ޚަބަރު

ޝަމްއާން ކޯޓު އަމުރެއްގެ ދަށުން އިހްސާން ބޭނުންވެގެން ހައްޔަރުކޮށްފި

ދިޔަވަރު
ޝަމްއާން ކޯޓު އަމުރެއްގެ ދަށުން އިހްސާން ބޭނުންވެގެން ހައްޔަރުކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ދާދި ދެންމެއަކު ފުލުހުން ހޯދައިގެން އުފުރައިގެން ހައްޔަރު ކޮށްފިއެވެ. މިހާރު ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެނެސްފައިވަނީ ހައްޔަރުކުރަން ފުލުހުން ހޯދާފައިވާ އަމުރެއްގެ ދަށުންނެވެ.

ޝަމްއާނުގެ ބަޔާން ނެގުމަށްފަހު 24 ގަޑި އިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު، ކޯޓަށް މުއްދަތު ޖަހަން ގެންދަން ވަނީ ހަމަ ޖެހިފައި ކަމަށް ދިޔަވަރު ނޫހަށް ރައީސް މުއިއްޒުގެ ވަރަށް އަރިސް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ޝަމްއާނު ހައްޔަރު ނުކޮށް މައްސަލަ ބެލެން އޮތް ނަމަވެސް، ޝަމްއާނު ހައްޔަރު ކޮށްފައިވަނީ ހޯމް މިނިސްޓަރ އިހްސާން އެކަން އެގޮތަށް ކުރުމަށް ބޭނުންވެގެން ކަން އޭނާ ދިޔަވަރު ނޫހަށް ކިޔައިދިނެވެ.

ޝަމްއާނު ވައްކަން ކޮށް، އިމިގްރޭޝަން ތެރެއިން ބޭރު މީހުން އަތުން ފައިސާ ނަގާކަމަކީ ރައީސް މުއިއްޒަށް އަބަދުވެސް އެނގޭ ކަމެކެވެ. އަދި ޝަމްއާނު މަގާމަށް އައްޔަން ކުރިއިރުވެސް، އައްޔަން ކޮށްފައިވަނީ އޭނާ އަކީ އިންތިހާއަށް ވައްކަން ކުރާ މީހެއްކަން ކަނޑައެޅިގެން އެނގިހުރެއެވެ. އޭނާ މިރޭ ހައްޔަރު ކޮށްފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ކަމުގައި ވީނަމަވެސް، ހައްޔަރު ކުރި ހަގީގީ ސަބަބަކީ ސިޔާސީ ވާދަވެރިކަމެކެވެ. މިނިސްޓަރ އިހްސާނުގެ ފުރިހަމަ ބާރުވެރިކަން އިމިގްރޭޝަނަށް ފޯރުވުމުގެ ބޭނުމުގައެވެ.

ރާއްޖެއަށް ބޭރު މީހުން އެތެރެކުރުމުގެ ޒިންމާ އޮތީ ހޯމް މިނިސްޓަރ އިހްސާނުގެ ބެލުމުގެ ދަށުގައެވެ. ޝަމްއާނު އަތުގައެއް ނޫނެވެ. ޝަމްއާނު ވައްކަން ކުރަމުން އަސްފައިވަނީ ބޭރަށް ފޮނުވާލުމަށް ހައްޔަރު ކުރާ ބޭރު މީހުންގެ އަތުންނެވެ. އިހްސާން ވައްކަން ކުރަމުން ދަނީ ބޭރުން ރާއްޖެއަށް ގެންނަ މީހުންގެ އަތުންނެވެ. މި ގޮތުން ބޭރު މީހުން ގެނައުމަށް ބޭނުން ކުރާ އޮންލައިން ސިސްޓަމް ހެދުމަށް މެލޭޝިޔާ ކުންފުންޏަކަށް ދީފައިވާ ޕްރޮޖެކްޓަކީވެސް ސީދާ މުއިއްޒާއި، އިހްސާނަށް އެތައް މިލިއަން ޑޮލަރެއް ބައި އެޅޭ ރާއްޖޭގެ ތާރީޚުގައި އިމިގްރޭޝަންގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނެވެ.

ޝަމްއާނު ހައްޔަރު ކުރުމަށް މުއިއްޒު އެއްބަސް ކުރުވުމަށް، އިހްސާން ވަނީ، ޝަމްއާނު މުއިއްޒުގެ އެކި އެކި މައުލޫމާތު ސޯޝަލް މީޑިޔާއަށް ލީކް ކުރާ ކަމަށާއި، އަދި މުއިއްޒުއާއި ދެކޮޅަށް ސަރުކާރުތެރޭ ހުރެގެން މަސައްކަތް ކުރާކަމަށް ބުނެ ވާހަކަ ދައްކާފައެވެ. ޝަމްއާނުއާއި އަބްދުއްރަހީމްގެ ދަރިފުޅު ކުރީގެ ޓުއަރިޒަމް މިނިސްޓަރ ފައިސަލް އާއި މިހާރުވެސް އޮންނަ ގުޅުމަކީ މިކަން މުއިއްޒަށް ޤަބޫލު ކުރަން ފަސޭހަވި ސަބަބެވެ.

މީގެ އިތުރުން ކޯޓާ ހަމަވެގެން ބަންގްލަދޭޝް މީހުން ރާއްޖެ ގެނައުން ޤާނޫނުން މަނާވެފައިވާއިރު، އިހްސާން ދަނީ ބޭރުން ބަންގްލަދޭޝް މީހުން ގެނައުމަށް ކޮންމެ މީހަކަށް ބޮލަކަށް 50،000ރ ނަގަމުންނެވެ. އަދި ޗައިނާގެ ކުންފުނިތަކުން ބޮޑެތި އަދަދުތައް އިހްސާން މެދުވެރިކޮށް ނަގަމުންދާ ކަމުގެ ވާހަކަ އެ ކުންފުނިތަކުގެ އިސް ފަރާތްތައް ދަނީ ދައްކަމުންނެވެ.