ޚަބަރު

ޖޭއެސްސީއިން ދޮގު ރިޕޯޓެއް އަޒްމިރަލްދާގެ މައްޗަށް ހެދި ފަރާތްތަކަށް ޖިނާޢީ ފިޔަވަޅު އަޅަންޖެހޭ: މައުމޫން ހަމީދު

ދިޔަވަރު
ޖޭއެސްސީއިން ދޮގު ރިޕޯޓެއް އަޒްމިރަލްދާގެ މައްޗަށް ހެދި ފަރާތްތަކަށް ޖިނާޢީ ފިޔަވަޅު އަޅަންޖެހޭ: މައުމޫން ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖޭއެސްސީން ހިންގާ ތަޙުޤީޤުގެ ރިޕޯޓުގައި ދޮގު ހެކި ހިމަނާފައިވާނަމަ، އެއީ ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށެއްކަމަށް ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެކި އޮޅުވާލުމުގައި ޖޭއެސްސީގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެފައިވާނަމަ، އެފަރާތްތަކުގެ މައްޗަށް މަދަނީ އަދި ޖިނާއީގޮތުން މައްސަލަ ކުރިއަށް ގެންދެވޭނެކަމަށެވެ.

އަޒްމިރާލްދާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ޤާޟީން ޖޭއެސްސީއަށް ދެއްވި ބަޔާންތަކުގައި އަޒްމިރާލްދާއާ ގުޅުވައި އެއްވެސް ވާހަކައެއް ވިދާޅުވެފައިނުވާއިރު، ޤާޟީއަކު އެފަދަ ވާހަކަތަކެއް ވިދާޅުވިކަމަށް ތަޙުޤީޤު ރިޕޯޓުގައި ހިމަނާފައިވާކަމަށެވެ.

ޖޭއެސްސީން ވަނީ މަހާޒު އަލީ ޒާހިރު، އަޒްމިރާލްދާ ޒާހިރު އަދި ހުސްނުއްސުޢޫދު ސަސްޕެންޑު ކޮށްފައެވެ. ސުޢޫދު ވަނީ އިސްތިއުފާ ދެއްވާފައިވަނީ ރައީސް މުޢިއްޒާއި ބަންޑާރަނައިބު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަވާކަމަށް ބުނެ، އިހުތިޖާޖުގެ ގޮތުންނެވެ.

މި ފަނޑިޔާރުން ސަސްޕެންޑު ކުރެވުނީ ސިޔާސީ ޕާޓީތަކަށް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލު ބާޠިލުކުރުމުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ކައިރިވެފައިވަނިކޮށެވެ. ހަމަ އެދުވަހު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރެވޭގޮތަށް ޤާނޫނެއް ފާސްކޮށްފައެވެ.

އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް މައްސަލައެއް ހުށަހަޅުއްވާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.