ޚަބަރު

އިސްރާއީލުގެ ގަތުލުޢާންމު ޢައްޒާގައި އަލުން ފެށިއިރުވެސް, ގާތިލުންގެ ޕާސްޕޯޓު މަނާކުރާނެކަމަށް ބުނެ އަނިޔާވެރި މުއިއްޒު ވީ ވައުދު ނުފުއްދާ, ހަދަމުން ދަނީ ދޮގާއި މަކަރު

ދިޔަވަރު
އިސްރާއީލުގެ ގަތުލުޢާންމު ޢައްޒާގައި އަލުން ފެށިއިރުވެސް, ގާތިލުންގެ ޕާސްޕޯޓު މަނާކުރާނެކަމަށް ބުނެ އަނިޔާވެރި މުއިއްޒު ވީ ވައުދު ނުފުއްދާ, ހަދަމުން ދަނީ ދޮގާއި މަކަރު

ޢައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއި ޚިލާފުވެ, ޔަހޫދީން ޢައްޒާގެ ނުކަމެތި އާންމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ ގަތުލުއާންމު އަލުން ފެށިއިރުވެސް, އިޒްރޭލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރާނެކަމަށް ވިދާޅުވެ މުއިއްޒު ވީވައުދު މިއަދާއިހަމައަށް ނުފުއްދާ އަދިވެސް ގެންދަނީ ދޮގާއި މަކަު ހަދަމުންނެވެ.

ޢައްޒާގެ 48,000 އާންމު ރައްޔިތުން ޝަހީދު ކޮށްލުމަށްފަހު, ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސް ވުމާއި ޚިލާފްވެ, ޔަހޫދީން ވަނީ އަނެއްކާވެސް ޢައްޒާއަށް ބޮން އަޅަން ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް ވަނީ ޢައްޒާގެ 400 ރައްޔިތުން ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މުއިއްޒުގެ ކެބިނެޓުން ވަނީ އިސްރާއީލުގެ ރައްޔިތުންގެ ޕާސްޕޯޓުތައް މަނާކުރުމަށް ފާއިތުވި އަހަރުގެ ޖޫންމަހު ނިންމާފައެވެ. އެހެންނަމަވެސް އެނިންމުންވެސް މިއަދާއި ހަމައަށްވެސް މުއިއްޒު ތަންފީޒު ކޮށްފައެއް ނުވެއެވެ. އަދި, އަނިޔާވެރި އިސްރާއީލުގެ ޕާސްޕޯޓު މަނާކުުރަށް އިދިކޮޅު އެމްޑީޕީން މަޖިލިހަށް ހުށަހެޅި ބިލްވެސް މުއިއްޒުގެ އަމުރަށް ވަނީ ހުއްޓުވާފައެވެ. އޭގެ އިތުރަށް, އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލި އާންމު ދިވެހި ރައްޔިތުން މުއިއްޒުގެ އަމުރަށް ވަނީ ހިފާ ހައްޔަރުވެސް ކޮށްފައެވެ.

ހަމަ އެއާއެކު މުއިއްޒުގެ ސަރުކާރުން ދަނީ, އިސްރާއިލުން ގާތިލުންނަށް ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.

ޣައްޒާގެ ބޮޑު ގަތުލުއާންމު ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހެވެ. އެ ދުވަހުގެ ފަހުން މިހާތަނަށް ޣައްޒާގައި 48,000 އަށްވުރެ މީހަކު ޝަހިދުކޮށްލާ، 110،265 އަށްވުރެ ގިނަމީހުން ޔަހޫދީން ވަނީ ޒަހަމްކޮށްލާފައި ވެއެވެ.

އިޒްރޭލުގެ ގާތިލުން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ މުއިއްޒު ދީފައިވާއިރު, އިޒްރޭލުގެ ވިޔަފާރިތަކަށް ރާއްޖޭގައި މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ހިންގުމަށްވެސް މުއިއްޒުގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އަދި ފަލަސްތީނަށް ތާއީދުކޮށް, އިސްރާއީލުގެ ގަތުލު އާންމާ ދެކޮޅަށް އަޑު އުފުލި އަންހެން ކަނބަލުންތަކެއް މުއިއްޒުވަނީ ހިފާ ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ. ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލައިގެން ރާއްޖޭގެ އެއްވެސް ވެރިކަމެއްގައި މިނޫނީ މިހާތަނަށް ދިވެހިން ހިފާ ހައްޔަރު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.

ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.

ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗެއިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.