ރައީސް މުއިއްޒު ގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު އޭނާގެ ރަށްޓެހި ރަހުމަތްތެރިންނާއި ގާތްތިމާގެ އާއިލީ މީހުން ގޮވައިގެން ކޮންމެ ދުވަހަކު ހަވީރު އާރަށް ގޮސް, އެރަށުގެ ހުރުމަތް ކަނޑާ, ޕާޓީކޮށް, ”ނާޗަރަންގީ“ ކުޅުމަށް އާރަށް ބޭނުން ކުރަމުންދާކަން މިއީ ގިނަބަޔަކު ދަންނަ ހަގީގަތެކެވެ. އަދި އޭގެ އިތުރުން, މުއިއްޒުއާއި ސާޖިދާގެ ދަރީންގެ ރަށްޓެހިންނާއި ކްލާސްމޭޓުންވެސް ކޮންމެ ހަފްތާއަކު އެރަށަށް ރިޔާސީ ލޯންޗުކޮޅުގައި ދަތުރުކޮށް, ފުޓު ބޯޅައާއި އެނޫނަސް ޖެހުނު ކުޅިވަރެއް އެރަށުގައި ކުޅޭ ހަދާ, ދައުލަތުގެ ޚަރަދުގައި ކެއުމާއި އެހެން ހުރިހާ އިންތިޒާމެއްވެސް މިހާރު ދަނީ ހަމަޖައްސާ ދެމުންނެވެ.
އެހެންނަމަވެސް, އާ ރަށަކީ ރާއްޖޭގަ އެވަގުތަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް ދައުލަތުން ޚާއްސަ ކޮށްފަ އޮންނަ ރަށެކެވެ. އެއީ ރައީސްގެ އަމިއްލަފުޅު އާއިލާ އެރަށުގައި ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް, ދައުލަތުގެ ޚަރަދުގައި ހަދާ, އަދި އޭގެ އިތުރުން ދައުލަތުން ޚަރަދު ކޮށްގެން ބަލަހައްޓަމުންވެސް އަންނަ ރަށެކެވެ. އާރަށުގައި ތިބޭ މުވައްޒަފުންނަކީ ދައުލަތުގެ މާލިއްޔަތުން މުސާރަ ދީފައި ތިބޭ ބައެކެވެ.
”ދިވަޔަރު އޮންލައިން“ އަށް އާރަށުގެ ބައެއް މުވަޒަފުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ދުވަހަކުވެސް ހަވީރު 4:30 ގައި, އެކީގައި ކުޅި ސަމާސާކޮށް, ކުޅިވަރު ކުޅެ އުޅޭ އަންހެން ގުރޫޕްތައް ގޮވައިގެން ސާޖިދާ އާރަށް ދެއެވެ. އަދި ސާޖިދާގެ ރައްޓެހި ރަހުމަތްތެރިން އާ ރަށުގައި ޕާޓީކޮށް, ރޭކޮށް ހެދުން މިހާރު އާންމު ކަމަކަށް ވެފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ހަމަ އެއާއެކު, މުއިއްޒުގެ ދަރީންނާއި ދަރީންގެ ކުލާސް މޭޓުންވެސް ބޭނުން އިރަކު އާރަށަށްގޮސް, ދައުލަތުގެ ޚަރަދުގައި ދަނީ އެރަށް ބޭނުން ކުރަމުންނެވެ.
”ދިވަޔަރު އޮންލައިން“އަށް މައުލޫމާތު ދިން އާރަށުގެ އޮފިޝަލް ވިދާޅުވީ ސާޖިދާގެ ރައްޓެހި ރަހުމަތްތެރިންގެ އިތުރުން އޭނާގެ އާއިލާގެ އެތައް ބަޔަކުވެސް, އަދި ދަރީންގެ ކުލާސްމޭޓުންވެސް ކޮންމެ ދުވަހަކުވެސް އާރަށަށް ދާ ކަމަށާއި, އެފަރާތްތަކުގެ ކެއުމާއި ބުއިމާ އަދި އެނޫން ހުރިހާ ޚަރަދެއްވެސް ހަމަޖައްސަމުން ދަނީ ދައުލަތުގެ މާލިއްޔަތުން ކަމުގައެވެ. މިއީ ރަށުގެ މުވައްޒަފުންނަށްވެސް ވަރަށް ބޮޑު އުދަގުލަކަށް ވެގެން ގޮސްފައިވާ ކަމެއްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި ފަރާތްތަކުން އާ ރަށުގައި ޕާޓީ ކުރަމުންދާކަމަށް ވިދާޅުވަމުން އޮފިޝަލް ވިދާޅުވީ, މިއީ މީގެ ކުރީގެ އެއްވެސް ވެރިއަކު އެރަށުގެ ބޭނުން ކޮށްފައިވާ ގޮތެއް ނޫންކަމުގައެވެ. އަދި ވަކީން ޚާއްސަކޮށް ކުރީގެ އެއްވެސް ރައީސެއްގެ އަނބިކަބަލުން, މި އުސޫލުން އެއްވެސް ހަމައެއް ލަމައެއް ނެތި ”ނާޗަރަންގީ“ ކުޅުމަށް މިރަށުގެ ބޭނުން ކޮށްފައިނުވާކަމަށްވެސް އާރަށުގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.
މީގެ ކުރީގެ ރައީސުން އާރަށް ބޭނުން ކޮށްފައިވަނީ އަމިއްލަ އާއިލާގެ ޗުއްޓީތަކަށް އެކަނިކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އާރަށަކީ ދައުލަތުގެ ޚަރަދުގައި ހަދާ, މަރާމާތުކޮށް އަދި ބަލަހައްޓަމުންދާ ރަށަކަށް ވުމާއެކު, މުއިއްޒުގެ އަނބިކަބަލުން ސާޖިދާއާއި ދަރީންގެ އަމިއްލަ ހިތްހަމަޖެހުމަށް, ރައްޓެރި ހަރުމަތްތެރިންނާއި އަދި ދުރުތާ ދިމާގެ އާއިލީ މީހުން ގޮވައިގެން އެ ރަށުގައި ނާޗަރަންގީ ކުޅެމުން ދިއުމަކީ, ދައުލަތުގެ މުދާ ނުހަމަ ގޮތުގައި ބޭނުންކޮށް, ހިންގަމުންދާ ކޮރަޕްޝަންގެ އަމަލަކަށް މެނުވީ ނުވާނެއެވެ.
އެހެންނަމަވެސް އޭސީސީއަށް އާންމު ފަރުދަކު މިމައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ މި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ. މުއިއްޒު ބޭނުންވާ ބަޔަލު ކޮމިޝަންތަކަށް ލާ, އެތަންތަން މުއިއްޒުގެ ގޮނޑިކޮއްކޮ ތަންތަނަށް ހަދާ, މުޅި ދައުލަތުގެ ތެރޭގައި މުއިއްޒު ގެންދަނީ ކޮރަޕްޝަނާއި ފަސާދަ އާންމު ކުރަމުންނެވެ.