ޚަބަރު

ނޫސްވެރިންނާއި ނޫސް މީޑިއާތަކަށް ފިޔަވަޅު އެޅުމަކީ ރައީސުލްޖުމުހޫރިއްޔާއާއި މަތިކޮށްފައިވާ ޒިންމާއެއް ނޫން, އެޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވަނީ ދައުލަތުގެ މިނިވަން މުވައްސަސާތަކާ, ރުންކުރު މުއިއްޒުއަށް އެވަރު ނޭގުމަކީ ލަދުވެތިކަމެއް!

ދިޔަވަރު
ނޫސްވެރިންނާއި ނޫސް މީޑިއާތަކަށް ފިޔަވަޅު އެޅުމަކީ ރައީސުލްޖުމުހޫރިއްޔާއާއި މަތިކޮށްފައިވާ ޒިންމާއެއް ނޫން, އެޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވަނީ ދައުލަތުގެ މިނިވަން މުވައްސަސާތަކާ, ރުންކުރު މުއިއްޒުއަށް އެވަރު ނޭގުމަކީ ލަދުވެތިކަމެއް!

ދިވެހިރާއްޖެ މިނިވަން ޑިމޮކްރަސީއެއް ބަލައިގަތީ 2008 ވަނަ އަހަރު ގެނެވުނު އާ ގާނޫނު އަސާސީންނެވެ. އެގާނޫނު އަސާސީގައި, ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ތަނބުތަކުގެ ގޮތުގައި ބަޔާން ކޮށްފައިވަނީ މުޅި ދައުލަތް ޒިންމާދާރު ކުރުވުމަށް އެކަށައަޅާފައިވާ މިނިވަން މުވައްސަސާތަކެވެ.

އެގޮތުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އަސާސީ ހައްގުތަކުގެ ހުދޫދުތައް އެކަށައަޅާ, އެ ހުދޫދުގެ މިންގަޑުގެ ތެރޭގައި ހައްގުތަކުގެ ބޭނުން ކުރަމުންދާކަން ޔަގީންކޮށް ކަށަވަރު ކުރުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވަނީ އާ ގާނޫނު އަސާސީން އެކަށައަޅައިދިން މިނިވަން މުވައްސަސާތަކަށެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި, ފެހި ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު މިނިވަން ކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. އެއީ ދުލާއި ގަލަމުގެ މިނިވަންކަމެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމެވެ. ވަކިފަރާތަކަށް ބުރަނުވެ, އެ މިނިވަންކަމުގެ ބޭނުން ހިފުމެވެ.

އެހެންނަމަވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ, އަދި ދުނިޔޭގެ ކަން ހިނގަމުންދާ އުސޫލަކީވެސް, ގާނޫނު އަސާސީން ލިބިދިން މި މިނިވަންކަމުގެ ހުދޫދުތައް ފަހަނައަޅާ, ނޫސްވެރިންނާއި ނޫސް މީޑިއާތަކަށްވެސް ދެވޭކަމެވެ. އެއީ މި ދައުރުގަ އެކަނި އެހަގީގަތް އޮތް ގޮތެއް ނޫނެވެ. ހުރިހާ ވެރިކަމެއްގައިވެސް, ހުރިހާ ދައުރެއްގައިވެސް އެހަގީގައި އެގޮތުގައި ދަނީ ދެމި އޮންނަމުންނެވެ.

އެހެންނަމަވެސް, ހަމަ އެއާއެކު ގަބޫލުކުރާންޖެހޭ ހަގީގަތަކީ, ގާނޫނު އަސާސީން މިނިވަން މުވައްސަސާތައް ވުޖޫދުކޮށްފައިވާ ހަގީގީ ސަބަބަކީވެސް މިއީކަމެވެ. ގާނޫނު އަސާސީން ލިބިދިން މިނިވަންކަމާއި ހައްގުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަމުންދާކަން ކަށަަވަރު ކުރުމުވެ.

އޭގެ މާނައަކީ, ނޫސް މީޑިއާއެއް "ހައްދުން ނެއްޓިގެން" ދިއުމުން އެމީޑިއާއަކަށް ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގައި ވަކި ތަރުތީބުތަކެއް އެކަށައަޅާފައި ވުމެވެ. ހަމަތަކެއް ގާއިމް ކޮށްފައިވުމެވެ. ޕްރިންޓް މީޑިއާއަކުން އުސޫލާއި ހަމަތައް ފަހަނަ އަޅައިދިއުމުން އެފަރާތަކަށް ފިޔަވަޅު އެޅުމުގެ ޒިންމާ ވަނީ މީޑިއާ ކައުންސިލާ މަތިކޮށްފައެވެ. ވިޝުއަލް މީޑިއާއެއް ހަމަޔާއި ލަމަ ނެތިކޮށްފިނަމަ އެމީޑިއާއަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މަތިކޮށްފައެވެ.

މިއުސޫލުން ގާނޫނު އަސާސީން ވަނީ, ފިޔަވަޅު އެޅުމާއި އަދަބު ދިނުމާއި ޒިންމާދާރު ކުރުވުމުގެ އިންތަކާއި މިންތަކާއި ބާރުތައް ތަރުތީބު ކޮށްފައެވެ.

އެއްވެސް ހާލެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ރަސްކަލެއް ނޫނެވެ. ރާއްޖޭގައި ގާއިމް ކޮށްފައި އޮތީ ރަސްކަމެއް ނޫނެވެ. ވަލިއްޔުލްއަމުރުގެ މަގާމުގައި ހުންނެވި ބޭފުޅާއަކީ މުޠުލަގަށް ހުރިހާ ބާރުތަކެެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ.

ނޫސްވެރިންނާއި ނޫސް މީޑިއާތަކަށް "ފިޔަވަޅު އެޅުމުގެ" ބާރު ގާނޫނު އަސާސީންވެސް އަދި ގާނޫނަކުންވެސް ރައީސުލްޖުމުހޫރިއްޔާއާއި މަތިކޮށްފައެއް ނުވެއެވެ. އެބާރު ލިބިދީފައިވަނީ އެކަމަށްޓަކާ ގާއިމް ކޮށްފައިވާ ދައުލަތުގެ މިނިވަން މުވައްސަސާތަކާއެވެ.

މިމިންވަރަށް މުއިއްޒުއަށް ހަގީގަތް އޮޅިވަޑައިގެންފައި އޮތުމަކީ ވަރަށްވެސް ބޮޑު އަޖައިބެކެވެ. މުއިއްޒު ރުންކުރު ވިއެއްކަމަކު, ނޫސްވެރިންނަށް, އަދި ނޫސް މީޑިއާއަކަށްވެސް މުއިއްޒުއަށް ފިޔަވަޅެއް ނޭޅޭނެއެވެ. އެއީ ރާއްޖެ ބަލައިގެންފައިވާ މިނިވަން ޑިމޮކްރަސީގައި އެކަށައަޅާފައި އޮތް ގާނޫނީ ހަމައެއް ނޫނެވެ.

އެހެންނަމަވެސް އަތުގައި ބާރެއް އޮތަތީ, އަދި ތިމާއަށް ވެރިކަމުގައި ހުންނެވުނީތީ, އެވެނި މިވެނި މީހަކަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެ މުއިއްޒުއަށް ގަދަބަސް މިއަދު ވިދާޅުވެވިދާނެއެވެ. އެހެންނަމަވެސް, ހަމަޔާއި އުސޫލުތައް ފަހަނައަޅާ, ހިތުހުރިހާ ކަމެއް ހިތުހުރިހާ ގޮތަކަށް ކުރެވިދާނެކަމަށް ހީކުރެވުމަކީ މުއިއްޒުއަށްވެސް ހެއްދެވޭ ވަރަށް ބޮޑު ގޯހަކަށް މެނުވީ ނުވާނެއެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ އެހާލަތުގައި, ކޮންމެވެސް ދުވަހަކުން ހަމަ މުއިއްޒުއާވެސް އިންސާފޮ އަރާ ހަމަކުރާނެކަމީ ކަށވަރުވެ ޔަގީންވާ ކަމަކަށް ވާތީއެވެ.