މި އެއްބަސްވުން ފެނުނު ފަރާތުން ދިޔަވަރު ނޫހަށް ކިޔައި ދިނެވެ.

ސްޓެލްތް މިލިޓަރައިޒޭޝަންގެ ނުރައްކާ

ކަނޑުއަޑީގައި ޑިވައިސްތައް ހަރުކުރުމުގެ ހުއްދައިގެ ދަށުން ފުރިހަމަ މިލިޓަރީ ފެސިލިޓީއެއް ޤާއިމުކޮށްފިނަމަ، ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ސަލާމަތީ ގޮންޖެހުންތައް:

  • އެމެރިކާ އަދި އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއެރުން
  • ސަރަހައްދުގެ ބާރުވެރި ޤައުމުތަކުގެ ސަލާމަތީ ކަންބޮޑުވުން އިތުރުވުން
  • ދިވެހިރާއްޖޭގެ ސިޔާދަތާއި ނުފޫޒު އަށް އުނިކަން އައުން
  • ސަރަހައްދީ ހަމަނުޖެހުމެއްގައި ދިވެހިރާއްޖެ ވަކި ފަރާތަކަށް ޖެހުމުގެ މަޖުބޫރުކަން ކުރިމަތިވުން

ނިންމުން

ޗައިނާއިން ކަނޑުގައި ޑިވައިސްތަކެއް ހަރުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ލޫޕްހޯލްތަކުގެ ސަބަބުން ފަޅުތެރޭގައި ޑޭޓާ ކަލެކްޝަން ސެންޓަރެއްގެ ނަމުގައި ފުރިހަމަ މިލިޓަރީ ބޭހެއް ޤާއިމުކުރުމުގެ ޤާބިލުކަން ޗައިނާއަށް ލިބިދެއެވެ. މި އެއްބަސްވުމަކީ ކޮންމެހެން މިލިޓަރީ ބޭހެއް ޤާއިމުކުރުން މަނާކޮށްފައިވާ އެއްބަސްވުމެއް ނޫންކަން ފާހަގަކުރަން ޖެހެއެވެ. އެއްބަސްވުމުގެ ދޯދިޔާ މާއްދާތަކާއި ލޫޕްހޯލްތަކުގެ ސަބަބުން ޗައިނާއަށް ފުޅާ ޖާގައެއް ދީފައިވާއިރު، ދިވެހިރާއްޖޭގެ ސަލާމަތީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ޗައިނާގެ ކުޑަ އަވަށަކަށް ރާއްޖެ ބަދަލުވެފައި ވާތީ ރާއްޖޭގެ އިސްތިޤްލާލެއް މިހާރަކު ނެތެވެ.