ޚަބަރު

ދެ ޚާރިޖީ ވަޒީރުން ހުއްޓުމެއް ނެތި ގައުމަށް ބޭރަށް ކުރި ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ތަޅާ ބުރުވާލައިފި, ބޭރުގެއް އެެއްވެސް ގައުމަކުން ރާއްޖެއަށް މާލީ އެހީއެއް ނުވި! ޚާރިޖީ ސިޔާސަތު ފެއިލްވެ މުއިއްޒު ގޮތް ހުސްވެފައި!

ދިޔަވަރު
ދެ ޚާރިޖީ ވަޒީރުން ހުއްޓުމެއް ނެތި ގައުމަށް ބޭރަށް ކުރި ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ތަޅާ ބުރުވާލައިފި, ބޭރުގެއް އެެއްވެސް ގައުމަކުން ރާއްޖެއަށް މާލީ އެހީއެއް ނުވި! ޚާރިޖީ ސިޔާސަތު ފެއިލްވެ މުއިއްޒު ގޮތް ހުސްވެފައި!

މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދޮޅު އަހަރުވެގެން ދިޔައީއެވެ. މުއިއްޒު ދައުރުގައި ޚާރިޖީ ވުޒާރާއަށް ދެ ވަޒީރުން އައްޔަން ކުރައްވައިފިއެވެ. އެ ދެބޭފުޅުން ފާއިތުވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި, ހުއްޓުމެއް ނެތި ގައުމުން ބޭރަށް ދަތުރު ކުރެއްވުމަށް, ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް ވަނީ ތަޅާ ބުރުވާލާފައެވެ. އެހެންނަމަވެސް މިއަދު ފެނިގެންދަނީ, ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެ, މުއިއްޒު ގޮތް ހުވެފައިވާ މަންޒަރެވެ.

މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ފުރެމުންދާއިރު, ދިވެހި ރައްޔިތުން މިއިން ދުވަހަކު ނިކަމެތި ނުވާވަރަށް ނިކަމެތި ވެއްޖެއެވެ. ރައްޔިތުންގެ އަތްމަތި ދަތި ވެއްޖެއެވެ. އިގްތިސާދީ ފުދުންތެރިކަން ދަށަށް ގޮސް, ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ. ޑޮލަރުގެ އަގި މިއިން ޒަމާނަކު މަތި ނުވާވަރަށް ކަޅު ބާޒާރުގައި އުފުލިގެން ހިގައްޖެއެވެ. އެއާއެކު ޑޮލަރު އެއީ ”ތަދު ބޭހަކަށް“ ވެއްޖެއެވެ.

ގައުމަށް މިހާލަތު ކުރިމަތި ވެފައިވާއިރު, ފެނިގެންދަނީ, މިހާލަތުން އަރައިގަތުމަށް, ރާއްޖެއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދޭނޭ ބޭރުގެ ގައުމެއްވެސް, މާލީ އިދާރާއެއްވެސް ނެތްތަނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި, ގައުމަށް މިހާލަތު ކުރިމަތިވެގެން މިދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

މިނިވަން އިގްތިސާދެއް ބިނާކޮށް, މިނިވަން މުވައްސަސާތަކާއި މާލީ އިދާރާތަކަށް މިނިވަންކަންދީގެ ވެރިންކަން ކުރައްވާނެކަމަށް ވައުދުވެ, ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ވެރިކަމަށް އަހަރެއްވެސް ފާއިތުވެގެން ނުދަނީސް މުއިއްޒުވަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް އިންވެސްޓަރުންގެ މެދުގައި އޮތް އިތުބާރު އެކީ ގެއްލުވާލާފައެވެ. އެއިތުބާރު މުއިއްޒު ގެއްލުވާލީ, ސަރުކާރު ވައްޓާލުމަށް ގައުމީ ބޭންކުން ބަޢާވާތެއް ކުރާން އުޅެކަމަށް ތުހުމަތު ކޮށްގެންނެވެ.

އެއާއެކު މުއިއްޒު ވަނީ, ވަޒީރުން ސިޔާސީ ޕޯޑިއަމްތަކަށް އަރުވާ, ވަޒީރުންނާއި ސިޔާސީ އެކްޓިވިސްޓުން ލައްވާ ބީއެމްއެލްގެ ސީއީއޯއަށް މަރުގެ އިންޒާރުވެސް ދީ ހަދާފައެވެ, އެއާއެކު ބީއެމްއެލްގެ ސީއީއޯ ވަނީ މަގާމުން އުސްތިއުފާ ދެއްވާ, އަމިއްލަ ޖާނު ސަލާމަތް ކުރުމަށް ފިއްލަވާ, ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ.

އެއަށްފަހު ބީއެމްއެލްގެ ބޯޑަށް ސިޔާސީ މީހުން އައްޔަކަށް, ބޭންކު މާލީ ނިޒާމުގެ މައްޗަށް މާލީ އިދާރާތަކާއި ބޭރުގެ ގައުމުތަކުން ކުރަމުން އައި އިތުބާރު މުއިއްޒި ވެއްޔާއި މޮޑެލީއެވެ.

ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު މުއިއްޒު ގެއްލުވާލިތާ ދޮޅު އަހަރު ފުރިގެން ދިޔައިރު, މިއަދުގެ ނަތީޖާއަކީ ކޮބައިތޯއެވެ. ފައިސާ ޗާޕު ނުކުރާނެކަމަށް ވައުދުވަމުން ވަޑައިގެންނެވި މުއިއްޒު އެންމެ ފަހުން 15 ބިލިއަން ރުފިޔާ ޗާޕުކޮށް ސާކިއުލޭޝަނަށް ނެރެން ނިންމެވީއެވެ. ވީވައުދަށް ޚިޔާނާތްތެރިވެ, ނުވިތާކަށް ގައުމުގެ އިގްތިސާދު ވިޔަފާރަވެރިތައް ފުނޑި, އާންމު ރައްޔިތުން ހާލުގަނަސް ހެޔޮކަމުގައި ހިތާ, އެމްއެމްއޭއިން ސަރުކާރަށް 15 ބިލިއަން ރުފިޔާ ސަރުކާރުގެ ބޭނުމަށް ނެގުމަށް މުއިއްޒު ނިންމެވީއެވެ.

މި ސަރުކާރުން މިހާރު ނިންމާފައިވަނީ, އެމްއެމްއޭއަށް ހުޅުމާލެއިން ބިން ވިއްކުމުގެ ނަމުގައި, 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން އެޗްޑީސީއަށް ނަގާ, އެފައިސާ ދައުލަތުގެ މާލިއްޔަތުން ހޭދަ ކުރުމަށެވެ. އޭގެ މާނައަކީ, ރާއްޖޭގެ ފައިސާގެ ބާޒާރަށް ނުނެރެ ހުރި ދިވެހި ރުފިޔާގެ ތެރެއިން 15 ބިލިއަން ރުފިޔާ މިސަރުކާރުން ނަގާ, އެފައިސާ ދައުލަތުން ހޭދަކުރާން ފެށުމުން, އަލަށް ފައިސާ ޗާޕް ކޮށްގެން ބާޒާރަށް ނެރުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ސަބަބަކީ އެމްއެމްއޭގައި ހުރި މިފައިސާއަކީ ”ސާކިއުލޭޝަނަށް“ ނުނެރޭ ހާހިދެއްގައި, ޗާޕް ކުރިއެއްކަމަކު އެއިން އިގްތިސާދަށް އެއްވެސް އަސަރެއް ކުރާ އެއްޗަކަށް ނުވާތީއެވެ.

އަދި އެމްއޭގައި ހުރި ދިވެހި ފައިސާ, ކޮންމެ ސަބަބެއް މަތިކޮށް ނަމަވެސް, ދިވެހި ބޭންތަކުގައި ދައުރުވާން ފެށުމުން, ފައިސާގެ ބާޒާރުގައި އެނބުރެންފަށާ ދިވެހި ފައިސާއަދަދު, ސާކިއުލޭޓް ވަމުންދާ ޑޮލަރުގެ އަދަދަށްވުރެ އިންތިހާއަށް ގިނަވެ, ދިވެހި ފައިސާގެ އަގުވެއްޓި, ޑޮލަރުގެ އަގު މަތިވެގެން ދާނެއެވެ.

މުއިއްޒުގެ ވެރިކަމުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލިގެން ގޮސްފައިވާއިރު, 15 ބިލިއަން ރުފިޔާ ބާޒާރަށް ނެރެ ސާކިއުލޭޓް ވާން ފެށުމުން, ޑޮލަރުގެ އަގު 25 ރުފިޔާއަށް އުފުލިގެން ދާނެއެވެ. އޭގެ މާނައަކީ އެ ނިސްތަބުން ތަކެތީގެ އަގުތަށް އުފުލި, އިންފްލޭޝަން އަތް ނުފޯރާ ފަށަށް މަތިވެގެން ދިއުމެެވެ.

އަމިއްލަ ދުލުން ވީ ވައުދަށް ޚިޔާނާތްތެރިވެ, މިނިންމުން މުއިއްޒުއަށް ނިންމަން މަޖުބޫވީ ހަގީގީ ސަބަބަކީ މުއިއްޒުގެ އަމިއްލަފުޅަށް މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލުމުންނެވެ. ގައުމީ ބޭންކުގެ "ކްރެޑިބިލިޓީ" ވެއްޔާއި މޮޑެލުމުންނެވެ. އާދޭހެވެ! އިތުބާރު އޮތް މާލީ ނިޒާމެއް ނެތް ގައުމަށް އެއްވެސް ގައުމަކުން އަދި އިދާރާއަކުންވެސް މާލީ އެހީތެރިކަމަށް ފޯރުކޮށެއް ނުދޭނެއެވެ.

އެހެންނަމަވެސް މުއިއްޒު ގަބޫލުކުރާންވީ ހަގީގަތަކީ, މިހާލަތުގައިވެސް ފައިސާ ޗާޕްކުރުމަކީ ހައްލެއް ނޫންކަމެވެ. އެފަދަ ފިޔަވަޅެއް ވެގެންދާނީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަމުގައެވެ.

ޚަރަދު ކުޑަކުރައްވާށެވެ. ބޭކާރު ކުރުން ހުއްޓަވާލައްވާށެވެ. ސިޔާސީ މުވައްޒަފުން މަދުކުރައްވާށެވެ. ކޮރަޕްޝަނާއި ފަސާދަ ނެތިކޮށްލައްވާށެވެ. ޚުދު މުއިއްޒު އަމިއްލަފުޅަށް ޕްރޮޖެކްޓްތަކުން "ކަޓު ނެގުން" ހުއްޓަވާލައްވާށެވެ. އެހާތަނުން އިގްތިސާދު ހަމަޔަކަށް އެޅޭނެއެވެ. ދައުލަތުގެ ވެރީންގެ ބޭކާރު ދަތުރުތައް ހުއްޓަވާލައްވާށެވެ.

މިނޫން ހައްލެއް އިގްތިސާދީގޮތުން ފެންނާކަށް ނޯނާނެއެވެ. އެނޫންކަމަށް ވާނަމަ, ގައުމަށް އެއްވެސް ކުލުނެއް ލޯތްބެއް ނެތި, އާންމު ރައްޔިތުންގެ ހާލަތާ މެދު ވިސްނުމެއް ނުބަހައްޓާ, ވިޔަފާރިވެރިންގެ އާދޭހުގެ އަޑުތަކަށް ބީރުކަންފަތެއް ދީ, މުއިއްޒު މި ފުނޑާލަނީ ރާއްޖޭގެ އިގްތިސާދެވެ. މިއީ މުއިއްޒު, ދޮގާއި މަކަރާއި އޮޅުވާލުމުން ވެރިކަމަށް ވަޑައިގެން, ގައުމަށް ވަމުންދާ އެންމެ ބޮޑު ޚިޔާނާތެވެ.