ސަސްޕެންޑް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަމިއްލަ ދިފާޢުގައި ނެރުނު ނޫސްބަޔާނަކީ ސުލޫކީ މައްސަލައެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒުގެ ދަށުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) މި ނޫސްބަޔާން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ފަހުން ނިންމާފައިވެއެވެ. މިކަމާ ގުޅިގެން ޖޭއެސްސީން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
ގާނޫނުއަސާސީގެ 141 ގެ ނ. އަދި ރ
(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ އެވެ. (ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ އެވެ.
ޖޭއެސްސީއިން އަޒްމިރާލްދާ ޒާހިރުގެ މައްސަލަ ތަޙުޤީޤުކުރަމުންދާއިރު، އެ ކޮމިޝަނަށް ބަޔާންދިން ޤާޟީއަކު ވިދާޅުވިކަމަށް ބުނެ ރިޕޯޓުގައި ދޮގު ހިމަނާފައިވާކަމަށް އަޒްމިރާލްދާގެ ޤާނޫނީ ވަކީލުން ބުނެފިއެވެ.
އަޒްމިރާލްދާއާއެކު ސަސްޕެންޑްކުރެވުނު މަހާޒު އަލީ ޒާހިރާއި ހުސްނުއްސުޢޫދުގެ ތެރެއިން، ސުޢޫދު ވަނީ ފަނޑިޔާރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އިސްތިއުފާ ދެއްވާފައެވެ. ސުޢޫދު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ ރައީސް މުޢިއްޒު، ބަންޑާރަ ނައިބު އުޝާމް، ޖޭއެސްސީ ރައީސް ހުސެއިން ރިޒާ އަދި އޭސީސީ ރައީސް އާދަމް ޝާމިލްކަމަށެވެ.