ޚަބަރު

ސްޓެލްކޯ ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް: އެއްފަހަރާ 8.5 މިލިއަން ރުފިޔާ ދެއްކުމަށްފަހު ފަހުމީ ހުޅުމާލެއިން އަގުބޮޑު އެޕާޓްމަންޓެއް ގަނެފި!

ދިޔަވަރު
ސްޓެލްކޯ ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް: އެއްފަހަރާ 8.5 މިލިއަން ރުފިޔާ ދެއްކުމަށްފަހު ފަހުމީ ހުޅުމާލެއިން އަގުބޮޑު އެޕާޓްމަންޓެއް ގަނެފި!

‏ދިވެހިރާއްޖޭގެ އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ބައެއް އިދާރާތަކުން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ޚަރަދުކުރަމުންދާކަމުގެ ތުހުމަތުތައް ކުރެވެމުންދެއެވެ. މީގެ ތެރޭގައި ދައުލަތުގެ ޔުޓިލިޓީ ކުންފުނި ސްޓެލްކޯއިން ހިންގާފައިވާ ކަމަށް ބެލެވޭ ޝައްކުއުފެދޭ މުޢާމަލާތްތަކެއް ހިމެނެއެވެ. ޚާއްޞަކޮށް ޢީދު ފާހަގަކުރުމަށް ލައިޓް ގަތުމުގެ މުޢާމަލާތްތަކުގައި މި ކަންކަން ފާހަގަކުރެވެއެވެ.

‏2023 ވަނަ އަހަރު އައު ސަރުކާރު އައުމަށްފަހު، ޢީދު ފާހަގަކުރުމުގެ ނަމުގައި ލައިޓް ގަތުމަށް 70 މިލިއަން ރުފިޔާއަށްވުރެ ގިނަ ޚަރަދުކޮށްފައިވާކަމަށް ބެލެވެއެވެ. މީގެ ތެރެއިން 2023 ވަނަ އަހަރުގެ ފިޠުރު ޢީދުގައި، ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޒެން ވައި.ސީ ޓެކްނޮލޮޖީ ކޯ. ލޓޑ އިން ޢީދު ލައިޓް ގަތުމަށް 40 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ލިބިފައިވާ މަޢުލޫމާތުން ދޭހަވެއެވެ. މި މުޢާމަލާތް ހިންގާފައިވަނީ ސިޓީ ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް، ސްޓެލްކޯއިން އިންނެވެ. ނަމަވެސް، މި މުޅި ޕްރޮކިއުމަންޓް ޕްރޮސެސް ހިންގާފައިވަނީ ވާދަވެރި ބީލަމެއް ނެތި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ އަސާސީ ހާމަކަމުގެ އުސޫލުތަކާ ޚިލާފަށެވެ.

ސްޓެލްކޯގެ އިސް އޮފިޝަލުންގެ ތެރެއިން ޕްރޮކިއުމަންޓް ހެޑް އަޒްހާދު، ރީޖަނަލް ހެޑް ޔާސިރު، އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓް ހެޑް ޙުސައިން ވަޙީދު ހިމެނޭ ވަފުދެއް، އޯޑަރު ދިނުމުގެ ކުރިން ސަޕްލަޔަރާ މަޝްވަރާކުރުމަށް ޗައިނާއަށް ދަތުރުކުރިކަމަށް ލިބިފައިވާ މައުލޫމާތުން އެގެއެވެ. ސަޕްލަޔަރުން ހުށަހެޅި އަގުތަކުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ލިބޭގޮތަށް ވަނީ އަގު ބޮޑުކޮށްފައެބެ. މީގެ އިތުރުން، މި މުޢާމަލާތުން ލިބޭ ނާޖާއިޒު މަންފާ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ހިއްސާކޮށްފައެވެ. މި ގޮތުން ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް ޝަރީފް (ޔާސިރުގެ ޅިޔަނު) އަދި މެންބަރު އަލްފާޟިލް މުޙައްމަދު އިސްމާޢީލްގެ ނަންތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. މި މައްސަލަ އޭސީސީން އިތުރު ތަޙްޤީޤު ކުރާން ޖެހެއެވެ.

‏ދިވެހި ސަރުކާރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވަމުންދާއިރު، މާލީ ގޮންޖެހުންތައް އިތުރުވަމުންދާ ހާލުގައިވެސް، މި އުސޫލު ދަނީ ކުރިއަށެވެ. ކުރިޔަށް އޮތް ޢީދަށް، އަނެއްކާވެސް ވާދަވެރި ބީލަމެއް ނެތި، ހަމަ އެ ޗައިނާގެ ސަޕްލަޔަރާއެކު 30 މިލިއަން ރުފިޔާގެ އޯޑަރެއް ވަނީ ދީފައެވެ.

‏އިތުރު ކަންބޮޑުވުން އުފެދޭ ކަމަކީ، އެކި ރަށްރަށުން ލިބޭ މަޢުލޫމާތުތަކުން ދޭހަވާގޮތުގައި، ފުރަތަމަ ޝިޕްމަންޓްގައި އެތެރެކުރި ގިނަ ލައިޓުތައް ބޭނުންނުކޮށް އުކާލާފައިވާކަމަށް ބުނެވޭތީއެވެ. މިއީ ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ސީދާ މިސާލެކެވެ.

‏ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މި މުޢާމަލާތްތަކަކީ ރޭވިގެން ހިންގޭ ކަމަކަށް ވާކަމެވެ. ސްޓެލްކޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރަކީ މި ސަޕްލަޔަރާއެކު ކުރިން މުޢާމަލާތްކޮށްފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އޭނާ ކުރިން ޕްރޮކިއުމަންޓް ހެޑްގެ މަޤާމުގައި ހުރިއިރު، ހަމަ މި ޝެންޒެން ވައިސީ ޓެކްނޮލޮޖީ ކޯ. ލޓޑ. އިން އެލްއީޑީ ސްޓްރިޕް ލައިޓްތަކުގެ ބޮޑެތި އޯޑަރުތައް ދީފައިވެއެވެ. މިހާރު ހިނގަމުންދާކަމަށް ތުހުމަތުކުރެވޭ ޤަވާޢިދާ ޚިލާފު ޢަމަލުތައް ހިނގަމުންދަނީ މެނޭޖިންގ ޑިރެކްޓަރގެ އިރުޝާދުގެ ދަށުން، ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ.

‏މީގެ އިތުރުން، މެނޭޖިންގ ޑިރެކްޓަ ވަނީ ވަރަށްފަހުން ހުޅުމާލޭގައި އަގުބޮޑު އެޕާޓްމަންޓެއް ގަނެފައެވެ. އޭނާ މި އެޕާޓަމްންޓް ގަނެފައިވަނީ އެއްފަހަރާ 8.5 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދެއްކުމަށްފަހުއެވެ. މިކަމުން އުފެދޭ ޝައްކުތަކަކީ މި ޤަވާޢިދާ ޚިލާފު ޢަމަލުތަކާ ގުޅިގެން އަމިއްލަ މުއްސަނދިކަން އިތުރުކުރަމުންދާކަމުގެ ތުހުމަތުތަކެވެ.

ކުރީގެ އެމްޑީ ޝަރީފުގެ ދައުރުގައިވެސް، ކުންފުނީގެ ތެރޭގައި ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި ކޮރަޕްޝަންގެ އަމަލްތަކަށް މަގުފަހިކޮށްދިން ފަރާތްތައް މިހާރުވެސް ކުންފުނީގައި ދެމިތިބިކަން ފާހަގަކުރެވެއެވެ. މިގޮތުން، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ މިހާރުގެ ޖެނެރަލް މެނޭޖަރ އަޒްހަދު، ބިއުރޯގެ މިހާރުގެ ޖެނެރަލް މެނޭޖަރ އަސްފާ އަދި ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ލީނާ ފާހަގަކުރެވެއެވެ. އަމިއްލަ މާބޮޑު ފުދުންތެރިކަމެއް ނެތް ފަހުމީ މި އެޕާޓްމަންޓް ގަނެފައިވަނީ, ސްޓެލްކޯއިން ހިންގާފައިވާ ކޮރަޕްޝަންގެ އެތައް ޑީލަކުން ކޮމިޝަންގެ ގޮތުގައި އޭނާގެ އަމިއްލަ ލީ ކޮރަޕްޝަންގެ ފައިސާއިންނެވެ.

‏މީގެއިތުރުން،ދެން އަޑުއިވިގެންދިޔައީ އަގުބޮޑުކޮށް ބެޓެރީ ސައިކަލްތަކެއް ގެނެސް، ސްޓެލްކޯއިން ވިއްކަން ފަށާފައިވާ ވާހަކައެވެ. މި މުޢާމަލާތުގައިވެސް ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭކަމަށް ލިބެމުންދާ މަޢުލޫމާތުތަކުން އެނގެއެވެ.

‏މި ހުރިހާ ތުހުމަތުތަކަކީ ވަރަށް ސީރިއަސް، އަދި ދައުލަތުގެ މާލިއްޔަތަށް ނޭދެވޭ އަސަރުކުރާނެ ކަންކަމެވެ. މިފަދަ ޢަމަލުތަކުން ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކުރެވި، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އޮންނަ ރައްޔިތުންގެ އިތުބާރު ގެއްލިގެނެ ދެއެވެ.

‏މިފަދަ ތުހުމަތުތަކަކީ ވަރަށް ސީރިއަސް ކަންކަން ކަމަށްވާތީ، ކަމާބެހޭ ފަރާތްތަކުން މި މައްސަލަތައް ބަލައި، ޙަޤީޤަތް ހާމަކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހެއެވެ. އަދި މުސްތަޤުބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.