އަންހެން މުވައްޒަފަކަށް ދާއިމީ ގޮތެއްގައި މެސެޖްކޮށް، އެކުގައި ކާންދާން ބުނެ، އެކަނި ކޮޓަރިއަށް ބައްދަލުކުރުމަށް އެދި، ޖިންސީ ފުރައްސާރަކޮށްފައިވާކަން ދިޔަވަރު ނޫހަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބިއްޖެއެވެ.
މެދު ނުކެނޑި މި އަންހެން މުއައްޒަފަށް ފަނޑިޔާރު އަލީ ރަޝީދު ޖިންސީ ފުރައްސާރަ ކުރާތީ އޭނާ ވަނީ ސުޕްރީމް ކޯޓުގައި އަދާ ކުރަމުން ދިޔަ ވަޒީފާ ދޫކޮށްލާފައެވެ. މި މައްސަލަ ހެރަސްމެންޓް ކޮމިޓީއަށް ނުގެންގޮސް އަލީ ރަޝީދު ހިމާޔަތްކޮށްދީ މައްސަލަ އޮއްބާލީ އުއްތަމަ ފަނޑިޔާރު މުޢުތަސިމް ޢަދުނާނުއެވެ.
ލީގަލް އޮފިސަރެއް ގޮތުގައި ކޯޓުގައި މަސައްކަތް ކުރަމުން ދިޔަ، ޒުވާން އަންހެން ކުއްޖާ އަށް ޖެހުނީ ފަނޑިޔާރު އަލީ ރަޝީދު ފުރައްސާރައާއި ހެދި މަގާމުން ވަކިވެ، ވަޒީފާ ނެތިފައި ހުންނާށެވެ. އަލީ ރަޝީދުގެ ސަބަބުން އެފަރާތުގެ އާއިލާއަށް ނިކަމެތިކަން ކުރިމަތިވެފައިވާއިރު، މި މައްސަލަ ހެރަސްމެންޓް ކޮމިޓީއަށް ގެންދިޔުމަށް ހުރަސް އަޅައި، އެ އަންހެން ކުއްޖާގެ ވަޒީފާގައި ހުރުމުގެ ފުރުޞަތު ނަގާލައި ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ރަޝީދުއެވެ.
ރައީސް މުއިއްޒަށް ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ދީ، 3 ބާރު ވަކިވެފައިވާ ދައުލަތް ފުނޑު ފުނޑު ކޮށްލުމަށް ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުން ކޮންޓްރޯލް ކުރުމަށް ފަނޑިޔާރު އަލީ ރަޝީދުގެ މި މައުލޫމާތު ވެސް މުއުތަޒިމް އަދުނާނު ވަނީ ރައީސް މުއިއްޒަށް ދެއްވާފައެވެ. އަދި ރައީސް މުއިއްޒުގެ ފަރާތުން ވަނީ މި މައުލޫމާތު ބޭނުންކޮށްގެން ފަނޑިޔާރު އަލީ ރަޝީދަށް ބިރު ދައްކައި، އޭނާގެ މި މައްސަލަ ޖޭއެސްސީއިން ބެލޭނެ ކަން އޭނާއަށް ހަނދާންކޮށްދީ ބްލެކްމެއިލް ކޮށްފައެވެ.
ހަމަ އެއާއި އެކު މުއުތަޒިމް އަދުނާނަށް އެނގިވަޑައި ނުގަތަސް، މިކަމުގައި އޭނާ، އަލީ ރަޝީދު ހިމާޔަތް ކުރި މައްސަލާގައި ޖޭއެސްސީއަށް ހެކި ދޭނެ އެތައް ބަޔަކު ސުޕްރީމް ކޯޓުގައި އެބަތިއްބެވެ. މުއުތަޒިމް އަދުނާނަށް ވެސް އޮތް ގޮތަކީ ހަމަ މުއިއްޒު ބުނިހާ ގޮތެއް ހަދައިގެން އަޅެއްހެން ކޯޓުގައި "އުއްތަމަ ފަނޑިޔާރު" ވެފައި ހުރުމެވެ އިނުމެވެ. އެހެން ކަމުން މިހާރު ސުޕްރީމް ކޯތުން އިންސާފުން އެއްވެސް މައްސަލައެއް ނިންމޭނެ ގޮތެއް ނެތެވެ.