"ފިޔާޒު އަށާއި، އޭނާގެ އައުވާނުންނަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ" ކަމަށް ބުނެ މުއިއްޒު ދިން އިންޒާރާއި އެކު ރާއްޖޭގެ ނޫސްވެރިންގެ ފުރާނަ ނުރައްކަލަކަށް ވެއްޓިއްޖެއެވެ. މީގެ ކުރިންވެސް ވަނީ ނޫސްވެރިއަކު ރާއްޖެއިން ގެއްލުވާލާފައެވެ. އަދި ނޫސްވެރިންނަށް މަގުމަތިން އަނިޔާކޮށް މުޅި އުމުރަށް އޭގެ އަސަރު ކުރާވަރުގެ ބޮޑެތި ގެއްލުންތައްވެސް ވެރިކަންތަކުން ވަނީ ދީފައެވެ. މި ގޮތުން މިހާރުގެ ޔޫތް މިނިސްޓަރު އަސްވާޑަކީވެސް މި ސަރުކާރުގެ އިސްފަރާތްތަކެއްގެ ޝިކާރައަށްވެ، އެ ފަރާތްތަކުން އޭރު ރާވައިގެން އޭނާއަށް ދިން މަރުގެ ހަމަލާއަކުން މުޅި އުމުރަށް އެ އަނިޔާ ތަހައްމަލު ކުރަން ޖެހުނު ޒުވާން ނޫސްވެރިއެކެވެ.
އަސްވާޑަށް ހަމަލާދިން މީހުން އިސްކޮށްތިބި މި ވެރިކަމުގައި، އަދި ރިޟްވާން ގެއްލުވާލުމުގައި ބައިވެރިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ މި ސަރުކާރުގެ އެންމެ އިސްކޮށް ހުރި ފަރާތުން ގުޅައި އިންޒާރު ދީފައިވާއިރު، ނޫސްވެރިންނަށް ހަމަލާދީ، ގެއްލުވައި ނުވަތަ މަރާލުމަކީ މި ސަރުކާރުން ނުކުރާނެ ކަމެއް ކަމަށް ޤަބޫލު ކޮށްގެން ނުތިބުމަށް ރާއްޖޭގެ ކުރީގެ ނޫސްވެރިއަކު ދިޔަވަރު ނޫހަށް ހާމަ ކުރެއްވިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށައެޅިފައި ވީ ނަމަވެސް، ނޫސްވެރިން ހިމެނޭހެން ރައްޔިތުންނަށް، ރައްކާތެރިކަން ފޯރުވުމުގެ ޤާނޫނީ ޒިންމާ އޮތް ފުލުހުންގެ މުއައްސަސާގައި ތިބި މަދު އަނިޔާވެރި ބައެއްގެ ނުފޫޒުގެ ސަބަބުން މި މައްސަލަ ބެލުމަށް މިހާރުވެސް ވަނީ ހުރަސް އެޅިފައެވެ. ނަމަވެސް ފުލުހުންގެ ގިނަ ފަރާތްތައް ބޭނުންވަނީ މި މައްސަލަ އިންސާފުން ބަލައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުޤީގެއް ހިންގުމަށް ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.
މި މައްސަލާގައި ނޫސްވެރިން އެކަތިގަނޑަކަށްވެ، އެއްކޮށް ތެދުވެ، މުއިއްޒުގެ އަނިޔާވެރި މި އަމަލު ކޮށްވެރި ނުކުރާނަމަ، އަދި މިކަމުގައި އަޑު ނުއުފުލާނަމަ، ކުރިއަށް އޮތްތާގައި މަޖިލީހުގެ މިނިވަންކަން ގެއްލުނު ގޮތަށް ނޫސްވެރިކަމަށް މިހާރު ލިބިފައި އޮތް މިނިވަންކަން ޤާނޫނީ ގޮތުން ގެއްލުވާލާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެ ހިސާބުން ކުށްވެރިވެ، ގޮޅިއަށް ލާނީ ހަމައެކަނި މުއިއްޒު އާއި ދެކޮޅަށް ޚަބަރު ލިޔާ ފަރާތްތައް ނޫނެވެ. މުއިއްޒުގެ ސަރުކާރުގެ ވެރިއެއް އެއްވެސް ގޮތަކުން ހިތްހަމަ ނުޖެހޭ ނޫސްވެރިއަކު ނުވަތަ ރިޕޯޓަރެއް ހުއްޓަސް، ކޮންމެވެސް ކަމެއް މަތިކޮށް އެމީހަކުވެސް ލާނީ ގޮޅިއަކަށެވެ.
މިއަދު ނޫސްވެރިކަށް ރައީސް މުއިއްޒު ދެއްކި ބިރާއި ދެކޮޅަށް ތެދު ނުވާނަމަ، އޭގެ ނުރައްކާ ނޫސްވެރިންގެ ވަޒީފާއިން ފެށިގެން އެމީހުންގެ ފުރާނައާއި ހަމައަށް މުއިއްޒު ފޯރާނެއެވެ. އެކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.
ރާއްޖޭގެ ގިނަ ނޫސްވެރިންނަކީ އަބަދުވެސް ހިތްވަރު ގަދަ ބަޔެކެވެ. އަދި ރައްޔިތުން އެބައެއްގެ އަޑުއަހާ ހިތުން ތިބޭ ބަޔަކީވެސް ހަމަ މި ހިތްވަރުގަދަ ނޫސްވެރިންގެ ވާހަކައާއި އަޑު އެކަންޏެވެ. ރައްޔިތުން އިޚްތިރާމް ކުރާ ބަޔަކަށްވެސް ތިބީ ވެސް ހަމަ މި ނޫސްވެރިން އެކަންޏެވެ. ރައްޔިތުންގެ ހެޔޮ ދުޢާ އާއި ލޯބި އެބަޔަކަށް ލިބިފައިވާ ނޫސްވެރިންނަކީވެސް ހަމަ މި ނޫސްވެރިންނެވެ. ރައީސް މުއިއްޒު ދޭ ލާރިކޮޅަކުން ޤައުމާއި ވަތަނާއި، އެކުވެރިޔާގެ ފުރާނައަށް ދޭ ހަމަލާވެސް ނުފެންނަ ކަމަށް ކަނުބަނދެގެން ތިބޭ މީހުންނެއް ނޫނެވެ. އަދި މުއިއްޒު ދައްކާ ބިރަކުން ފަހަތަށް ޖެހޭނެ ނޫސްވެރިންނެއް ވެސް ނޫނެވެ.
ނޫސްވެރިންނާއި، އަދި މިނިވަން މުއައްސަސާތަކާއި، ރާއްޖޭގެ އިޤްތިޞާދަށާއި، އާންމު ހާލަތާއި މެދު މުއިއްޒު އުފައްދާފައިވާ އަނިވެރި މާހައުލުން ރައްޔިތުން ސަލާމަތްކޮށް، އަދި ނޫސްވެރިންނާއި ދެކޮޅަށް މުއިއްޒު ރާވަމުންދާ ރޭވުންތަކުން ރައްޔިތުން ސަލާމަތްކޮށް، ރައީސް މުއިއްޒު ދެމުންދާ އިންޒާރާއި، ވައްކަމާއި، ހިންގަމުންދާ ކޮރަޕްޝަނަށް އިންސާފު ރައްޔިތުންނަށް ލިބޭނޭ ގޮތް މިންވަރު ކުރުމަކީ މިއަދު ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ދުޢާއެވެ.