ޚަބަރު

‏ހުޅުމާލޭގެ ވޯޓަރތީމް ޕާކުން 20 މިލިއަން ރުފިޔާގެ މުދާ ވަގަށްނެގިކަން ސާބިތުވެގެން އެޗްޑީސީއިން ކަނޑާލި "މުލުވަގު" ސަނީހުއާއި, މުއިއްޒުގެ އަމުރަށް ވެމްކޯގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓް ހަވާލުކުރަން ނިންމައިފި

ދިޔަވަރު
‏ހުޅުމާލޭގެ ވޯޓަރތީމް ޕާކުން 20 މިލިއަން ރުފިޔާގެ މުދާ ވަގަށްނެގިކަން ސާބިތުވެގެން އެޗްޑީސީއިން ކަނޑާލި "މުލުވަގު" ސަނީހުއާއި, މުއިއްޒުގެ އަމުރަށް ވެމްކޯގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓް ހަވާލުކުރަން ނިންމައިފި

އެޗްޑީސީގެ ޗީފް ރިއަލް-ސްޓޭޓް އޮފިސަރގެ މަގާމުގައި ހުރެ ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ވޯޓަރތީމް ޕާކްގައި ހުރި 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގިކަން ކުންފުނީގެ އޮޑިޓުން ކުރި ތަހްގީގުން ސާބިތުވުމުން މިދިޔަ ހަފްތާގައި ވަޒީފާއިން ކަނޑާލި ސަނީހު ފުލުހުންނާ ހަވާލުކުރަން އެޗްޑީސީގެ އެމްޑީ މައުރޫފް އެންގުމުން، އޭނާ ހައްޔަރުކުރުމުގެ ބަދަލުގައި ވެމްކޯގެ ޕްރޮކިއުމެންޓް ހެޑްގެ ވަޒީފާއަށް ނެރެން ސަރުކާރުން ނިންމައިފިއެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނާއި، ރައްޔިތުން މުދަލުން ވައްކަންކުރި ކަމުގެ ބޮޑެތި ޖިނާއީ ކުށްތަކެއް ވަނީ އެޗްޑީސީގެ އެތެރޭގެ ތަހްގީގްތަކުން ސާބިތުވެފައެވެ.

އެޗްޑީސީގެ އެސްޓޭޓް ޗީފްގެ ގޮތުގައި ހުރި، ސަނީހު އަކީ ވޯޓަރ ތީމް ޕާކަށް ވަގަށް ބޮޑެތި ލޮރީތަކެއް ވައްދައިގެން 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ގެންގޮސް، އެންމެ ފަހުން ހުރި މުދާތައް ނެރެނިކޮށް ސީދާ ރެޑްހޭންޑެޑްކޮށް އަތުލާގަނެފައިވާ މީހެކެވެ. އޭނާ އާއި އެކު މި ވައްކަމުގައި އިތުރު 3 ފަރާތެއް، (ބޯޑް މެމްބަރު އާރިފް، އަޒްހަރު އަދި އިބްރާ) ބައިވެރިވެފައިވާކަންވެސް މައްސަލައިގެ ތަހްގީގަށް ވަނީ ސާބިތުވެފައެވެ.

މީގެ އިތުރުންވެސް ފަޒުލްއާ ގުޅިގެން އެޗްޑީސީގެ ދަށުގައިވާ ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ޖުމްލަ 87 ބިމަކާއި، 26 ކޮމާޝަލް ޔުނިޓް ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން އުސޫލްތަކާ ހިލާފަށް އެކި ފަރާތްތަކަށް ވިއްކާފައިވާކަން މިހާތަނަށް ތަހްގީގަށް ވަނީ އެގިފައެވެ. މިފަދަ ނުރައްކާތެރި "މުލު ވަގަކަށް" ވެމްކޯގެ މުޅި ޕްރޮކިއުމެންޓް ހަވާލުކުރަން މުއިއްޒު ނިންމާފައިވަނީ ސަނީހުގެ ވައްކަމުގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ރައްޔިތުންގެ މުދާ ފޭރި، މުޅި ވެމްކޯ ދަވާލުމުގެ ބޭނުމުގައެވެ.

ވޯޓާ ތީމް ޕާކުގައި ހުރި މުދާތައް ވަގަށް ނަގައިގެން ވިއްކާލައި 20 މިލިއަން ރުފިޔާ ދަވާލުމުގެ އިތުރުން ސަނީހުއަކީ ވޯޓާރ ޕާކް ހެދުމަށް ރާއްޖެ އައި ސިންގަޕޫރު މީހާ ރާއްޖޭގައި ހެދި ކުންފުނީގެ ހިއްސާ، އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާއި ގުޅިގެން ގއ. ވިލިގިލީ ސަނީހުގެ އާއިލާގެ މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ ފަރާތެކެވެ.

ސަނީހު ވަގަށް ހޯދި ފައިސާ ލޯންޑަރކޮށް ހުޅުމާލެއިން މިހާރު ވަނީ ލަގްޒަރީ 6 އެޕާޓްމަންޓް ގަނެފައެވެ. ގިނަ އެޕާޓްމަންޓްތަކަށް ނަގުދު ފައިސާއިން ޕޭމަންޓް ހެދިއިރު 2 އެޕާޓްމަންޓެއް ބޭންކު މެދުވެރިކޮށް ލޯނެއް ނަގައިގެންކަމަށް ދައްކައިގެން ގަނެފައިވެއެވެ. ލޯނުގެ މުއްދަތު 2 އަހަރަށް ކުރުކޮށް ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާ ލޯނަށް ދައްކަނީ ނަގުދު ފައިސާއިންނެވެ.

އޭގެ އިތުރުން އެންމެ އަގުބޮޑު 3 ކާރާއި ހުޅުމާލޭ ފޭސް 2 އިން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 އަކަފޫޓްގެ ގޯއްޗެއް ގޯތި ލިބުނު ފަރާތްތަކުގެ އަތުން ގަތުމަށް އަގުގެ 60 ޕަސެންޓް ފައިސާ ދައްކައި އެގްރިމެންޓް ހަދާފައިވެއެވެ.

ސަނީހު ވެމްކޯގެ ޕްރޮކިއުމެންޓާ ހަވާލުވުމުން، ކުނިއުކާ ނައްތާލުމުގެ މަސައްކަތް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިތުރަށް ހަލުވިކުރަން ކަމަށް ބުނެ ވެމްކޯއިން 388 މިލިއަން ރުފިޔާގެ ހެވީ ވެހިކަލްއާއި 312 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ލޭންޑިން ކްރާފްޓްތަކެއް ގަތުމަށް ނިންމާފައިވާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިިބިފައިވެއެވެ.

އެ މުއާމަލާތްތަކުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ކަޓްގެ ގޮތުގައި ވަގަށް ނަގައި، 90 މިލިއަން މުއިއްޒުއަށް ހަވާލުކުރަން ވަނީ އެއްބަސްވެފައެވެ.

ރައީސް މުއިއްޒު އަކީ ވައްކަން ކުރުމުގައި ރާއްޖޭގެ ތާރީޚު ނުދެކޭ ވަރުގެ ބޮޑު މާ ވަގެއް ކަމުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.