ޚަބަރު

ރާއްޖޭގެ ކަނޑުގައި ޗައިނާއިން ހަރުކުރާ ޖާސޫސީ ޑިވައިސް ތަކާއި މެދު އަޒާންގެ ބަހެއް ނެތް

ދިޔަވަރު
ރާއްޖޭގެ ކަނޑުގައި ޗައިނާއިން ހަރުކުރާ ޖާސޫސީ ޑިވައިސް ތަކާއި މެދު އަޒާންގެ ބަހެއް ނެތް

އިންޑިޔާއިން ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލް ނަގާލަނީ ކަމަށް ބުނެ، އަދި ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި ކަމަށް ބުނެ ދޮގު ވާހަކަ ދައްކައިގެން އެމްޑީޕީގެ ސަރުކާރާއި މެދު ނަފްރަތު އުފައްދައި ރައީސް މުއިއްޒުގެ އަނިޔާވެރި ސަރުކާރު ގެނައުމަށް އެންމެ ބޮޑު ދައުރެއް ކުޅުނު ފަރާތަކީ އަޒާންއެވެ. އިންތިހާބު ތެރޭ އުތުރު ތިލަފަޅަށް ގްރޫޕް ހަދައިގެން ގޮސް އަޒާން ވަނީ އެތާގައި ވެސް ތިބީ އިންޑިޔާ ސިފައިން ކަމަށް ބުނެ، ތަންމިނަށް ދޮގު ހަދާފައެވެ. އަޒާނަށް ރޯހިތުގެ ނަން ދެވުނީވެސް އުތުރު ތިލަފަޅުގައި ރޯހިތު ކިޔާ މީހަކު ހުރިކަމަށް ބުނެ ޗެނަލް 13 ގައި ދެއްކި ވާހަކައަކާއި ގުޅިގެންނެވެ.

އަޒާން ފެތުރި ދޮގުތަކާއި އެކު، ރައްޔިތުންނަށް ހަގީގަތް އޮޅި އެމީހުންނަށް ވޯޓު ލެވުނު އަނިޔާވެރި މުއިއްޒު ވަނީ ރާއްޖޭގައި ޗައިނާގެ ބާރުވެރިކަން އިތުރު ކޮށް، މުޅި ރާއްޖެ ސަރަހައްދީ ހަމަނުޖެހުމަކަށް ހުށައަޅާފައެވެ. މިގޮތުން ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤްލާލު ގެއްލޭހެން ރާއްޖޭގައި އެކި ކަހަލަ ޑިވައިޒް ހަރުކުރުމުގެ ބާރު ޗައިނާއަށް މުއިއްޒު ވަނީ ދީފައެވެ. މިކަމާއި ގުޅިގެން ޤައުމުގެ ދިފާޢުގައި އަޒާން އެއްވެސް ބަހެއް މިއަދު ބުނެ ނުލައެވެ. އަޒާން ފެނިގެން ދަނީ ޤައުމިއްޔަތާއި، ދިވެހި ޤައުމަށް ރައްޔިތުން އޮތް ލޯބި ނަހަމަ ގޮތުގައި ހިފައި، ވެރިކަން ފުރޮޅާލައި އަނިޔާވެރި މީހަކު ވެރިކަމަށް ގެނެސް އެއިން ސިޔާސީ މަޝްހޫރުކަމާއި މޮޅު ހޯދަމުންދާ މީހެއް ގޮތުގައެވެ.

ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮލޮޖީ އާއި ރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ވެވުނު އެއްބަސްވުން ރާއްޖޭގެ ސަލާމަތަށް ކުރިމަތިކޮށްފައިވަނީ ބޮޑު ނުރައްކަލެކެވެ. މި އެއްބަސްވުމުގެ ދަށުން، ޗައިނާއިން ރާއްޖޭގެ ކަނޑުތަކުގައި ހަރުކުރާ ޑިވައިސްތަކުން ސަބްމެރިންތަކާއި، އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތަކާއި އަދި ވަކި އުސްމިނެއްގައި ދަތުރުކުރާ މަތިންދާބޯޓުތައް ވެސް ދެނެގަނެވޭނެކަމަށް މާހިރުން ވިދާޅުވެއެވެ. އެހެންކަމުން، މިއީ ހަމައެކަނި ތިމާވެށީގެ ދިރާސާތަކަށްވުރެ ފުޅާ ބޭނުމެއް އޮތް ކަމެއްކަން ފާހަގަކުރެވެއެވެ.

ތިރީގައި މިވަނީ މިކަމާއި ގުޅިގެން ދިޔަވަރު ނޫހުން ގެނެސްފައިވާ މުހިންމު ބައެއް ލިޔުންތަކެވެ.