ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ޙަޤީޤީ މަޤްޞަދަކީ ކޮބައިތޯއެވެ؟ ފުންކޮށް ދިރާސާކުރާއިރު ޗައިނާގެ މަޤްޞަދަކީ "ތިމާވެށީގެ ދިރާސާ" ގެ ނަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެމީހުންގެ އަސްކަރީ ނުފޫޒު ދެމިއޮތް ޒޯނަކަށް ބަދަލުކުރުން ކަމަށް ފާހަގަކުރެވެއެވެ.
ޗައިނާގެ މިލިޓަރީ ޒޯން ޤާއިމުކުރުމުގެ މާޒީ
ޗައިނާއިން ކުރިން ވެސް "ސައިންޓިފިކް ރިސާރޗް" ނުވަތަ "ތިމާވެށީގެ" ޙަރަކާތްތަކުގެ ނަމުގައި އެހެން ޤައުމުތަކުގެ ސަރަހައްދުތައް މިލިޓަރީ ޒޯންތަކަށްކަށް ބަދަލުކޮށްފައިވެއެވެ.
1. ސައުތު ޗައިނާ ސީގެ ސަރަހައްދުތައް
ސައުތު ޗައިނާ ސީގައި ޗައިނާއިން ފުރަތަމަ "ސައިންޓިފިކް ސްޓޭޝަން" ނުވަތަ "ކަނޑުގެ ދިރާސާ ސެންޓަރ" ގެ ނަމުގައި ފަށާފައިވާ މަޝްރޫޢުތައް ފަހުން ފުރިހަމަ މިލިޓަރީ ބޭސްތަކަށް ބަދަލުވެފައިވެއެވެ:
- ސްޕްރެޓްލީ އައިލެންޑްސް: ފިލިޕީންސް، ވިއެޓްނާމް އަދި އެ ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގެ އިޙްތިޞާސުގެ ތެރޭގައިވާ ތަންތަނަށް ވެރިވެ، އެ ސަރަހައްދުތަކުގައި "ތިމާވެށީގެ މޮނިޓަރިންގ ސްޓޭޝަން" ގެ ނަމުގައި ފެށި ޙަރަކާތްތައް މިއަދު ވަނީ ފުރިހަމަ އެއާފޯސް ބޭސްތަކަށް ބަދަލުވެފައެވެ. މި ސްޓޭޝަންތަކުގައި މިސައިލް ޑިފެންސް ސިސްޓަމްތަކާއި ފައިޓަރ ޖެޓްތައް ވެސް ހިމެނެއެވެ.
- ރީފްތަކާއި ކޮރަލް އަތޮޅުތައް: ވިއެޓްނާމުގެ ކަނޑުގެ ސަރަހައްދަކީ، ބައިނަލްއަޤްވާމީ ޤަނޫނާއި ޚިލާފަށް ޗައިނާގެ ސަރަހައްދެއް ކަމަށް ބުނެ "އޯޝަން އޮބްޒަރވޭޝަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޙަރަކާތްތައް މިހާރު ވަނީ ރާޑާރ ސިސްޓަމްތަކާއި ޑިފެންސް ސިސްޓަމްތައް ހިމެނޭ ބޭސްތަކަށް ބަދަލުވެފައެވެ.
މި ކަންކަން ކުރުމުގައި ޗައިނާއިން ޢަމަލުކޮށްފައިވާ އުސޫލުތަކުގެ ތެރޭގައި:
- ފުރަތަމަ ފިޔަވަހި: "ސައިންޓިފިކް ރިސާރޗް" ޙަރަކާތްތަކުގެ ނަމުގައި ކުދި ފެސިލިޓީތައް ޤާއިމުކުރުން
- ދެވަނަ ފިޔަވަހި: ފަޅުތައް ފުންކުރުމާއި، އާޓިފިޝަލް ރީފްތައް ބިނާކުރުން
- ތިންވަނަ ފިޔަވަހި: އެއާސްޓްރިޕްތަކާއި، ޑޮކިންގ ފެސިލިޓީތައް ތަރައްޤީކުރުން
- ހަތަރުވަނަ ފިޔަވަހި: ފުރިހަމަ މިލިޓަރީ އިންސްޓޮލޭޝަންތައް ޤާއިމުކުރުން
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ޙަރަކާތްތައް: މިހާރުގެ ހާލަތު
ޙަޤީޤަތުގައި މިހާރު ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު، ޗައިނާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަންނަނިވި ކަންކަން ކުރަމުންގެންދާނެއެވެ. އޭގެތެރެއިން މިހާރު ކުރިއަށް ދަނީ ފުރަތަމަ ވިޔަވައްސެވެ.
- ފުރަތަމަ ފިޔަވަހި: ކަނޑުއަޑީގައި ޑިވައިސްތައް ހަރުކުރުން އަދި ސަބްމެރިންތަކާއި އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް މޮނިޓަރކުރުން
- ދެވަނަ ފިޔަވަހި: "ޑޭޓާ ކަލެކްޝަން ސެންޓަރ" ގެ ނަމުގައި ފަޅުތެރޭގައި ދާއިމީ ސްޓޭޝަނެއް ޤާއިމުކުރުން
- ތިންވަނަ ފިޔަވަހި: "ރިސާރޗް" ގެ ނަމުގައި ރެގިއުލަރ ނޭވީ ޕެޓްރޯލްތައް ފެށުން
ސައިންޓިފިކް ރިސާރޗް ސްޓޭޝަންއަކުން މިލިޓަރީ ސްޓޭޝަނަކަށް ބަދަލުވާން ދިގު މުއްދަތެއް ނަގާނެކަމަށް ނުބެލެވެއެވެ. ޗައިނާގެ ތާރީޚުން ފެންނަ ގޮތުގައި މިފަދަ ބަދަލުވުންތައް އަންނަނީ ފަސޭހައިން އަދި އަވަހަށެވެ.
ޗައިނާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް މިލިޓަރީ ޒޯނަކަށް ބަދަލުކުރުމުގެ ސަބަބުތައް
ޗައިނާއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިލިޓަރީ ބޭނުންތަކަށް މުހިންމުވާ ސަބަބުތައް:
- އިސްތިރާޖީ ޕޮޒިޝަނިންގ: ރާއްޖެއަކީ އިންޑިއަން އޯޝަންގެ މެދުތެރޭގައި ޙިއްސާސް އިސްތިރާޖީ ޕޮޒިޝަނެއްގައި އޮންނަ ޤައުމަކަށްވުން
- ކަނޑުގެ މަގުތައް ކޮންޓްރޯލްކުރުން: އިންޑިއަން އޯޝަނުގައި ކަނޑުގެ މަގުތައް ކޮންޓްރޯލްކުރުމަށް ޗައިނާއަށް ފެންނަ ފުރުޞަތުގެ ބޭނުން ހިފުން
- ސަބްމެރިން ޑިޓެކްޝަން ނެޓްވޯކް: ސައުތު ޗައިނާ ސީގައި ޤާއިމުކޮށްފައިވާ ފަދަ ސަބްމެރިން ޑިޓެކްޝަން ނެޓްވޯކެއް ރާއްޖޭގެ ކަނޑުގެ އަޑީގައި ޤާއިމުކުރުމަށް މަސައްކަތްކުރުން
- އިންފޮމޭޝަން ޑޮމިނެންސް: ސަރަހައްދުގައި އެމެރިކާއާއި އިންޑިޔާގެ ނޭވަލް ހަރަކާތްތަކުގެ މަޢުލޫމާތު އެއްކުރުން
"ކަނޑުގެ ތިމާވެށި މޮނިޓަރކުރުމުގެ" ނަމުގައި ފެށި ހަރަކާތަކުން މިލިޓަރީ ޒޯނަކަށް ބަދަލުވުމުގެ ހިނގާނީ ޗައިނާއިން އެހެން ސަރަހައްދުތަކުގައި ކުރިން ހިންގާފައިވާ ކަންތައްތަކާ އެއް އުސޫލުންނެވެ.
ރާއްޖޭގެ ޤައުމީ ސިޔާދަތަށް އޮތް ނުރައްކާ
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޗައިނާގެ މިލިޓަރީ ޒޯނަކަށް ބަދަލުވުމުން ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތައް:
- ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމަށް އުނިކަން އައުން: ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެހެން ޤައުމެއްގެ މިލިޓަރީ ނުފޫޒު އޮތުމުން ޤައުމުގެ މިނިވަންކަމަށް ސީދާ އުނިކަން އަންނާނެއެވެ.
- ސަރަހައްދީ ޚިލާފުތަކުގެ ތެރެއަށް ރާއްޖެ ވެއްޓުން: ބޮޑެތި ބާރުވެރި ޤައުމުތަކުގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ ރާއްޖެއަކީ އެކަމުގެ ޝިކާރައަކަށް ވެދާނެއެވެ.
- އިޤްތިޞާދީ ގެއްލުންތައް: ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއްގެ ސިފައިގައި، ރާއްޖޭގެ ކަނޑުތަކަކީ މިލިޓަރީ ޒޯނެއްގެ ގޮތުގައި ދެކެވެން ފެށުމުން ފަތުރުވެރިކަމަށް ވެސް އަސަރުކުރާނެއެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ފަދައިން "ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫނެވެ." މިހެން ވިދާޅުވެފައިވާއިރު، މިހާރު ވެވިފައިވާ އެއްބަސްވުމަކީ އަމިއްލަ އަށް ވިދާޅުވި ބަހާއި އިދިކޮޅު ކަމެއްކަން ފާހަގަކުރެވެއެވެ.
މި އެއްބަސްވުމުގެ ދަށުން ދާނީ ޗައިނާއިން އެކި ޤައުމުތަކުގައި ދުރާލާ ބިނާކޮށްފައިވާ މިލިޓަރީ ޒޯންތަކުގެ ފަދައިން ރާއްޖޭގެ ކަނޑުތައް ވެސް ޗައިނާގެ ނުފޫޒު ހިނގާ މިލިޓަރީ ޒޯނަކަށް ބަދަލުވަމުންނެވެ. މިއީ ރާއްޖޭގެ ޤައުމީ ސިޔާދަތަށާއި މިނިވަންކަމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.