މިސަރުކާރު ވެރިކަމަށް އައުމަށްފަހު އަހަރެއް ފާއިތުވެގެން ގޮސްފައިވާއިރު, ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ވަބާއާއި އެއްވަރަށް ސަރުކާރުގެ ތެރޭގައި ވަނީ ފެކްޝަންތައްވެސް އުފެދިގެން ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ މިސަރުކާރު މަތިފަޑީގައި ތިބި ބައެއް ފަރާތްތައް މަގާމުތަކުން ދުރުކުރުމަށް, ރައީސް މުއިއްޒު ހޯމް މިނިސްޓަރުކަމަށް އައްޔަންކުރި, އިހުސާން އަލީ އަދާކުރަމުންދާ ދައުރެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި, ކޮންމެ ސަރުކާރެއްގައިވެސް އޭރަކު ހުންނަވާ ރައީސަށް އެންމެ މުހިންމު އެއް މަގާމަކަށް ވެގެންދާނީ ހޯމް މިނިސްޓަރުކަމުގެ މަގާމެވެ. އެ މަގާމްގައި ހުންނަވާ ވަޒީރަކީ އޭރަކު ހުންނަވާ ރައީސަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައްދަލު ކުރާންޖެހޭ ވަޒީރެކެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ, ހޯމް މިނިސްޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އޯޑިއަންސް އެންމެ ގިނައިން ލިބޭ އެއް ވަޒީރެވެ.
ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ގައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމާއި އެންމެ ބޮޑަށް ގުޅުން އޮންނަ އެއް މުވައްސަސާއެވެ. ވެރިކަން ދަމަހައްޓާ, ވެރިކަމުގެ މަސްލަހަތާއި ގުޅުންހުރި އެންމެހާކަމެއްގެ މައްޗަށް ފާރަވެރިވާން އޮންނަ އެންމެ މުހިންމު މުވައްސަސާއަކީވެސް ހުރިހާ ސަރުކާރެއްގައިވެސް ހޯމް މިނިސްޓްރީއެވެ.
އޭގެ އިތުރަށްވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އަނެއް ނުކުތާއަކީ, އޭރަކު ހުންނަވާ ރައީސުލްޖުމުހޫރިއްޔާއާއި ހަމައަށް ފޯރުކޮށްދޭ އިންޓެލިޖެންސް މައުލޫމާތު ރައީސްއާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ޒިންމާވެސް އުފުލާ އެންމެ މުހިންމު ފަރާތަކީ ހޯމް މިނިސްޓަރު ކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން, ހޯމް މިނިސްޓަރު ހަގީގަތުގައިވެސް ވެގެންދަނީ ހުރިހާ ރައީސުންނަށްވެސް މުހިންމު ވަޒީރެއް ކަމުގައެވެ. އެ ވަޒީރުންނަށް އޭރަކު ހުންނަވާ ރައީސެއްގެ ކިބައިން ނުހަނު ގިނަ ފައިދާތައް ހޯދާ ”އެޑްވާންޓޭޖް“ތައް ނެގުމުގެ ދޮރުވެސް އިންތިހާއަށް ހުޅުވިފައި އޮވެއެވެ.
ފާއިތުވެދިޔަ ވެރިކަންތަކަށް ބަލާއިރު, ރައީސް ވަހީދުގެ ވެރިކަމުގައި އޭރު ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކާނަލް ނާޒިމް ރައީސް ވަހީދުގެ އިތުބާރު ހޯއްދެވީ ރައީސް ވަހީދުގެ އަރިހަށް ފޭކް އިންޓެލިޖެންސް ރިޕޯޓްތައް ގެންގޮސްދީގެންނެވެ. ރައީސް ވަހީދު ވެރިކަން ކުރެއްވީ ނާޒިމް ގެންދަމުންދިޔަ އިންޓެލިޖެންސް ރިޕޯޓްތަކަށް އިތުބާރުކޮށް, ނާޒިމްއަށް ވަރަށްވެސް ބޮޑަށް ބަރޯސާ ވެގެންނެވެ.
އާދޭހެވެ! ރައީސް ވަހީދުގެ ވެރިކަން ނިމިގެން އައީ, ރާއްޖޭގެ ތާރީޚުގައި ނަން ލިޔެވިގެންނެވެ. ޖެހިގެން އައި ރިޔާސީ އިންތިޚާބުގައި ރައީސް ވަހީދުއަށް ހޯއްދެވުނީ އެންމެ %5 ވޯޓެވެ. ހުންނެވީ ބޮޑު އޮޅުންބޮޅުންގަޑެއްގެ ތެރޭގައެވެ. ވާނުވާގައެވެ.
އެއަށްފަހު ޖެހިގެންއައި ރައީސް ޔާމިންގެ ވެރިކަމުގައިވެސް ކާނަލް ނާޒިމް ހުންނެވީ ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައެވެ. އެއީ ރައީސް ޔާމިންގެ ވެރިކަމުގެ ކުރީކޮޅެވެ. ނާޒިމް ހަމަ ރައީސް ޔާމިންގެ އަރިހަށްވެސް ފޭކް އިންޓެލިޖެންސް ރިޕޯޓުތައް ގެންދަވަން ފެއްޓެވިއެވެ. އެހެންނަމަވެސް ރައީސް ޔާމިންއަކީ ތަންދޮރު ފިލާ, ވާނުވާ އެނގިވަޑައިގަންނަވާ ލީޑަރެއްކަމުން, ނާޒިމްގެ އިންޓެލިޖެންސް ރިޕޯޓުތަކަށް ރައީސް ޔާމިން އިތުބާރު ކުރެއްވުން ހުއްޓަވާލެއްވިއެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ކާނަލް ނާޒިމަށް ފޭކް އިންޓެލިގެން ރިޕޯޓުތައް ބޭނުންކޮށް, ރައީސް ވަހީދުގެ އަރިހުން ސިޔާސީ އެތައް ”އެޑްވާންޓޭޖެއް“ ނެގުނެއްކަމަކު, އެ ފުރުސަތު ރައީސް ޔާމިން ނާޒިމްއަށް ނުދެއްވިއެވެ. އޭގެ ބަދަލުގައި ނާޒިމްއަށް އިންޓެލިޖެންސް ރިޕޯޓުތަކާއެކު ރައީސް ޔާމިންއާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްފައި ބޭއްވުމުގެ ބަދަލުގައި ރައީސް ޔާމިން އިންޓެލިޖެންސް ރިޕޯޓުތައް ހޯއްދަވަން ފެއްޓެވީ އޭރު އިންޓެލިޖެންސް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ފަރާތުންނެވެ.
ނަތީޖާއަކަށް ވެގެންދިޔައީ, އިންޓެލިޖެންސް ރިޕޯޓުތައް ބޭނުންކޮށްގެން ރައީސް ޔާމިންގެ އަރިހުން ސިޔާސީ މަންފާ ހާސިލްކުރުމުގެ މަގު ކާނަލް ނާޒިމަށް ބަންދު ވެގެން ދިޔައެވެ. ކާނަލް ނާޒިމް އޭރުގެ ސަރުކާރާ ފެއަށް ޖެހެން ފެށީ ހިސާބަކީވެސް މިއީއެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ އިހުސާން މި ސަރުކާރުގައި މިހާރު ކުޅުއްވަން ފައްޓަވާފައިވާ ދައުރަކީ ކުރީގެ ވެރިކަންތަކުގައި, އޭރު ކާނަލް ނާޒިމް ކުޅުއްވަން އުޅުއްވި ދައުރެވެ. ފޭކް އިންޓެލިޖެންސް ރިޕޯޓުތަކުގެ ނިވަލުގައި ރައީސްގެ ސިނކުޑިއަށް ސަވާރު ވުމުގެ މަސައްކަތެވެ. އިންޓެލިޖެންސް ރިޕޯޓުތަކުން ހުވަފެން ދައްކައިގެން ރައީސްގެ އިތުބާރު ހޯއްދެވުމުގެ މަސައްކަތެވެ. އެ މަޅީގައި ރައީސް މުއިއްޒު ޖެއްސުމުގެ ބޮޑު ރޭވުމެވެ.
މިމަގުސަދު ހާސިލް ކުރުމަށް އިހުސާން މިހާތަނަށް ކުރެއްވި މަސައްކަތްތަކަށް ބައެއް ކާމިޔާބީތައް ހާސިލް ކުރެވިފައިވާކަމުގައިވެސް ދަންނަވާން ޖެހެއެވެ. އިހުސާންގެ ފޭކް އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރު ކޮށްގެން މުއިއްޒު ވަނީ މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު ފައިސަލް ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކޮށްފައެވެ.
ދެން ޖެހިގެން އައީ މި ފަހްތާގައި މަގާމުން ދުރުކުރި, މިސަރުކާރުގެ ފުރަތަމަ އިމިގްރެޝަން ކޮންޓްރޯލާއެވެ. މި ނުކުތާ ފާހަގަ ކޮށްލާން މިޖެހެނީ ޝަމްއާންއަކީ ކޮރަޕްޓް މީހަކަށް ނުވާތީއެއް ނޫނެވެ. އޭނާއަކީ އިންތިހާއަށް ކޮރަޕްޓް މީހެކެވެ. އަދި އޭނާއަކީ މުޠުލަގަށް ވައްކަން ކުރާ މީހެއްކަން ޚުދު މުއިއްޒުއަށްވެސް އެގޭނެމެއެވެ. އެހެންނަމަވެސް, މުއިއްޒުއަށް އޭނާ މަގާމުގައި ބެހެއްޓުނީ އިހުސާން އޭނާއާއި ދިމާ ކޮށްލުމާއި ހަމައަށެވެ.
އިހުސާން އޮރިޔާން ކާޑު އަންހެން ކުދިންނަށް ފޮނުވާކަން ފަޅާ އަރުވާލާ, އަދި މިހާރު އާންމުވެފައިވާ އިހުސާންގެ އޮރިޔާން ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރިކަމަށް އިހުސާން ޝައްކު ކުރަނީ ޝަމްއާންއެވެ. އެހާތަނުން އިހުސާން ރޭވި ރޮކެޓުން ޝަމްއާން މަގާމުން ދުރުކުރަން މުއިއްޒުއަށް މަޖުބޫރު ވީއެވެ. މުއިއްޒު ފަހަރެއްގައިވެސް ޝަމްއާން މަގާމުން ދުރުކުރީ އޭނާ ހިންގަމުންދިޔަ ކޮރަޕްޝަންގެ އަމަލްތަކާ ހެދިއެއް ނޫނެވެ. މިސަރުކާރުގައި ދޮޅު އަހަރުވަންދެން, ޝަމްއާންއަށް ވައްކަން ކުރަން ފުރުސަތު ދީގެން ހުރީވެސް ހަމަ މުއިއްޒުއެވެ.
އިހުސާން ބޭނުންވާގޮތަށް ފަރުމާ ކޮށްފައިވާ އެތައް މައުލޫމާތެއް މުއިއްޒުއަށް ފޯރުކޮށްދީގެން އިހުސާން ދަނީ އޭނާ ސަރުކާރުން ބޭރު ކުރަން ބޭނުންވާ މީހުން މަގާމްތަކުން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. މުއިއްޒުގެ އަރިހަށް އިހުސާން ގެންދަވާ ފޭކް އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރުކޮށް މުއިއްޒު ގެންދަވަނީ އިހުސާން ދޭ ރިކޮމެންޑޭޝަންތަކަށް ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތައް މަގާމްތަކުގެ ޒިންމާތަކުން އެކަހެރި ކުރަމުންނެވެ.
އަދި އިހުސާންގެ ރެކަމަންޑޭޝަންއަށް ކުންފުނިތަކުގެ އެމްޑީކަމަށާއި އެނޫނަސް އެތައް މަގާމަކަށް މުއިއްޒު ގެންދަނީ މީހުން އައްޔަން ކުރަމުންނެވެ. އެފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގާ, އިހުސާން ދަނީ އެފަރާތްތައް މެދުވެރިކޮށް ކުންފުނިތަކުންވެސް އިހުސާން ބޭނުންވާ އެތައް ބަޔަކަށް ވަޒީފާ ހަމަޖައްސާދީ, އޭނާގެ ނުފޫޒު މުޅި ސަރުކާރަށް ފަތުރާ, ބާރުތައް ގަދަ ކުރަމުންނެވެ.
މީގެ އެއް މިސާލަކީ ފެނަކަ ކޯޕަރޭޝަންއެވެ. އެކުންފުނީގެ އެމްޑީކަމަށް އިހުސާންގެ "ބަޑީ"އެއް ހަމަޖެއްސިފަހުން, އެކުންފުނީގެ އެތައް މަގާމަކަށް މިހާރުވަނީ އިހުސާން ބޭނުންވާ އެތައް ބަޔަކަށް ވަޒީފާ ދީފައެވެ.
މުޅި ސަރުކާރުގައި މިފަދަ އެތައް މުވައްޒަފުންނެއް މިހާރު އެބަ ތިއްބެވެ.
އެހެންނަމަވެސް މުއިއްޒުއަށް އަދި މިހާތަނަށް ވަޒަން ނުކުރެވި އޮތްކަމަކީ, އިހުސާންއަކީ ވެރިކަމުގެ ހުވަފެން ދެކެމުން އަންނަ ފަރާތެއް ކަމެވެ. މުއިއްޒުއަށް ދެވަނަ ދައުރެއްގެ ހުވަފެން އިހުސާން ދައްކަމުން އައި ނަމަވެސް, އިހުސާންގެ ހަގީގީ އެޖެންޑާއަކީ ސިޔާސީގޮތުން މުއިއްޒު ބަލިކަށި ކުރުން ކަމެއްވެސް މުއިއްޒުއަށް ވަޒަން ކުރެވިފައެއް ނުވެއެވެ.
ހަގީގަތުގައިވެސް މުއިއްޒު ހުންނެވީ އަވާ މެންދުރެއްގައެވެ. އިހުސާން ހައްދަވާ އިންޓެލިޖެންސް ރިޕޯޓުތަކުގެ އަވާގައި ޖެހިފައެވެ. އޭނާގެ އިންޓެލިޖެންސް ރިޕޯޓުތަކަށް އިތުބާރުކޮށް, ސަރުކާރުގެ ތެރޭގައި ތިއްބެވި, އެތައް ޒަމާނެއްވަންދެން ޕީޕީއެމްގެ ފިކުރުގައި ތިބި އެތައް ބައެއް މުއިއްޒު ގެންދަވަނީ ބާކީ ކުރަމުންނެވެ.
ޕީޕީއެމްގެ ހަގީގީ ފިކުރާއި ބީރައްޓެހި, ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް, ”އީގޯ“ އެހާމެ ބޮޑު, ހޯމް މިނިސްޓަރު އިހުސާންގެ ކެހިވެރި މަޅީގައި ޖެހި މުއިއްޒު އެ ގެންދަވަނީ އޭނާ ސިޔާސީ ހަޔާތުގައި ކޫރުން އަޅަމުންނެވެ. މުއިއްޒުގެ ނިމުން އަންނަމުންދާގޮތް ކެތްތެރިކަމާއެކު ބަލަން ތިބެމާތޯއެވެ.