ޚަބަރު

ރުންކުރު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން އައިއެފްޖޭއިން ވެސް ގޮވާލައިފި

ދިޔަވަރު
ރުންކުރު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން އައިއެފްޖޭއިން ވެސް ގޮވާލައިފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާޗް 14، ވަނަ ދުވަހުގެ ރޭ އަދަދު ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއަށް ފޯނުން ގުޅުއްވައި އިންޒާރު ދެއްވި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިން ގޮވާލައިފި އެވެ.

ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އައިއެފްޖޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު އިންޒާރު ދެއްވި މައްސަލައިގައި ދެފުށްފެންނަ އަވަސް ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ.

"ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން އެއްވެސް ކަހަލަ އިންޒާރެއް، ބިރު ދެއްކުމެއް، ފުރައްސާރައެއް ކުރުން މި ޖަމިއްޔާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ހާއްސަކޮށް އިންތިހާބީ މަގާމުތަކުގައި ތިބޭ ސީނިއާ އޮފިޝަލުންގެ ފަރާތުން އެފަދަ ކަންކަން ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެ ތުހުމަތަކާ ގުޅިގެން އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ. އަދި އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮޅުންފިލުވައިދޭންޖެހޭ،" އައިއެފްޖޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި އިތުރު މައުލޫމާތު ހޯދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި މީޑިއާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދިފައިވާ ކަމަށް އައިއެފްޖޭއިން ފާހަގަ ކުރި އެވެ. އެކަމަކު މިހާތަނަށް ރައީސް އޮފީހުން އެ މައްސަލައިގައި މައުލޫމާތު ދޭން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އައިއެފްޖޭއިން ފާހަގަ ކުރެ އެވެ.

އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް މުއިއްޒު އިންޒާރު ދެއްވި މައްސަލައިގައި އަދި މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދަދު އަށް ދަތި ކުރަމުންދާ މައްސަލަވެސް އެ ނޫހުން ވެސް ވާނީ އައިފްޖޭއާ ހިއްސާކޮށްފަ އެވެ.

އޭގެ އިތުރުން، ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އަދަދު ނޫހަށް އެވޯޑު ލިބުނު "ޖީ ސްކީލާން" ޑޮކިއުމެންޓްރީ އަތުލަން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެ ނޫހުން ހިއްސާ ކުރި މައްސަލައާއި ގުޅޭގޮތުންވެސް އައިއެފްޖޭގެ ނޫސް ބަޔާނުގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް އިންޒާރު ދިން މައްސަލަ އެ ނޫހުގެ ފަރާތުން ވަނީ ފުލުސް އޮފީހަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.