ދުނިޔޭގެ އެންމެ ބޮޑެތި ޓުއަރިޒަމް ފެއަރތަކުގެ ތެރޭގައި ހިމެނޭ އައިޓީބީ ބަރލިން 2025 ގައި ދިވެހިރާއްޖޭގެ ބައިވެރިވުން ވަނީ ތާރީޚުގައި ފެނިފައިނުވާ ފެންވަރަކަށް ނާކާމިޔާބުވެފައެވެ. ޓުއަރިޒަމް ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި ބައިވެރިވެފައިވާ އެންމެ ނާކާމިޔާބު ފެއަރއެވެ. ރާއްޖޭގެ ސްޓޯލުން ފެނިގެން ދިޔައީ ދުވަހަކުވެސް ނުފެންނަ ފަޅުކަމެކެވެ. ރާއްޖެއަށް މާ ބޮޑު ސަމާލު ކަމެއްވެސް ނުލިބުނެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރާއްޖެ ފާހަގަކޮށްލެވޭ މަންޒިލެއްގެ ގޮތުގައި އޮތްއިރު، މިފަހަރުގެ އައިޓީބީގައި ރާއްޖޭގެ ތަޞައްވުރު އެކަށީގެންވާ ގޮތުގައި ދެއްކިފައި ނުވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މިފަހަރުގެ ފެއަރގައި ރާއްޖޭގެ ލަގްޒަރީ އިމޭޖް ހިފެހެއްޓުމަށް ބޭނުންވާ ރޭވުންތެރިކަމާއި ސްޓްރެޓެޖީ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
މިނާކާމިޔާބު ބައިވެރިވުމުގެ އަސްލު ސަބަބުތަކުގެ ތެރޭގައި އާ ސަރުކާރުން ޓުއަރިޒަމް މިނިސްޓްރީ އާއި ތިމާވެށީގެ މިނިސްޓްރީ އެއްކޮށްލުމުން ނުކުމެފައިވާ ދަތިތައް ފާހަގަކުރެވެއެވެ. ޓުއަރިޒަމް ދާއިރާގެ ބޭފުޅުންގެ ޚިޔާލުގައި، މިފަދަ މުހިންމު ދެ ދާއިރާ އެއްކޮށްލައި، ތިމާވެށީގެ ދާއިރާއިން ފަންނީ ތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅަކު މިނިސްޓަރުގެ ގޮތުގައި ހަމަޖެއްސުމަކީ ރާއްޖޭގެ ޓުއަރިޒަމަށް ގެއްލުންވާނެ ކަމެކެވެ.
"ޙަޤީޤަތުގައި ތިމާވެށީގެ ވަޒީރު ވަނީ ޓުއަރިޒަމް ދާއިރާގެ މުހިންމު ކަންތައްތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއްވައި، ދާއިރާގެ ތަޖުރިބާކާރުންގެ ލަފާ ބޭނުން ނުކުރައްވައި، ވަރަށް ކަންބޮޑުވާންޖެހޭ މިންވަރަށް ކަންކަން ގޯސްކުރައްވާފައި" ކަމަށް ޓުއަރިޒަމް ދާއިރާގެ ދިގު މުއްދަތެއްގެ ތަޖުރިބާކާރެއް ދިޔަވަރަށް ހާމަ ކުރެއްވިއެވެ.
އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާގް ވިދާޅުވިގޮތުގައި، "އައިޓީބީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޙަޤީޤީ ރޫޙު ގެއްލިފައިވެއެވެ. ކުރީގައި ރާއްޖެ ފާހަގަކޮށްލެވުނު އޯތެންޓިކްކަމާއި، ދިރުންހުރި ވަޔަރަންސީއާއި، ބޮޑު ޕްރެޒެންސްއެއް މިހާރު ނެތެވެ. މި ކަންކަން އަލުން ގެނައުމަށް އިތުރު މަސައްކަތްތަކާއި، އެކުގައި ބައިވެރިވުމާއި، ސްޓްރެޓެޖިކް ފޯކަސްއެއް ބޭނުންވެއެވެ."
https://twitter.com/mohamedfiraq/status/1897862556691083402
ރާއްޖޭގެ ލަގްޒަރީ އިމޭޖާއި ނުގުޅޭ ގޮތަށް ޖަރުމަނުގައި ބަޖެޓް ޓްރެވަލް ޕްރޮމޯޓްކުރުމުގެ މާކެޓިންގ ކެމްޕޭން ހިންގުމުން، ރާއްޖޭގެ އިމޭޖަށް ވަނީ ގެއްލުން ވެފައެވެ. ސްޕެއިން އަކީ ރާއްޖޭގެ ލަގްޒަރީ މާކެޓަށް ޝައުގުވެރިކަން ހުރި ޤައުމެކެވެ. 7 ދުވަހުގެ ދަތުރެއް އަގުބޮޑުކޮށް ޓިކެޓް ނަގައިގެން ބަޖެޓް މާކެޓަށް އެފަރާތްތަކުން ނާދެއެވެ. މާޖެޓް މާކެޓު ސްޕެއިން އަށް އަމާޒު ކުރާނަމަ، އަގުހެޔޮ ކޮށް ދަތުރުކުރެވޭނެ ނިޒާމެއް ހަދަން ޖެހެއެވެ. އެއަށް ފަހު އެކަން ކުރުމަށް ގެސްޓްހައުސް ގެންގުޅުއްވާ ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދިނެވެ.
ސުރޭޝް ދިސަނާޔަކެ ވިދާޅުވި ގޮތުގައި، "ޖަރުމަނުގައި ރާއްޖޭގެ ބްރޭންޑް ލޯގޯ ޖަހާފައިވާ ޓެކްސީތަކުގައި ލޯކަލް އައިލެންޑްތަކުގެ ހައިރައިޒް އިމާރާތްތައް ދައްކައި ބަޖެޓް ޓްރެވަލް ޕްރޮމޯޓްކުރަނީތޯ؟ މިއީ ޖަރުމަނު ފަދަ މުހިންމު މާކެޓެއްގައި ލަގްޒަރީ ޑެސްޓިނޭޝަނެއް ޕްރޮމޯޓްކުރާނެ ރަނގަޅު ގޮތެއްތޯ؟"
މިހާރުގެ ސަރުކާރުން ޓުއަރިޒަމް ސިޔާސަތު އަލުން ބައްޓަންކުރައްވައި، ތަޖުރިބާކާރުންގެ ލަފާ ހޯއްދަވައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް އިސްކަން ދޭން ޖެހޭކަމަށް ދާއިރާގެ ފަރާތްތަކުން ފާހަގަ ކުރެއެވެ. ޚާއްޞަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރުވަމުންދާ ވާދަވެރި ފަތުރުވެރިކަމުގެ މަންޒިލުތަކާ ވާދަކުރުމަށް، އައު އެޕްރޯޗްތަކާއި ސްޓްރެޓެޖީތައް ތަޢާރަފުކުރަން ޖެހިފައިވާކަން ދާއިރާގެ ހުރިހާ ފަރާތްތަކުން ފާހަގަކުރެއެވެ.
2024 ވަނަ އަހަރާއި ބަލާއިރު މިފަހަރު އައިޓީބީގައި ބައިވެރިވި ކުންފުނިތައްވެސް މަދެވެ. ކުންފުނިތައް މަދުވުމުން، ފަތުވެރި ކަމުގެ ސިނާއަތް މުއިއްޒުގެ ސަރުކާރުގައި ދަށަށްދާ މިންވަރު ހާމަވެގެން ދެއެވެ.
މީގެ އިތުރުން، ބޮޑު ހަރަދުކޮށް ޓުއަރިޒަމް މިނިސްޓަރ މި ފެއަރ އަށް ގޮސް ބޭރުގެ އެއްވެސް ޓުވާރ އޮޕަރޭޓަރަކާއި ބައްދަލު ނުކުރާ ކަމާއި، ފައިސަލް ހުރިއިރު މިއަށްވުރެ ރަނގަޅު ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ބޭފުޅަކު ހާމަ ކުރެއްވިއެވެ.