އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވާ ބިރު ދައްކާ ހިންގެވި ދަށު ދަރަޖައިގެ އަމަލު މިނޫހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރުދެއްކެވީ އިއްޔެ ރޭ 7:04 ގައެވެ. ފިޔާޒަށް ގުޅުއްވައި ރައީސް އިންޒާރު ދެއްވާފައިވަނީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސްގެ ޢާއިލާ ބޭފުޅަކާ ބެހޭގޮތުން ދެއްކި ވާހަކައާ ގުޅިގެން ކޯފާ އިސްކުރައްވައިގެންނެވެ.
މިނެޓެއްހާއިރަށް ދިގުދެމިގެންދިޔަ އެ ފޯނު ކޯލުގައި ފިޔާޒަށް ރައީސް އިންޒާރު ދެއްވީ، އަދަދު ނޫހާއި ފިޔާޒާމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެއެވެ.
އަދަދު ނޫހުގެ ނޫސްވެރިންނަށާއި ފިޔާޒަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ތިން ފަހަރު ފިޔާޒަށް އިންޒާރު ދެއްވިއެވެ.
"ތިންވަނަ ފަހަރަށް މި ބުނަނީ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން،" ފޯނު ބޭއްވެވުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒުގެ ޢާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެނޫހަށް އިންޒާރު ދެއްވިއިރު، އެކަމަކު ރައީސްގެ ޢާއިލާ ބޭފުޅަކާ ބެހޭގޮތުން އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަ އެ ނޫހުގައި ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅިގެން އެންމެ ފުރަތަމަ ވެސް އެ ނޫހުގައި ޚަބަރެއް ޝާއިޢު ކުރީ، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތައް ކުށްވެރިކޮށް ސަރުކާރުގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކުގެ މައްޗަށް ކަމަށް އަދަދު ނޫހުން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅުއްވާ, ރައްޔިތުންގެ ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ނަމުގައި ވައުދުތައް ވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ހަގީގަތާއި ޚިލާފް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް, އަދަދު ނޫހުގެ ސީއީއޯއަށް ބިރު ދެއްކުމަކީ, ރާއްޖޭ އެހެން ނޫސްތައް ބިރު ގަންނުވާލާ, މިނިވަން ނޫސްވެރިކަން ނެތި ކޮށްލުމުގެ ނުބައި މަގުސަދުގައި ހިންގެވި އަމަލެއް ކަމުގައި މިނޫހުން ދެކެމެވެ. އަދި ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ބަސްބުނުމުގެ ހައްގަށް ހުރަސްއެޅޭފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ރައީސް މުއިއްޒުއަށް ގޮވާލަމެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިނިވަން ނޫސްވެރިކަމެއް ގާއިމް ކޮށްދީ, ރާއްޖޭގެ މިނިވަން މީޑިއާ ހިމާޔަތް ކޮށްދޭނެ ކަމުގެ ވައުދުތަކާ އެކީއެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު އަހަރު ނުވަނީސް މުއިއްޒު މިވަނީ ނޫސްތަކަށާއި ނޫސްތަކުގެ އިސްވެރީންނަށް ބިރުދައްކާ އިންޒާރު ދެއްވަން ފައްޓަވާފައެވެ.