ޚަބަރު

ސަރުކާރުން ދަނީ އެމްއެމްއޭއަށް އަތް ބާނާ އެމުވައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވަމުން: އެމްޓީއޭ

ދިޔަވަރު
ސަރުކާރުން ދަނީ އެމްއެމްއޭއަށް އަތް ބާނާ އެމުވައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވަމުން: އެމްޓީއޭ

ފަހަކަށް އައިސް އެމް.އޭ އާއި މާލީ އެހެން އިދާރާތަކުގެ އިސް މަގާމްތަކުގައި ތިބި ފަރާތްތައް އިސްތިއުފާ ދެމުންދާކަމީ, ރާއްޖޭގެ މާލީ ހާލަތު ރަގަޅު މިސްރާބަށް މީޒާން ވަމުންނުދާ ކަމުގެ އާލާމާތެއްކަން ފާހަގަކޮށް, އަދި މިއީ ޤައުމުގެ އިޤްތިޞާދީ ސަލާމަތަށް ނުރައްކާވެފައިވާކަމުގެ ސަމާލު ރަނގަބީލެއްކަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން ބުނެފިއެވެ.

އެމްޓީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިސަރުކާރުން އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ ނަމުގައި އެޗްޑީސީއަށް 15 ބިލިއަން ރުފިޔާ ނަގާ، އެފައިސާއިން ޚަރަދުކޮށް ސާކިއުލޭޝަނަށް ނެރުމަށް ނިންމާފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް، އެމްއޭގެ ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދީފައިވާ ކަމުގައެވެ. ހަމައެއާއެކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު މަގާމުން ވަކިކުރުމުގެ މައްސަލަ ސަރުކާރަށް ނިސްބަތްވާ މެމްބަރަކު މަޖިލީހަށް ހުށަހަޅުއްވާފައިވަނިކޮށް ޑެޕިއުޓީ ގަވަރުނަރު އިއްޔެ އިސްތިއުފާ ދެއްވާފައިވާކަން ހިތާމައާއެކު ފާހަގަކުރާކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެމްޓީއޭއިން ބުނެފައިވަނީ މާލީ އިދާރާތަކުގެ މިނިވަންކަމާއި ހަރުދަނާކަން ދެމެހެއްޓުމަކީ، ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމުގައި އެންމެ މުހިންމު އަސާސް ކަމުގައެވެ. ހަމަ އެއާއެކު ސިޔާސީ ނުފޫޒުތަކުން މިފަދަ މުއައްސަސާތައް ސަލާމަތްވެތިބެ، މާލީ އިގްތިސާދީ ސިޔާސަތުތައް ދެމެހެއްޓުމުގެ ފުރިހަމަ މިނިވަންކަން އެމުވައްސަސާތަކަށް އޮންނަންޖެހޭނެ ކަމުގައިވެސް ބުނެފައި ވެއެވެ.

އެގޮތުން މާލީ އިދާރާތަކުގެ މިނިވަންކަމަށް އަންނަ ކޮންމެ ބަދަލަކީ، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ބޭރުގެ އިންވެސްޓްމަންޓްތައް މަދުވެ، ފައިސާގެ އަގު ދަށްވެ، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ސީދާ އަސަރުކުރާނެ ކަމެއްކަމަށް ފާހަގަކުރަމުން އެ ޖަމިއްޔާއިން ވަނީ މާލީ މުވައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުމަށް 3 ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެގޮތުން އެޅުމަށް ގޮވާލާފައިވާ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.

  • ސަރުކާރުން މާލީ އިދާރާތަކުގެ މިނިވަންކަމަށް އިޙްތިރާމްކޮށް، އެ މުއައްސަސާތަކުގެ ހިންގުމަށް ސިޔާސީ ނުފޫޒު ނުފޯރުވުން
  • މާލީ އިދާރާތަކުގެ އިސް މަޤާމުތަކަށް ޢައްޔަންކުރާ ފަރާތްތަކަކީ ޤާބިލު، ތަޖުރިބާހުރި އަދި ޕްރޮފެޝަނަލް ފަންނުވެރިން ކަމުގައި ކަށަވަރުކުރުން
  • ޤައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މާލީ ދާއިރާއާއި ގުޅުންހުރި ޖަމިއްޔާ ޖަމާއަތްތަކުގެ މަޝްވަރާ ހޯދުން

އެމްޓީއޭއިން ބުނެފައިވަނީ, ޤައުމުގެ މާލީ ހަރުދަނާކަމަކީ އެންމެހާ ދިވެހި ރައްޔިތުންގެ މުސްތަޤްބަލާ ގުޅިފައިވާ ކަމެއްކަމަށާއި, އެހެންކަމުން، އެ ކަމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް، އަދި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުމަށް އެޖަމިއްޔާއިން ގޮވާލާ ކަމުގައެވެ.

ރައީސް މުއިއްޒު 15 ބިލިއަން ރުފިޔާ އެމްއެއޭ މެދުވެރިކޮށް ޗާޕްކުރުމަށް މަގުފަހި ކުރުމަށް, ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްއެމްއޭގެ ބޯޑުގެ ގިނަ މެމްބަރުންނާއި އަދި ޑެޕިއުޓީ ގަވަރުނަރުވެސް ވަނީ އިސްތިއުފާ ދީފައެވެ.