މަޖިލިސް ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބުރައީސަށް ކަމަށް ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ފަނޑިޔާރު މަހާޒު އަލީ ރައުޔު އިއްވަމުން ވިދާޅުވެއްޖެ! އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެކަމަށް ތާޢީދު ކޮށް ރައުޔު އިއްވައިފި!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރުމަށް ފަހު ޖަލްސާތަކެއް ކެންސަލްކުރުމުން މަޖިލީހާ ދެކޮޅަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ހުށަހެޅި މައްސަލާގައި އެ ޕާޓީއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މި ގޮތަށް ހުކުމްކުރީ މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީގެ ރައުޔުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސަށް ކަމަށް ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ފާހަގަކުރައްވާފައިވެ އެވެ.
ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ އަލާސްކަންފުޅާ، މަޖިލީހަށް ސަލާމުގަ އެވެ. ނަޝީދު ވަކިކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށްގެންނެވެ.
ނަމަވެސް އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން މެންބަރަކަށް ވެސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެމްޑީޕީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އޭގައި، މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭނަމަ، ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑަައަޅަން ޖެހޭ ކަމަށް އޮވެ އެވެ.
އެމްޑީޕީން އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.