ސިޔާސީ

ޤާނޫނާއި ޚިލާފުވެފައިވާތީ ނިއުޝާ އާއި، ފިލްޒާ މަޤާމުން ވަކިކުރަންޖެހޭ! މަޖިލިސް ހުއްޓުވި ކަމުގެ ޒިންމާ ވެސް ނަގަންޖެހޭ!

ދިޔަވަރު
ޤާނޫނާއި ޚިލާފުވެފައިވާތީ ނިއުޝާ އާއި، ފިލްޒާ މަޤާމުން ވަކިކުރަންޖެހޭ! މަޖިލިސް ހުއްޓުވި ކަމުގެ ޒިންމާ ވެސް ނަގަންޖެހޭ!

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ މަޖިލިސް ހުއްޓުވުމުގެ ގޮތުން ވަކި ކޮޅަކަށް ބުރަވެތިބެ، ސިޔާސީ ބޭނުމެއް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ހާސިލު ކޮށްދިނުމަށްޓަކައި ރާއްޖޭގެ ޤާނޫނާއި ޚިލާފަށް މަޖިލިސް 6 މަސްދުވަސް ވަންދެން ވަނީ ހުއްޓުވާފައެވެ.

ހަޤީގަތުގައި ޤާނޫނު އަސާސީގައި ސާފުކޮށް މަޖިލީހުގެ ނާއިބު ރައީސް، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމަށް އުޒުރުވެރިވާ ހިނދު ކަން ކުރަންވީ ގޮތް މަޖިލީހުގެ ޤަވާއިދުގައި ކަނޑައެޅިގެން އެބަ އޮތެވެ. ސުޕްރީމް ކޯޓުން ނިންމީވެސް އެ ގޮތަށް ކަން ކުރުމަށެވެ. އާ ހައްލެއް ހޯއްދަވައި ދެއްވީކީ ނޫނެވެ. ނިއުޝާ، ޤާނޫނު މާނަ ކުރުމުގައި ތަފާތު ގޮތެއް އިޚްތިޔާރުކޮށްފައި ވަނީ، ނޭނގި ނުވަތަ އޮޅުމަކުން ނޫނެވެ. އެއީ ކަނޑައެޅިގެން އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް، މަޖިލިސް އަމީން އާންމު ފާތިމަތު ނިއުޝާ ކުރެއްވި މަސައްކަތެއްކަން މަޖިލިސް ބެއްލެވި ހުރިހާ ފަރާތަކަށް އެނގިލައްވައެވެ.

މިކަމުގެ ސަބަބުން މަޖިލީހުން ރައްޔިތުންގެ ހައްޤުގައި 6 މަސްދުވަސް ވަންދެން ކުރެވެން ހުރި މަސައްކަތްތައް ހުއްޓުމަކީ ކުޑަކަމެއް ނޫނެވެ. އެހެންކަމުން، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމައި، އާ މަޖިލިސް ރައީސަކު އައްޔަން ކުރުމަށް ފަހު، ވީ އެންމެ އަވަހަކަށް ނިއުޝާ އާއި، ފިލްޒާ މަޤާމުން ވަކިކުރަން ޖެހޭނެއެވެ.

އެމްޑީޕީއާއި މެދު އަނިޔާވެރިވުމުގައި ބަޔަކު ދެމިތިބެނީ، އެމްޑީޕީގެ ހިތްތިރިކަމުންނެވެ.