ޚަބަރު

ނަރީޝްއަށް ލިބުނު ކޮޅުކެހި: ސިޓީ ކައުންސިލުން އިސްތިއުފާ ދިނީ އެލްޖީއޭގެ ރައީސްކަމާއި ހަވާލުވާން, ޑިގްރީއެއް ނެތުމުން އެލްޖީއޭގެ ރައީސްކަމަަށް ޝަރުތު ފުރިހަމަ ނުވާކަން އެނގުނީ އިސްތިއުފާ ދިން ފަހުން!

ދިޔަވަރު
ނަރީޝްއަށް ލިބުނު ކޮޅުކެހި: ސިޓީ ކައުންސިލުން އިސްތިއުފާ ދިނީ އެލްޖީއޭގެ ރައީސްކަމާއި ހަވާލުވާން, ޑިގްރީއެއް ނެތުމުން އެލްޖީއޭގެ ރައީސްކަމަަށް ޝަރުތު ފުރިހަމަ ނުވާކަން އެނގުނީ އިސްތިއުފާ ދިން ފަހުން!

ފާއިތުވި ހަފްތާގައި މާލޭ ސިޓީގެ ކައުންސިލަރުކަމުން އިސްތިއުފާދިން އެކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއަށް ޔޫތު މިނިސްޓްރީގެ އެޑްވައިޒަރުކަން ދީފައިވަނީ, އޭނާގެ އަތުގައި ޑިގްރީ ސެޓްފިކެޓެއް ނެތިގެން އެލްޖީއޭގެ ރައީސްކަން އޭނާއަށް ދެވޭ ގޮތް ނުވެގެން ކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން މައުލޫމާތު އެނގިހުރި ފަރާތަކުން ކިޔައިދިން ގޮތުގައި ނަރީޝްއަށް ލިބިފައިވަނީ ކޮޅު ކެއްސެކެވެ.

އެގޮތުން ނަރީޝް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުންނާއި ކައުންސިލަރުކަމުން އިސްތިއުފާ ދިނީ ރައީސް މުއިއްޒު އޭނާ އެލްޖީއޭގެ ރައީސްކަމަށް ވަޒީރުން ފެންވަރުގައި އައްޔަން ކުރައްވާނެކަމަށް ވިދާޅުވުމުންނެވެ. އަދި އޭނާ ކައުންސިލަރުކަމުން އިސްތިއުފާ ދިންއިރުވެސް, އެލްޖީއޭގެ ރައީސްކަމަށް އައްޔަން ކުރެވެނީ ޑިގްރީ ސެޓިފިކެޓެއް އޮވެގެންކަން އޭނާއަށް އެނގިފައި ނުވާކަމަސްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ކިޔައިދީފައި ވެއެވެ.

އެހެންނަމަވެސް, އެލްޖީއޭގެ ރައީސްކަމަށް އޭނާ ޝަރުތު ފުރިހަމަ ނުވާކަން އެނގުނީ ކައުންސިލަރުކަމުން އިސްތިއުފާ ދިން ފަހުން ކަމަށާއި, އެހެންނަމަވެސް ޑިގްރީ ސެޓްފިކެޓެއް ނެތިގެން އޭނާ އެލްޖީއޭގެ ރައީސްކަމަށް އައްޔަން ކުރެވެން ނެތިގެން އެންމެ ފަހުން ވަޒީރުން ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރުކަމަށް އައްޔަން ކުރަން ޖެހުނީކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ކިޔައި ދީފައިވެއެވެ.

އެލްޖީއޭގެ ރައީސްކަމުގައި މިހާރު ހުންނެވި ނިމާލް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކުންފުންޏެއްގެ އެމްޑީކަމަށެވެ.

ނަރީޝްއަކީ މާލޭ ސިޓީ ކައުންސިލަށް އިންތިޚާބު ވުމުގެ ކުރިން ގޭންގުތަކުގައި ހަރަކާތްތެރި ވެފައިވަ ފަރާތެކެވެ. އަދި އޭނާއަކީވެސް އަސާސީ ފެންވަރުގެ ތައުލީމުވެސް ނެތް ފަރާތެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ސިޔާސީ އިސް މަގާމްތަކަށް މީހުން އައްޔަން ނުކުރާނެކަމަށް ވިދާޅުވުމަށްފަހު, މުއިއްޒު ގެންދަވަނީ ބޮޑު މުސާރަ ލިބޭ ސިޔާސީ މަގާމްތަކަށް އަދިވެސް މީހުން އައްޔަން ކުރަމުންނެވެ. އޭގެ ތެރޭގައި މުއިއްޒު އަނބިކަބަލުން ސާޖިދާގެ އާއިލީ ގިނަ ފަރާތްތައްވެސް ހިމެނެއެވެ.