ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު, އެމްޑީޕީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް މަދަނީ ދައުވާތަކެއް ކުރުމަށް ނިންމަވާފައެވެ.
މިއީ ރައީސްގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއަކީ ދުންފަތު އިސްތިއުމާލުކުރާ ބޭފުޅެއްކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ ޖިނާއީ ދައުވާއެއް ނުކުރާނެ ކަމަށާއި، ރައީސްގެ 18 އަހަރު ނުފުރޭ ބޭފުޅުންގެ ހައްގުތައް ގެއްލި ނުރައްކަލަށް ހުށަހެޅުނީމާ މި ނިންމުން ނިންމީ ކަމަށެވެ. ނަމަވެސް ދައުވާގެ ތަފްސީލު މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް, މުއިއްޒުއާއި ސާޖިދާ އެ ދެބޭފުޅުންގެ ދަރީންގެ ހައްގުތައް ގެއްލިއްޖެކަމަށް ބުނެ, އެމްޑީޕީގެ ލީޑަރޝިޕާއި އަދި އެކްޓިވިސްޓުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާއިރު, ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި, ކުޑަކުދިންނަކީ ހައްގުތަކެއް ވާ ބައެއްކަން މުއިއްޒުއަށް ވިސްނުނީ, އެދެމަފިރީންގެ ކުދީންގެ ހައްގުތައް ބަޔަކު ނިގުޅައިގެންފައިވާކަމަށް އެ ބޭފުޅުންނަށް ގަބޫލު ކުރެވުނު ހިސާބުންނެވެ.
އޭގެ އެއް ސަބަބަކީ މުއިއްޒު ވެރިކަމަށް ވަޑައިގެން, އެތައް މުވައްޒަފުންނެއް ވަޒީފާތަކުން ކަނޑާ މަގުމަތިކޮށް, އެތައް އާއިލާއެއް މަގުމަތި ކޮށްލާފައިވާތީއެވެ. އަދި މީގެ ތެރެއިން ގިނަ ރައްޔިތުންގެ ވަޒީފާ މުއިއްޒު ނިގުޅައިގެންފައިވަނީ ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮއްވައެވެ.
ހަމައެއާއެކު މުއިއްޒުވަނީ, ރައީސް ސާލިހުގެ ސަރުކާރުން ނިކަމެތި އެތައް ބަޔަކަށް ދިން ފްލެޓްތައް ފޭރިގަނެ, އެތައް އާއިލާއެއް ބިކަކޮށްލާފައެވެ. މިހުރިހާ އާއިލާއެއްގައިވެސް މައުސޫމު އެތައް ކުޑަ ކުދިންނެއް އެބަތިއްބެވެ.
މުހިރިހާ ޖަރީމާތަކެއް މުއިއްޒު އެތައް އާއިލާއަކާ ދެކޮޅަށް ހިންގިއިރު މި އާއިލާތަކުގެ ކުޑަކުދިންގެ ހައްގުތަކެއް ވާކަމެއް މުއިއްޒުއަށްވެސް އަދި ސާޖިދާއަކަށްވެސް މިހާތަނަށް ވިސްނިފައެއް ނުވެއެވެ. ކުޑަކުދިންނަކީ ހައްގުތަކެއްވާ ބައެއްކަން މި ދެމަފިރިންނަށް މިއަދު ވިސްނިގެން, އެކުދިންގެ ގާނޫނީ ހައްގުތަކެއް ވާކަންވެސް މި ދެމަފިރިންނަށް ވިސްނިގެން މިއަދު ހަށިފޮޅާލަން އެނގިގެން މިއުޅެނީ, މިދެމަފިރިންގެ ދަރީންގެ ވާހަތަކަށް ބަޔަކު ދައްކާން ފެއްޓި ހިސާބުންނެވެ.
އެހެންނަމަވެސް އިންސާފަކީ ކޮބައިތޯއެވެ. ކުޑަކުދިންގެ ހައްގުތަކަކަކީ ރައީސެއްގެ ދަރިއަކަށް މަސްވެރިއެއްގެ ދަރިއަކަސް ކިތައްމެ ނިކަމެއްޗެއްގެ ދަރިޔަކަސް އެއް ހަމަޔަކުން ލިބިދޭންވާއެއްޗެކެވެ. ގާނޫނުތަކުގައިވެސް އެކަން ބަޔާންކޮށްފައިވާ ގޮތަކީ މިއީއެވެ. ނިކަމެއްޗަކަށްވީތީ ނިމަކެތީންގެ ދަރީންގެ ހައްގުތައް ނިގުޅައިގަތުމުގެ އެއްވެސް ހައްގެއް މުއިއްޒު ރައީސަކަށް ވީތީ ގާނޫނުތަކުން ލިބިދީފައެއް ނުވެއެވެ.